ތްރީއޭއިން ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިން ގޮތް ސާފުކޮށްދޭން ގޮވާލައިފި

ނޮވެމްބަރ 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަލީ ޝިޔާމް -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތިން ރިޒޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނެވި އިރު، ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރިޒޯޓު ހިންގުމުގެ ހުއްދަ ބާތިލުކޮށްފައިވާ ހަ ރިޒޯޓަކަށް ފައިސާ ދެއްކުން ފަސް ކޮށްދީ، ރިޒޯޓު ހިންގުމުގެ ހުއްދަ އަލުން ދިނެވެ. އޭގެ ތެރޭގައި އަލީ ޝިޔާމްގެ ތިން ރިޒޯޓެއް ހިމެނެ އެވެ. އޭރު އެ ތިން ރިޒޯޓުން ދައުލަަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 198.5 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ތިން ރިޒޯޓަށް ހިންގުމުގެ ހުއްދަ އަލުން ދިނީ، ނުފޫޒު ފޯރުވައިގެން ކަމަށް ވަނީ ކުރިންވެސް ތުހުމަތުކޮށްފަ އެވެ. މިހާރު އެ ފައިސާ ދައްކަން އޮތް މުއްދަތު ހަމަވެފައިވާއިރު، އެ ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އުޝާމް "ސަން"އަށް ވިދާޅުވީ، އެކަމަކީ ވަކި ބަޔަކަށް ފައިދާ ވާނެ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށްވާނަމަ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް ކޮށްފައިވާ ނަމަ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އެކަމުގެ ހަގީގަތް ސާފުކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ހަގީގަތަކީ ކޮބައިކަން ޓޫރިޒަމް މިނިސްޓްރީއިން އެބަ ޖެހޭ ސާފުކޮށްދޭން،" އުޝާމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ބަދަލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާއާއި ޓެކްސް ފަދަ ފައިސާއަކީ ކޮންމެ ސަރުކާރެއް ބަދަލުވާ އިރަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

އޭނާވިދާޅުވީ، ފައިސާ ދައްކަން ދިން މުއްދަތުގެ ތެރޭގައިވެސް ތްރީއޭއިން ފައިސާ ދައްކާފައި ނުވާނަމަ އެއީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި އެއީ ދައުލަތަށް ލިބުން ވަރަށް މުހިންމުވާނެ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޫރިމަނާ ދެއްކުން ފަސް ކުރި ރިޒޯޓުތަކުގެ ތެރެއިން އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ކުންފުނިތައް:

  • ފިލިތެޔޮ އައިލެންޑް ރިސޯޓު (ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް): 8.12 މިލިއަން ޑޮލަރު ދައްކަން ޖެހޭ
  • މެދުފުށި އައިލެންޑް ރިސޯޓު (މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް): 4.29 މިލިއަން ޑޮލަރު ދައްކަން ޖެހޭ
  • ހޮނޑާފުށި އައިލެންޑް ރިސޯޓު (އަބްދުﷲ އަލީ): 409،575 ޑޮލަރު ދައްކަން ޖެހޭ

ތްރީއޭ ކުންފުނީގެ ފަރާތުން 198.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވޭތޯ ޝިޔާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހަމްޒާ އަބްދުﷲ އަލީއާ "ސަން" އިން ސުވާލުކުރުމުން އޭނާ އެކަން ސާފުކޮށެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވެސް ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހުރި ކަމަށާއި، ސަރުކާރާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ލައިސެންސް ހިފަހައްޓާފައިވާ ހަ ރިސޯޓަކަށް ލުއި ދީ، ރިޒޯޓު ހިންގަން ހުއްދަ ދިން އިރު، އެ ރިސޯޓްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަަދަދު 20.05 މިލިއަން ޑޮލަރު (309.15 މިލިއަން ރުފިޔާ) އަރަ އެވެ.

comment ކޮމެންޓް