ފާރިޝް މިދިލި ގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ މެދުގައެވެ. އެވޭނީ އިޙުސާސްތައް އޭނާގެ މުޅި ހަށިގަނޑަށް ވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ އެއްވެސް މީހަކަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ. ނަމަވެސް ފާރިޝަށް މިއަދު އެނޫން ގޮތެއް ނެތެވެ. އަޅާލާނޭ އެއްވެސް އެހީތެރިއެއް ނެތް މި ދުނިޔޭގައި އޭނާ އެހެރީ ބާކީވެފައެވެ. އެހީތެރިވާން ހުރި ހަމަ އެކަނީ ބޭބެވެސް އޭނާއާ މެދު ދެކެނީ ބިރުވެރި ފުރޭތައެއް ފަދައިންނެވެ. ބަލިޙާލުގައި ޖެހި އެހީތެރިކަމަށް އެންމެ ބޭނުންވީ ދުވަހު ގެއިން ބޭރުކޮށްލީ އިންސާނީ ވަންތަކަމުގެ ކުލުނެއް ވެސް ނެތިއެވެ.

ފާރިޝްއަކީ ކިޔަވައިގެން ހުރި ހުނަރުވެރި ފަންނީ ޒުވާނެކެވެ. ބެލްޖިންގައި ބޭއްވުނު އިންޓަނޭޝަނަލް އާރޓު އެގްޒެބިޝަނަކަށް އޭނާ ކުރެހި ކުރެހުމަށް މުޅި ދުނިޔެއިން އެއްވަނަ ލިބުމުން އެވޯޑާ ޙަވާލުވުމަށް ކުރި ދަތުރުގައި އެކުވެރިން ތަކަކާއެކު ޒުވާންކަމުގެ ޖޯޝުގައި މަސްތުވެ ބަނދެވުނު ކެހިވެރި މަޅިއެއްގެ ސަބަބުން މިއަދު އޭނާގެ ޙަޔާތް މިވަނީ ނަރަކައަކަށް ވެފައެވެ.

އޭނާގެ ޚިޔާލީ ސްކްރީނުގައި ނިއުޅެމުން އެދަނީ އޭނާގެ ހިތި މާޒީއެވެ. ބެލްޖިންގެ ހިތްގައިމު މާޙައުލުގައި ފައިތިލަ ޖެހުނު ދުވަހު އެތަނުގައި ކިޔަވަން ތިބި ދިވެހި ކުދިން ކޮޅަކާ އޭނާއާ ބައްދަލުވިއެވެ. އެކުދިންނާ އެކު އެ ނިވިދިއްލޭ ޖައްވުގައި އުދުހުމުގެ އުފާވެރިކަން އޭނާ ޙާޞިލު ކުރިއެވެ. ދުވަކު ހުވަފެނުން ވެސް ދެކިފައި ނުވާފަދަ މި ޖައްވު ވީ އޭނާއަށް ވަރަށް އާ ކަންތައްތަކެއް ތަޖުރިބާވީ ތަނަކަށެވެ.

އެއީ ވަރަށް އުފާވެރި ރެއެކެވެ. މަޝްހޫރު ޗައިނާގެ ބޮޑުފާރު ދެކިލުމަށް ގޮސްފައި އަންނަމުން އެރޭ ހޭދަކޮށްލީ ވަރަށް އަރާމު ހޮޓަލެއްގައެވެ. ކޮންމެމީހަކަށް ވަކިކޮޓަރިއެއްގައި މަޑުކޮށްލީ މިނިވަންކަމާއެކު އެރޭ ހޭދަކޮށް ލުމަށެވެ. ރެސްޓޯރެންޓުން ރަނގަޅަށް ކެއުމަށްފަހު ޑީޖޭގައި ބައިވެރިވުމަށް އެކަކު ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް ފާރިޝް ބޭނުންވީ އަވަހަށް ނިދައިލުމަށެވެ.

ފާރިޝްމެން ހާދަ ފިނޑިޔޭ ދޯ؟..... މިހެން އާދެވޭ ފަހަރު މިތަނުގެ ހުރިހާ ރަހައެއްވެސް ބަލާލަން ވާނޭ. ނިކަން އެތިބަ ރީތި ކުދިންނަށް ބަލާލަބަލަ... އެއިން ކުއްޖަކާއެކު ނަށާލެވުނަސް އެއީ ކިހައި ބޮޑު ނިޢުމަތެއްތަ؟... ނިކަން ގަޓުހުރި ފިރިހެނަކަށް ވެބަލަ... ފާރިޝާ މުޚާޠަބުކޮށް އަންމަޑޭ ބުންޏެވެ.

ފާރިޝް ނިކަން ފިރިހެންވެބަލަ... ހިނގާ އަހަރެމެންނާ އެކު ނެށުމުގައި ބައިވެރިވެލަން... އެކުދިން ނިކަން ފައްކާވާނޭ.... ދަތުރު ނިމޭއިރު އެތަޖުރިބާ ވެސް ކޮށްލަންވާނޭ... އެހެންނޫނީ މާލެ ދިޔައިމާ ރަށްޓެހިން ސުވާލު ކުރީމާ ކީކޭ ބުނާނީ.. އަހަންނަށް ޔަޤީން...... މި ކަހަލަ ކަމެއް ނުކޮށް ގޮސްފިނަމަ އެމީހުން ވެސް ބުނާނެ. ފާރިޝް ތީ ފިރިހެނެއް ނޫނޭ........ ހޫއްޓޭ އަންމަޑޭގެ ވާހަކައަށް އިތުރުކުރިއެވެ.

ފާރިޝަށް ޖެހުނީ އެހެން މީހުންނެކޭ އެއްފަދައިން ނެށުމުގައި ވެސް ބައިވެރި ވާށެވެ. އަދި އެކުވެރިން ދެއްކި މަގުން ކުރިއަށް ގޮސް އެންމެ ފަހުން ދުވަހަކުވެސް ނުކުރާން ޢަޒުމު ކަނޑައަޅައިގެން ހުރި ކަންތައްތައް ވެސް ކުރެވިއްޖެ އެވެ. ރަށްޓެހިންގެ ކުރިމަތީގައި ކަޓު މީހަކަށް ނުވުމަށެވެ. ގަޓު ހުރި ޒުވާނެއްކަން ދެއްކުމަށްޓަކައެވެ. އެރޭ ނިމިގެން ދިޔައީ ފާރިޝް އޭގެ ކުރިން ތަޖުރިބާ ނުކުރާ އެތައްކަމެއް ތަޖުރިބާ ކުރުމަށް ފަހުގައެވެ. ހަށިގަނޑާއި ފުރާނައަށް ވެސް މެއެވެ.

ދަތުރު ނިންމާލައިފައި މާލެއައިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފާރީޝް ރޭގަނޑު ހީކަރުވަން ފަށައިފިއެވެ. ހުންއަންނަން ފަށައިފިއެވެ. ގައިގައި ވަރުދެރަވެ ހަށިގަނޑު ހިކިއަނަރޫފަވާން ފަށައިފިއެވެ. ލުއި ފަރުވާ ކޮށްކޮށް ރަނގަޅު ނުވެގެން އެންމެ ފަހުން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ކުރެވިއްޖެ އެވެ.

އޭގެ ތިންދުވަސްފަހެވެ. ފާރިޝްއޮތީ އޭނާގެ އެނދުގައި ރޫދަމާލައިގެން އަނަރޫފަ ވަމުންދާ އޭނާގެ ހަށިގަނޑާމެދު ވިސްނާ ފިކުރު ކުރާށެވެ. ހެލިފެލިވެ އުޅުނަސް އުޅެވެނީ ހަށިގަނޑުގައި ވަރު ހުރެގެންނެއް ނޫނެވެ. އޭނާގެ ހިތްވަރުންނެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ދަންނަ ނަންބަރެއްނޫނެވެ. މޯބައިލަކުން ވެސް ނޫނެވެ. ލައިނަކުންނެވެ. ފޯނުނަގައިފި އެވެ. ހޮސްޕިޓަލުން ޑޮކްޓަރެވެ.

ފާރިޝްތޯ؟........ އެކޮޅުން ސުވާލު ކުރިއެވެ.

އާދެ! މީ ފާރިޝް، ކިހިނެތްތޯ ވީ؟...... ތީ ކޮން ބޭފުޅެއްތޯ؟

މީފާރިޝް ބެލި ޑޮކްޓަރު. މިހާރު ކިހިނެތްތޯ؟

ރަނގަޅު. ވަކި ގޯހެއް ނޫން. މިވަގުތު ހުން ހުރީ ފިނިކޮށްފައި. ފާރިޝް ކިޔައިދިނެވެ.

ފާރިޝް ވެއްޖެޔޭ ވަރަށް އަވަހަށް ޑޮކްޓަރާ ބައްދަލު ކޮށްލަން. މިވަގުތު އާދެވޭނެތަ؟

މިހާ ކުއްލި ގޮތަކަށް ޑޮކްޓަރު ބައްދަލު ކޮށްލަން ބޭނުން ވާހަކަ ވިދާޅުވުމުން ކޮންމެވެސް ސީރިއަސް ކަމެއް އުޅޭހެން ފާރިޝަށް ހީވެއްޖެއެވެ.

އާދެ! މި ދަނީ....

ފާރިޝް ކާރެއްގައި ހޮސްޕިޓަލަށް ހިގައްޖެއެވެ. ޑޮކްޓަރު އިންނެވީ މާކުރިން އޭނާއާއި ބައްދަލުކުރަން ތައްޔާރު ވެގެން ކަހަލައެވެ. އޭނާ ދޮރު ހުޅުވައިލުމާ އެކު، އަވަހަށް އައިސް އިށީނުމަށް ޑޮކްޓަރު އިޝާރާތް ކުރިއެވެ. ޑޮކްޓަރު ރަނގަޅަށް ފާރީޝްގެ މޭގައި ކަށިގަނޑު އަޅައި ޗެކްކޮށްފިއެވެ. އަދި ވަރަށް އެކުވެރި ރާގަކަށް ފާރިޝްގެ ދިރިއުޅުމާއި ބެހޭ ގޮތުންނާއި ޢާއިލާއާއި ބެހޭގޮތުން ސުވާލުކޮށް މަޢުލޫމާތު ހޯދަން ފެށިއެވެ. ފާރިޝް އިނީ ކޮންމެވެސް ވަރަކަށް ސީރިއަސް ވެފައެވެ. ކުއްލިއަކަށް ޑޮކްޓަރު މިހާ އޯގާތެރިކަމާއި ގާތްކަމާއެކު ވާހަކަ ދައްކަން ފެށުމުން އޭނާގެ ޙާލު ވަރަށް ސީރިއަސް ކަމުގައި ފާރިޝަށް ހީކުރެވުނެވެ.

ޑޮކްޓަރު އަނެއްކާ އަޅުގަނޑުގެ ޙާލު މާ ގޯހީތޯ........ މައްސަލައެއް އުޅެނީތޯ............؟ އަޅުގަނޑު ހުން އަންނަތާ އަދި އެހާ ދުވެހެއްވެސް ނުވޭ ނޫންތޯ ޑޮކްޓަރ.؟ ހާސްވެ ކަންބޮޑުވެފައި އިނދެ ފާރިޝް ޑޮކްޓަރާ ސުވާލު ކުރިއެވެ.

ނޫނޭ..... އަހަންނެއް ތިހެން ނުބުނަމެއްނުން. ފާރިޝް ރާއްޖެއިން ބޭރަށް ދިޔައިންތަ؟

އާދެ...! އަޅުގަނޑު މީގެ ހައެއްކަ މަސްކުރިން ބެލްޖިންއަށް ދިޔައިން..

އެދަތުރު ވަރަށް މަޖާތަ..؟ ކޮން ތަންތަނަކަށް ދިޔައީ..

ދިޔައިން ބައިވަރު ތަންތަނަށް. ބޮޑުފާރު ބަލަންވެސް ދިޔައިން އެދަތުރު އެއީ ވަރަށް މަޖާ ދަތުރެއް.

ކީއްކުރަންތަ އެޤައުމަށް ދިޔައީ.... ބޭސް ފަރުވާއަކަށްތަ؟

ނޫން..... އަޅުގަނޑު ބައިވެރިވި އާރޓު އެގްޒިބި ޝަނަކުން 1 ވަނަ ލިބުމުން އެތަނުން ދިން ދަތުރެއް އެއީ..... އެތަނަށް ދިޔަތަނާ އެތަނުގައި ކިޔަވަން ތިބި ދިވެހި ކުދިން ކޮޅަކާ ބައްދަލުވި..... އެކުން ދަތުރު އެހާ މަޖާވީ އެހެންވެ.. އެމީހުން އަހަރެން ގޮވައިގެން ތަންތަނަށް ދިޔައީތީ.... ބޮޑުފާރު ބަލަންވެސް.. އަދި އެތަނުން އައި މަގުމަތީ ވަރަށް ސަޅި ހޮޓަލެއްގައި އެއް ރޭ ހޭދަކުރިން.. އެއީ ދަތުރުގައި ހޭދަވި އެންމެ މަޖާ ދުވަސް...

ޑޮކްޓަރު ވަރަށް ފަރުވާތެރި ކަމާއެކު ފާރިޝްގެ ވާހަކަތައް އަޑުއަހަން އިނެވެ. އަދި އޭނާއަށް ޝައްކު ނުވާނޭހެން ބައެއްފަހަރު ހީލައި ބޯ ޖަހާ ހީލައި ހަދައެވެ. ޑޮކްޓަރު އޭނާގެ ވާހަކައިން އެންމެ އަޅައިގަތީ ހޮޓަލުގައި މަޑުކުރި ރޭގެ ވާހަކައިގައެވެ. އެހިސާބުން އަނެއްކާވެސް ޑަކްޓަރު ވަރަށް މަޖާވެލާފައި ސަމާސާ ފާޑަކަށް، ގާތްކަން އެކުލެވޭ ރާގެއްގައި ސުވާލެއް ކޮށްލިއެވެ.

އެހިސާބުގައި ވަރަށް އަންހެންކުދިން ތިޔާގިވާނެ. އަޅެ އެރޭ އެކަހަލަ ކަމަކާ ދިމާވިތަ؟ މިހެން މިބުނީ އެ ހިސާބަށް ގޮސްފައި އެކަހަލަ ފޮނި މީރުކަމެއް ނުލިބޭނަމަ ދަތުރުގެ މަޖާކަމެއް ނުހުންނާނެތީ......

އާނ.... ތިބާވަތުގެ ކަމެއްވެސް ހިނގި... އެކަމަކު އެއީ އަޅުގަނޑު ބޭނުންވެގެން ހިނގިކަމެއްނޫން. އެމީހުން އެއްޗެހިގޮވާވަރުން އެމީހުންގެ ދަށުނުވާން ވެގެން ކުރިކަމެއް.... އެއީ...... ފަހުން ވަރަށް ދެރަވެސް ވި އެކަހަލަ ފާފައެއް ކުރެވުނީތީ.........

ފާރިޝްގެ ވާހަކަ އަޑު އަހަން އިން ޑޮކްޓަރުގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔަކަން ފާރިޝްއަށް ވަޒަން ކުރެވުނެވެ. އެވަގުތު ފާރިޝްއަށް މިދެއްކުނީ ދައްކަން ނުވާވަރުގެ ވާހަކައެކޭ ހިތަށް އެރިއެވެ. ނަމަވެސް އޭރު އެބަސް ވަނީ އަނގައިން ބޭރުވެފައެވެ. ފާރިޝްއަސް ލަދުން އިސްޖަހާލެވުނެވެ. އެވަގުތު ޑޮކްޓާރު ވަރަށް މަޑުމައިތިރި އަޑަކުން ވަރަށް ސީރިޔަސް ރާގަކަށް ބުންޏެވެ.

ފާރިޝް ވަރަށްދެރަ ފާރިޝްގެ ބަލީގެ އަސްލަކީ ތިދަތުރު...... ދެން.......ހީނުވޭ ފާރިޝް ދުވަހަކުވެސް ތިބަލިން.......... ސަލާމަތް ވާނެހެން..........

ކީކޭތޯ؟ ޑޮކްޓަރު....... އަޅުގަނޑުގެ ބައްޔަކީ ދަތުރޭތޯ؟......އެވެސް ބައްޔަކަށް ކިޔާނަމެއްތޯ؟...... ބައްލަވާ އެކަން ބައްޔަކަށް ވާނީ ކިހިނެއްތޯ؟... އޭގެ ފަހުން އަޅުގަނޑު އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ..... އަޅުގަނޑަކީ މީ އެހާ ގޯސްމީހެއްނޫނޭ........ ޑޮކްޓަރު

ފާރިޝް އަހަރެން އެއްފަހަރުވެސް ފާރިޝް އަކީ ގޯސްމީހެކޭ ނުބުނަން....... އަދި ބުނާކަށް ނުވެސް ނެތިން... ފާރިޝް އަށް އެނގޭތަ؟ އަހަރެމެން މިކުރި ޓެސްޓުތަކުން ފާރިޝް ގައިގައި އެޗްއަވީ ޕޮޒިޓިވް ކަމަށް އެބަދައްކާ........

އެޗްއައިވީ.............. ނުވާނެ.......... ޑޮކްޓަރު........ އެހެންނުވާނެ....... އަޅުގަނޑު ގައިގައި އެޗްއައިވީއެއް ނުހުންނާނެ........ ޑޮކްޓަރު ތިހެން ނުބުނޭ.....

ފާރިޝްއަށް ހީވީ އޭނާގެ ވުޖޫދުގައި އެޓޮމިކް ބޮމެއް ގޮވިހެންނެވެ. ދިރިހުއްޓައި މިކްސްޗަރަކަށް ލައި ގިރާލި ހެންނެވެ. ހަށިގަނޑުގެ މަހާއި ކަށިތައް ޗިސްޗިސްވެގެން ދިޔަހެންނެވެ. އޭނާގެ ހެއެއްނެތެވެ. ޑޮކްޓަރު އޭނާގެ އެހީތެރިޔާ ބޭބެއަށް ގުޅައިފިއެވެ. އޭނާގެ ބޭބެއާއި ފަހަރިއާއި އަވައްޓެރި ދެތިން މީހަކވެސް ހޮސްޕިޓަލަށް އައެވެ. ނަމަވެސް އޭނާ އޮތް ހިސާބަށް ވެއްދީ ބޭބެ ހާރިސް އެކަންޏެވެ. ޑޮކްޓަރު ހާރިސް ގާތު ފާރިޝްގެ ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އަދި އެކަން ސިއްރު ކުރުމަށާއި މިވަގުތު އޭނާއަށް ޢާއިލާގެ ލޯތްބާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ވާނޭ ކަމަށާއި އޭނާގެ ބައްޔަށްވުރެ ނަފުސާނީ ގޮތުން އޭނާއަށް ކުރާނޭ އަސަރު މާ ބޮޑުވާނޭ ކަމަށް ބުނެ ހާރިސަށް މިކަން އެނގޭކަން ވެސް އޭނާއަށް ނެއެންގުމަށް ނަޞޭޙަތްތެރި ވިއެވެ. އަދި އޭނާ އުޅެނީ އެއްވެސް އަންހެން ކުއްޖަކާ ރައްޓެހި ވެގެން ތޯ ވެސް އަހައި އޮޅުން ފިލުވި އެވެ. ހާރިސް އޭނާއަށް އެނގިހުރި ފާރިޝް އާއިބެހޭ މަޢުލޫމާތެއް ވިއްޔާ ޑޮކްޓަރަށް ކިޔައިދިނެވެ.

ޑޮކްޓަރު ދެތިން އިންޖެކްޝަނެއް ޖަހައި އައިވީއެއް ދުއްވާލުމަށް ފަހު ފާރިޝް ގެއަށް ދޫކޮށްލީ ވެސް ވަރަށް ގިނަ ނަޞޭޙަތް ދިނުމަށް ފަހުގައެވެ.

ގެއަށް ދެވުމާއެކު ބޭބެއާއި ފަހަރި ފާރިޝްއާއި ދިމާއަށް އެއްޗެހި ގޮވާން ފެށިއެވެ. މަލާމާތް ކުރިއެވެ. އޭނާ ދެކެ ބިރު ގަންނަ ކަމަށާއި ކުޑަ ކުދިން ތަކެއްގެ ތެރޭ ދެން ބެހެއްޓޭނެގޮތެއް ނެތް ކަމަށް ބުންޏެވެ. ރަށުގައި ހުރި މައިން ބަފައިންގެ މުސްކުޅި ގޭގައި ހުރުން މާ ރަނގަޅު ވާނޭ ކަމަށް ވެސް ބުންޏެވެ. އެމީހުންނަށް އެއިޑްސް ޖެހިފައިވާ ދެ ދުވަހުގެ މެހުމާނެއް ނުބެލެހެއްޓޭނެ ވާހަކަ ވެސް އެންމެ ފަހުން ދުލުން ބޭރު ކުރެވިއްޖެއެވެ.

ފާރިޝް ވަރަށް ދެރަވެއްޖެއެވެ. ހިތުގައި ޖެހުނު ވަރުން ގިސްލަ ގިސްލާފައި ރޮވިއްޖެއެވެ. ދެރަ ނުވާނީ ކީއްވެގެންތޯއެވެ. މިހާ ދުވަހު މައިންބަފައިންގެ ގޮތުގައި އެހީތެރިވަމުން އައި ބޭބެއާއި ފަހަރި އޭނާ ޙާލުގައި ޖެހުނު ދުވަހު، އެހެންމީހުންގެ އެހީއަށް އެންމެ ބޭނުންވިދުވަހު ގެއިން ބޭރުކުރީއެވެ.

ފާރިޝް ރަށަށް އައިސް އެކަނިމާ އެކަނި މައިންބަފައިންގެ ފަޅު ގޭގައި ހުންނަތާ މިހާރު ދެ އަހަރު ވަނީއެވެ. ބޭބެ ހާރިސް އެންމެ ކުޑަމިނުން އޭނާގެ ޚަބަރެއް ވެސް ބަލައި ނުލައެވެ. ދުރުތާ ތިމާގެ މީހަކު ކާއެތިކޮޅެއް ދޭތީ ބަނޑު ފުރާނަ މުއްތި ކުރެވުނެއްކަމަކު އިންސާނާ ދުނިޔޭގައި ހުރުމަށް ހިތް ހަމަޖެހުމާއި އުފާވެރިކަމަކީ ވެސް ކިހާ ބޭނުން ތެރި އެއްޗެއްތޯއެވެ. ފާރިޝްގެ ބަލިބޮޑުވެ މިހާ ވަރުދެރަވުމުގެ އަސްލަކީ އޭނާ ބަރުދާސްތު ކުރަން ޖެހިފައިވާ ހިތްދަތި ކަމާއި އެކަނިވެރިކަމެވެ.

މިދިލި ގަހުގައި ލެނގިލައިގެން ހުރި ފާރިޝް ކެއްސައިގެންފިއެވެ. އެއާއެކު ހުރިތަނުން ކުރިއަށް ހިނގައިގަތެވެ. އޭނާގެ ދެފައި އޮޅެން ފަށައިފިއެވެ. ހަށިގަނޑުގައި ވަރު ނެތުމުން ނޫން ކަމެއް ވެސް ނޭނގެއެވެ. ބިންމައްޗަށް ތިރިވާން ފަށައިފިއެވެ. ކެއްސާކެއްސާ ލޮލަށް ލޭއަރާވަރު ވެއްޖެއެވެ.

ކުއްލިއަކަށް އޭނާގެ އަނގަ މަތީގައި އަޅާފައިވާ އަތުގެ އިނގިލިތަކުގެ ތެރެއިން ފޭދިގެން އަންނަތަން ފެނުނީ ރަތް ލެއެވެ. ސާފު ރަތް ލެއެވެ. އެއާއެކު އެ އަތް މަޑުމަޑުން ތިރިވާން ފެށިއެވެ. އޭރު އަނގައާއި ނޭފަތުން ހޯސްލާފައި ލޭ އޮހޮރެމުން ދެއެވެ. ހީވަނީ ހިތާއި މޭ ފަޅިފަޅިވެގެން ބޭރަށް ފައިބަމުން ދަނީހެންނެވެ.

ވެއްޓެމުން ތިރިވަމުން ދިޔަ ފާރިޝް ރަނގަޅަށް ބިންމައްޗަށް ދެމިއްޖެއެވެ. އޭނާގެ ހަށިގަނޑުގައި ވިންދެއް ނެތެވެ. ދިރުމެއް ނެތެވެ. އެތަނަށް އައި ދެތިން ޒުވާނަކު އޭނާގެ ގާތުގައި މަޑުކޮށްލައިގެން އެބަތިއްބެވެ. ހީވަނީ ބިރުން އެމީހުންނަށް އެ ފުރާނަ ނެތް މަސްގަނޑުގައި ވެސް އަތްލާން ނުކެރިފައި ތިބީ ހެންނެވެ.

comment ކޮމެންޓް