ޑްރަގް މައްސަލާގައި ޕެސްޓުގެ މައްޗަށް ބޮޑު ފަސް ދައުވާއެއް، އުމުރު ދުވަހުގެ ހުކުމެއް އަތުވެދާނެ

ޕެސްޓް: ފޮޓޯ/ ސިމްބޮލިކް ރެކޯޑްސް

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ހައްޔަރު ކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ފަސް ދައުވާއެއް އުފުލައި އެ މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕެސްޓުގެ މައްޗަށް ކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި މުހައްމަދު ސުއައިދުގެ މައްޗަށް ވަނީ ހަތަރު ދައުވާ އެއް އުފުލައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި ދެން ދައުވާ ކޮށްފައިވަނީ މ. އަސަރީހަނދާން އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު މައްސަލާގައި ހައްޔަރު ކުރި އަހުމަދު ހުސާމްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ވަނީ ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ގަން-ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (ޖަހުލު)ގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައިވާ އެވެ.

އެ މައްސަލާގައި ދެން ދައުވާ ކުރަން ފޮނުވާފައިވަނީ އަހުމަދު ޝަމްއޫންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ޕެސްޓުގެ އިތުރުން އޭނާ އާއެކު ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަަލް ކޯޓަށް ފޮނުވީ މި އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ.

ރެޕް އާޓިސްޓެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ހުކުމެއް އޭނާގެ މަައްޗަށް އަތުވެދާނެ އެވެ.

"ރީތި ކުދިން"ގެ ނަމުގައި ނެރުނު ރެޕް ލަވައަކުން 2011 ވަނަ މަޝްހޫރުކަން ހޯދި ޕެސްޓް އަކީ މިހާރު މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެ އެވެ.

އޭނާ މަޝްހޫރުވެފައި ވަނީ ރާއްޖޭގެ "ރެޕް ކިންގް" ނުވަތަ ރެޕްގެ ރަސްގެފާނުގެ ގޮތުގަ އެވެ.

comment ކޮމެންޓް