ރައީސް ޔާމީންގެ ފަސް އަހަރުގެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ.

އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހު އެވެ. އެއަށް ފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ކޮޕީ މިއަދު ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ. އެއާ ހިލާފު ރައުޔަކަށްވީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔެވެ. ފަސް ގަޑިއިރަށް ވުރެ ދިގުލައިގެން ދިޔަ އަޑުއެހުމުގެ ބޮޑު ބައި ހޭދަވީ ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވާށެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ފުއްގިރީގެ އިތުރުން އެހެން ރަށްރަށުގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައްވެސް އެމަނިކުފާނުގެ މައްޗަށް ފުލުހުން އަދިވެސް ހިންގަމުންދެ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ސުވާލު ކުރަން އެމަނިކުފާނު ހާޒިރު ކުރެ އެވެ.

comment ކޮމެންޓް