ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން މިހާރު ވަނީ ހަމައަކަށް އެޅިފައި: ޒުހެއިރު

14:30


މި ސަރުކާރުން ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ހައްޔަރުކޮށްފައިނުވާނެ ކަމަށާއި މަޖިލީހުގެ ބައެއް މެންބަރުންގެ އެއްބާރުލެއްވުން ނުދެއްވައިގެން ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހެއިރު މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވާން މެދުވެރި ސަބަބެއް ކަމަށް ދިމާވީ ކެބިނެޓްގެ އިސްތިއުފާ ކަމަށާއި ނަމަވެސް މިހާރު އެ ކެބިނެޓް އެ އޮތީ އަލުން އަނބުރާ އިއާދަކުރެވިފައިވާ ކަމުން އެހާލަތް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ކަންތައްތައް ކުރެވިފައި ވަނީ ވާދަވެރި ޕާޓީތަކާއެކު އެއްބަސްވުންތަކަކާ ހަމައަށް އާދެވިގެން ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތަކުގެ މަސައްކަތް އަވަސްކުރުން ހިމެނޭ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ބައެއް މެންބަރުން މިސަރުކާރުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ސިޔާސީ ފިކުރެއް އޮވެގެން މިސަރުކާރުން އެއްވެސް ސިޔާސީ ލީޑަރެއް ހައްޔަރުކޮށްފައިނުވާނެ ކަމަށާއި އެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ބޮޑު ޖަރީމާއެއް ހިންގަން އުޅޭކަމުގެ ތުހުމަތެއްގައި އެބޭފުޅުންނަކީ މުޖުރިމުން ކަމުގައި ތުހުމަތު ކުރެވިގެން ކަމަށެވެ.


މިކަމާ ގުޅިގެން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމަށް އެއްވެސް ވަރެއްގެ ފިނިކަމެއް އައިސްފައިވާ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ. އެގޮތުން އުފެދިގެން އުޅޭ ހަލަބޮލި ކަމަކީ މިސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތާ ގުޅިގެން އައިސްފައިވާ ހަލަބޮލި ކަމެއް ކަމަށްވެސް ޝަރީފް ތުހުމަތްކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު