މިއަދުގެ ކޮވިޑް ނަމްބަރު 100އިން މަތީގައި، ބަލިޖެހިފައިވާ މީހުން 3،000އިން މަތީގައި

ސިނަމާލެ ބްރިޖް ސަރަހައްދުގައި އާންމުން ހަރަކާތްތެރިވަނީ: މިއަދުވެސް 100އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 100 އަށްވުރެ ގިނަ މީހުން މުޅިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އަދި މިހާރު ކޮވިޑް ޖެހިފައިވާ އެކްޓިވް ކޭސްތަކުގެ އަދަދު މި ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެއްގެ އިރުއޮއްސި 6:00 އިން މިއަދުގެ 6:00 އަށް ނެގި 2،950 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނި 113 މީހުންނެވެ. މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ ބަލާއިރު، 25 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 138 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސީޓީން 56 މީހަކާއި ރަށްތަކުން 46 މީހެކެވެ. އަދި ރިސޯޓުތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 25،304 އަށް އަރާފަ އެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 152 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 22،166 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 3،062 އެވެ. އޭގެ ތެރެއިން 85 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 67 އެވެ.

comment ކޮމެންޓް