ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލު ދޭން ކުރި ހުކުމް ބާތިލުކޮށްފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ދީބާޖާ އިންވެސްޓްމެންޓްސް ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، ދީބާޖާއިން ދައުވާ ކުރީ ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރި އެވެ.

ދީބާޖާއިން ހައިކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ މައްސަލަ މައުލޫއީ ގޮތުން ނުބަލައި ހައިކޯޓުގެ ހުކުމް ބާތިލު ކަމަށް ނިންމައިފަ އެވެ. އެއީ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ. އެގޮތަށް ނިންމީ އެ ކޯޓުގެ ކުރީގެ ބެންޗުންނެވެ.

އެ މައްސަލައިގައި ދީބާޖާއަށް ބަދަލު ދޭން މި ސަރުކާރުގައި އެއްބަސްވި ނަމަވެސް ފަހުން ޕްރެޝަރާ ހެދި ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާށެވެ. އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ މާޗް މަހު މައްސަލަ ބަލައިގެންފަ އެވެ.

އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މީގެ ކުރިންވެސް ސުޕްރީމް ކޯޓުން، އެ ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއުކޮށް ބަދަލުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ހުކުމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމް ރިވިއުކޮށް ބަދަލުކުރިކަން ފާހަގަކޮށްފައިވެ އެވެ.

ދީބާޖާގެ މައްސަލަވެސް އަދުލު އިންސާފު ގާއިމް ކުރުމުގެ ބޭނުމަށް އަލުން ބަލަން ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ކުރީގެ ހުކުމް ބާތިލު، ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރެވޭނެ

ސުޕްރީމް ކޯޓުން ކުރިން މައްސަލައިގެ މައުލޫ ނުބަލައި، އިޖުރާއީ ކަމަކާ ހެދި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ބަދަލު ދޭން ހުކުމް ކުރި އިރު، އެކަން ކުރީ ހައިކޯޓުގެ ހުކުމް ބާތިލު ކުރި އެއްވެސް ސަބަބެއް ބުނުމެއް ނެތި ކަމަށް ހުކުމުގައި ފާހަގަކުރި އެވެ.

"ހައިކޯޓުން ކުރި ހުކުމް ކަމު ނުދާ، ނުވަތަ ގާނޫނީ ގޮތުން ހަމަ ނުޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވޭ. އަދި ސިވިލް ކޯޓުގެ ނިންމުމަކީ ގާނޫނީ ގޮތުން އެކަށޭނެ ނިންމުމެއްކަން ނުވަތަ ނޫން ކަމާ މެދުވެސް އެއްޗެއް ބުނެފައި ނުވޭ،" ހުކުމުގައިވެ އެވެ.

އެހެންވެ، މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކުރާށެވެ. ނަމަވެސް، ހައިކޯޓުގެ ހުކުމާ މެދު އެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑަނޭޅޭނެ ކަމަށް ނިންމާފައިވެ އެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފު ކުރަން މިއަދުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 15 ދުވަސް ހުކުމުގައި ދިނެވެ.

އިސްތިއުނާފު ބަލައިގަތުމަށް ހައިކޯޓަށް އިހްތިޔާރު

ދައުލަތުން އެ މައްސަލައިގައި މީގެ ކުރިން ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯތުގައި އިސްތިއުނާފު ކުރަން ލަސްވި އެއް ސަބަބަކީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ސިވިލް ކޯޓުން ނުދިނުން ކަމަށެވެ. މިއަދުގެ ހުކުމުގައި ބުނެފައި ވަނީ އެ ރިޕޯޓު ނުލިބުމަކީ މައްސަލަ އިސްތިއުނާފު ނުކުރެވުމަށް ގަބޫލު ކުރެވޭ އުޒުރެއް ކަމަށެވެ.

އިސްތިއުނާފު މުއްދަތު ހަމަވާ ފަހުންވެސް ހައިކޯޓަށް ފެންނަ ނަމަ އިސްތިއުނާފު ބަލައިގަތުމުގެ އިހްތިޔާރީ ބާރު ހައިކޯޓަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، އިސްތިއުނާފު ނުކުރެވުމަކީ ދަށު ކޯޓުގެ ހުކުމް ދެމެހެއްޓިގެން ދިޔުން ނޫން ކަމަށްވެސް ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ.

"އިސްތިއުނާފު މުއްދަތު ހަމަވުމަކީ އެއްވެސް އިސްތިސްނާއެއް ނެތި އޮޓަމެޓިކުން ދަށު ކޯޓުގެ ހުކުމަށް ގަޟާއި ހުއްޖިއްޔަތާއި ކަނޑައެޅި ނިޔާގެ ބާރު ލިބޭ ހާލަތެއް ކަމަށް ނުބެލެވޭ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫން އެވެ.

ދީބާޖާގެ މައްސަލައިގައިި ސަރުކާރުގެ ސެޓަލްމެންޓް ކޮމިޓީއިން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދޭން ނިންމި އެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބަލައި، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހަޅަން ރައީސްއަށް ދެންނެވުމަށެވެ.

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.

comment ކޮމެންޓް