މިފްކޯގެ މާކެޓިން ކޮންސަލްޓެންޓަކަށް ނަޒީހާ ހަމަޖައްސައިފި

މިފްކޯގެ މާކެޓިން ކޮންސަލްޓެންޓު ކަމަށް ހަމަޖެއްސި ނަޒީހާ އަހުމަދު --

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މާކެޓިން ކޮންސަލްޓަންޓަކަށް ފަސްޓް ލޭޑީ ފަޒްނާގެ ކޮއްކޯފުޅު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހުމަދު ހަމަޖައްސައިފި އެވެ.

ނަޒީހާގެ ލިކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާ މިފްކޯގެ މާކެޓިން ކޮންސަލްޓެންޓު ކަމުގެ މަގާމު އަދާ ކުރައްވަން ފެއްޓެވީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިފްކޯއިން މާކެޓިން ކޮންސަލްޓެންޓެއް ހޯދަން ފާއިތުވި ދެތިން މަސް ތެރޭގައި އިއުލާނު ކުރި ކަމެއް ދައުލަތުގެ ގެޒެޓުން އެނގެން ނެތެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު 28ގައި މާކެޓިން މެނޭޖަރެއް ހޯދަން އެ ކުންފުނިން އިއުލާނުކޮށްފައިވެ އެވެ.

އޭނާ ވަނީ ސްވިޒަލެންޑުގައި ވޮޝިންޓަން ސްޓޭޓް ޔުނިވާސިޓީއިން ރެސްޓޯރެންޓް އެންޑް ހޮޓެލް މެނޭޖްމަންޓު ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިފަ އެވެ. އަދި ލަންޑަންގެ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާ އިން މާކެޓިން ކޮމިއުނިކޭޝަންގެ މާސްޓާސްއާއި، ކޯނެލް ޔުނިވާސިޓީއިން ސެޓިފިކެޓް އިން ޑިޖިޓަލް މާކެޓިން ހާސިލުކުރައްވާފައިވެ އެވެ.

ނަޒީހާ 2007 ވަނަ އަހަރުން ފަށައިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެމްބަރުކަން ހަތް އަހަރާއި އަށް މަސް ވަންދެން ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ކްރޫޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމާއި، އާއިލީ ވިޔަފާރިއެއް ކަމަށްވާ ސޯލްޓް ކެފޭގެ މެނޭޖަރުކަން ކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް