ބްރެޒިލްގައި ކޮވިޑް ޖެހިގެން އެއް ދުވަސް ތެރޭ 4،000އަށް ވުރެ ގިނަ މަރު

ބްރެޒިލްގައި ކޮވިޑް ޖެހިގެން އެއް ދުވަސް ތެރޭ 4،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ބްރެޒިލިއާ (އޭޕްރިލް 7): ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން އެއް ދުވަސް ތެރޭ 4،000އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން އިއްޔެ ރިޕޯޓު ކުރި ގޮތުގައި އެގައުމުން ކޮވިޑް ޖެހިގެން 24 ގަޑި އިރު ތެރޭ 4،195 މީހަކު ވަނީ މަރުވެފަ އެވެ. އެއީ އެގައުމުގައި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭ ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ބްރެޒިލްއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 337،000އަށް އަރާފަ އެވެ. އަދި އެއީ އެމެރިކާއަށް ފަހު އެ ބަލި ޖެހިގެން ދުނިޔެއިން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ގައުމެވެ.

ބްރެޒިލްގެ ހެލްތު އިންސްޓިޓިއުޓެއް ކަމަށްވާ ފިއޯކްރޫޒްއިން ބުނި ގޮތުގައި އެގައުމުގެ ގިނަ ސްޓޭޓުތަކުގެ 90 ޕަސެންޓު އައިސީޔޫ އެނދުތަކުގައި މިހާރު ފަރުވާ ދެމުން ދަނީ ކޮވިޑް ޖެހިފައިވާ މީހުންނަށެވެ. އަދި ބައެއް ސްޓޭޓުތަކުން ދަނީ އޮކްސިޖެން އާއި ހޭނައްތާ ބޭސްގެ ސަޕްލައި ހުސްވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ އެކުވެސް ބްރެޒިލްގެ ބައެއް ސްޓޭޓުތަކުން ދަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުންނެވެ. އަދި އެގައުމުގެ ރައީސް ޖައިރު ބޮލްސޮނާރޯ ގެންދަވަނީ ފުރަބަންދު ކުރަން ދެކޮޅު ހައްދަވާ، ބައެއް ސްޓޭތުތަކާއި ސިޓީތަކުގެ އިސް އޮފިޝަލުން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅުއްވަމުންނެވެ.

މީގެ އިތުރުން، ބޮލްސޮނާރޯއަށް ތާއިދު ކުރާ މީހުންނާ ވާހަކަ ދައްކަވަމުން އިއްޔެ އޭނާ ވަނީ ބައްޔާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަކީ ފަލަ ބައްޔާއި ޑިޕްރެޝަނާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކައަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ހާމަ ނުކުރައްވަ އެވެ.

ކޮވިޑްގެ ނުރައްކާ ކުޑަކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ވެކްސިންގެ ކާމިޔާބީއާ ބެހޭ ގޮތުން މީގެ ކުރިން ޝައްކު އުފެއްދެވި ބޮލްސޮނާރޯ ވަނީ މިހާރު ރާގު ބަދަލު ކުރައްވާފަ އެވެ. އަދި މިއަހަރު ބްރެޒިލްއިން ކޮވިޑް ވެކްސިން ދިނުމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގައުމުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ އާބާދީގެ އެންމެ އަށް ޕަސެންޓަށް ކަމަށް ދުނިޔޭގައި ވެކްސިން ޖަހާ މިންވަރު ބަލަމުންދާ 'އަވާ ވޯލްޑް އިން ޑޭޓާ'ގެ ޓްރެކާއިން ދައްކަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް