މާލޭގެ ގެތައް އިމާރާތް ކުރުމަށްޓަކައި ފެން ބޭރު ކުރަން މަގުތަކުގައި ކުރީ ސަރުކާރުން އަޅާފައި ހުރި ހޮޅިތައް މިހާރު މަދުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ އެގޮތަށް ވިދާޅުވީ، އިއްޔެ މާލޭގެ ތިން ސަރަހައްދެއްގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމަށް ރޯޑް ކޯޕަރެޝަންއާްއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން މިދިޔަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން މިހާރުވެސް ވަނީ ބައެއް މަގުތައް ހަދާ ނިންމާފަ އެވެ.
ޝިފާ ވިދާޅުވީ، މިހާރު މަގުތައް ހަދަމުން ދަނީ ފެން ހިންދާ ހޮޅިތައް އަޑިއަށްލުމަށްފަހު ކަމަށާއި އެހެން ކަމުން ދެން އެ މަގުތަކުގައި ފެން ހިނދުމަށް ހޮޅިތައް މަތިން ފެންނަ ނުހުންނާނެ ކަމަށެވެ.
"މިހާރު މި ހަދާ މަގުތަކުގައި ޑީވޯޓަރިން ހޮޅި އަޑިއަށްލާފައި މި ކުރަނީ. އެހެންވީމަ އެފަދަ މަގުތަކުގައި ދެން ނުޖެހޭނެ ހޮޅި އަޅާކަށް. އެހެންވީމަ ތިބޭފުޅުންނަށް ފެނިވަޑައިގަންވާނެ މިހާރު މާލެގައި ނިސްބަތުން ހޮޅި މަދުވާނެ. މިހާރު ހެދުނު ހަތަރު/ފަސް މަގުގައި އަޑިގައި އޮންނާނީ ހޮޅިލާފައި. އެހެންވީމަ ކޮންމެ ބަޔަކަށްވެސް ގުޅާލެވޭނެ ހޮޅި މިހާރު،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ، ކައުންސިލުން މަގުތައް ހަދަމުން މިދަނީ މަތިން ހޮޅި ލާ ކޮންސެޕްޓް ބަދަލުކޮށް، އަޑިން ހޮޅިލާ ގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތަށް މުހިންމީ ތާރު އެޅި މަގުތަކެއް ނޫނެވެ. އަދި އެއީ ހައްލެއްވެސް ނޫން ކަމަށާއި މިހާރު ހަދާ މަގުތަކުގައި މައްސަލައެއް ނެތް ނަމަ ތާރު އަޅާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
"މާލޭ ސިޓީ ކައުންސިލުން ބޭނުންވޭ ތާރު އެޅި މަގުތައް މާލޭގައި ހުންނަން. އެހެން ނަމަވެސް ތާރު އެޅުމަކީ ހައްލެއް ނޫން މިވަގުތައް. އިރާދަކުރެއްވިއްޔާ މިހާރު މިހަދާ މަގުތަކުގައި މައްސަލަ ނެތް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުން އަޅުގަނޑުމެން ތާރަށް ދާނަން. މިހާރުވެސް ތާރު އަޅާފައިވާ މަގުތަކުގައު މަތިން ހޮޅި އަޅައިގެން، އޭގެ މަތިން ފިލާ އަޅައިގެން މިއުޅެނީ. މިހާރު މި ހަދާ މަގުތަކުގައި އަޅުގަނޑުމެން ބޭނުމެއް ނޫން އެގޮތަށް ފިލާ އަޅައިގެން ހޮޅި އަޅައިގެން މަސައްކަތް ކުރަން،" ޝިފާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ދުވާރުގައި ހޮޅި އެޅުމުން އާންމުނަށް އެތަށް ހިނގަން އުނދަގޫވެ، އެތަކެއް ތަކްލީފެއް ކުރިމަތި ވެއެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ ކަންކަން ނިންމުމުގެ ބާރު އޮތް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުކިޔުންތައްވެސް އަމާޒުވި އެވެ.