އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރީ ރަނގަޅު ތަނެއްގައި ކަމަށް ވުމަކީ އުޒުރެއްނޫން: ރައީސް ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމަކީ "ޖަސްޓިފައި" ]އުޒުރުދެއްކޭނެ[ ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ގަބޫލުކުރައްވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

"ގްރާފްޓް، ޕޮލިޓިކްސް، މިލިޓެންޓް އިސްލާމް ޝޭކް އިންޑިޔަން އޯޝަން އައިލެންޑް ޕެރަޑައިސް" މިސުރުހީގެ ދަށުން ރޮއިޓާސްގެ ސީ ބްރައިސަން ހަލް މިއަދު ލިޔެފައިވާ ލިއުމުގައި ވަނީ އަބުދުﷲ ގާޒީ ހައްޔަރުކުރުމާ މެދު ރައީސް ނަޝީދު ވެސް ނުތަނަވަސް ވެވަޑައިގެން ހުންނެވި ކަމަށާއި އެކަން އެއީ ރަނގަޅު ކަމެއް ކަމަށް ހެއްދެވެން ނެތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ގައްޔޫމުގެ ފޮތުން ސޮފުހާއެއް ނަންގަވައިގެން، މުހައްމަދު ހައްޔަރުކުރުމަށް ރައީސް ނަޝީދު އެންގެވި އެވެ. އަދި އޭނާ ދޫކޮށްލުމަށް އަމުރުކޮށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ބީރު ކަންފަތް ދެއްވުމުގެ ސަބަބުން އިދިކޮޅުޕާޓީތަކުން ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ވަނީ ، ބައެއް ފަހަރު ހަމަނުޖެހުން ބޮޑު މުޒާހަރާތައް ކޮށްފަ އެވެ. އިންޑިޔާ ކަނޑަށް އަރަބި ބަހާރު ފެތުރިދާނެކަމުގެ ނިޝާންތައް ވެސް އެމުޒާހަރާއިން ފެނެ އެވެ." ރޮއިޓާސްގައިވެ އެވެ.

"މާތް ރަސްކަލާންގެ ރަސްކަން ފުޅަށްޓަކައި ބުނަން، އެއްވެސް މީހަކު ހައްޔަރުކުރާކަށް އަހަރެން ބޭނުމެއް ނޫން. އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުގެ އެއްވެސް ގަސްދެއް އަހަރެންގެ ނެތް. އޭނާ ]އަބުދުﷲ ގާޒީ[ ބަހައްޓާފައި ހުރީ ވަރަށް ރަނގަޅު ތަނެއްގައި. އެއީ އެއްވެސް ޖަސްޓިފިކޭޝަން ]އުޒުރެއް ނޫން[ އެއް ނޫން. އެކަމަކު އެއީ އަހަރެމެން ]ހައްޔަރުކޮށްފައި[ ބޭތިއްބި ކަހަލަ ކުނި ގޮނޑެއްނޫން،" ޖަލު ބަންދުގައި ރައީސް ނަޝީދު ހުންނެވި ދުވަސްވަރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.

ރޮއިޓާސްގެ ލިއުމުގައި އަދި ބުނެފައި ވަނީ އެންމެންގެ ލޯތައް 2013ގެ ރިޔާސީ އިންތިހާބަށް އަމާޒުވެފައިވާ އިރު ތާލިބާނުން ފަދަ ބަޔަކު ރާއްޖޭގެ ދުރު އަތޮޅުތަކުގެ ރަށްތަކުގައި އުފެދި ތައްޔާރު ވަމުން އަންނަ ކަމަށް ރާއްޖޭގެ އިންޓެލިޖެންސް އޮފިޝަލުންނާއި ހުޅަނގުގެ އޮފިޝަލުން ވެސް ބުނާ ކަމަށެވެ.

"އެއީ ޓްރޮޕިކަލް އަފުޣާނިސްތާން. ތާލިބާނުން އުފެދެން މެދުވެރިވި ހުރިހާ ކަންތައްތަކެއް އެތާނގައި ވަނީ ފުރިހަމަވެފައި. ޑްރަގްސް، ކޮރަޕްޝަން އަދި ސިޔާސީ މީހުންގެ އަހުލާގު ފަދަ ކަންތައްތައް،" ކޮލަމްބޯގައި ހުރި، ރާއްޖެ އަށް އެކްރެޑިޓްކޮށްފައިވާ ހުޅަނގުގެ ގައުމެއްގެ ސަފީރަކު ނަން ހާމަ ނުކޮށް ބުނި ކަމަށް ރޮއިޓާސްގެ ލިއުމުގައިވެ އެވެ.
ލިއުމުގައި ވާގޮތުން ރާއްޖޭގެ ރަށްތަކުގައި އުފެދެމުން އަންނަ ދީނީ ހިޔާލުގެ މީހުންނާ މެދު ރައީސް ނަޝީދު ވެސް ދެކެވަޑައިގަންނަ ވަނީ ހަމަ އެގޮތަށެވެ.

"މެދުއިރުމަތީން އުފެދިގެން އަންނަ ކޮންމެ ވައެއް އެންމެ ފުރަތަމަ އައިސް ހުއްޓެނީ ރާއްޖެ އަށް،" ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނުން ރާއްޖެ އަށް ގެނެސްފައިވާ ކޮންޒަވޭޓިވް ނުފޫޒުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ." ރޮއިޓާސްގައިވެ އެވެ.

"އެމީހުން ވަނީ ގިނަ، ގިނަ ރަށްތަކަށް ފޭދިގެން ވަދެފައި، ބުނެވިދާނެ އެމީހުން ވަނީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގަދަވެގެންފައި ކަމަށް، " ރައީސް ނަޝީދު ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު