އަލީ ވަހީދު ދިރިއުޅޭ އެޑްރެސް ދައުލަތައް ނޭނގޭތީ ޝަރީއަތް ކުރިއަށް ނުގެންދެވުނު

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް ނޭނގޭތީ، އޭނާގެ ޕާސްޕޯޓު ދޫކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފުގެ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލަން ޖެހިއްޖެ އެވެ.

މިއަދު މެންދުރު 3:00ގައި އެ މައްސަލައިގެ ފުރަތަމަ އަޑުހުން ވަނީ ބާއްވާފައެވެ. މައްސަލައިގެ ޗިޓު އަލީ ވަހީދަށް ރައްދު ނުކުރެވި، ޝަރީއަތަށް އަލީ ވަހީދު ވަޑައިގެންފައި ނުވެއެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލަައިގެ ރިޔާސަތުގައި އިންނެވީ، ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލް އެވެ.

ޝަރީއަތް ފެށުމަށްފަހު، ފުރަތަމަވެސް ފަނޑިޔާރު ފައިސަލް ވިދާޅުވީ، އަލީ ވަހީދު މިހާރު ދިރުއެޅޭ އެޑްރެސްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޖަހާފައިވަނީ މ. ފުރަހަނި ތިންވަނަ ފަންގިފިލާ ކަމަށެެވެ. އެގޮތުން އެ އެޑްރެސްއަށް ގޮސް އަލީ ވަހީދަށް ޗިޓް ހަވާލު ނުކުރެވުމުން ދައުލަތުން ދީފައިވާ އޭނާގެ މެއިލް އެޑްރެސްއަށާއި ފޯނުގެ ވައިބާ އަދި ވަޓްސްއަޕްއަށްވެސް ޗިޓު ފޮނުވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ޗިޓް އަލީ ވަހީދަށް ލިބުނު ކަން އެނގޭނެ ގޮތެއް ނެތް. އެކަން ކަށަވަރު ކުރުމަށް ކޯޓުން އޭނާގެ ނަމްބަރަށް ގުޅައިގެންވެސް ގުޅޭ ގޮތެއް ނުވި،" ފައިސަލް ވިދާޅުވި އެވެ.

އެއާއެކު ގިނަ ސުވާލުތަކެެއް ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ކުރިމަތި ކުރުވި އެވެ. އެގޮތުން މ. ފުރަހަނި އަކީ ފޯމު ހުށަހެޅުއްވިއިރު އޭނާ ދިރިއުޅޭ އެޑްރެސްތޯ އާއި މިހާރު އޭނާ ދިރިއުޅޭ އެޑްރެސްއަކީ ކޮބާތޯ އާއި އެ އެޑްރެސް ކޯޓުގައި ޖެހީ ކީއްވެގެންތޯ ސުވާލު ކުރިއެވެ. އަދި ދައުލަތުން މައްްސަލަ ކުރިއަށް ގެންދަން ބޭނުންވަނި ކޮން ގޮތަކަށްތޯވެސް ސުވާލު ކުރިއެވެ.

ދައުލަަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވީ، ދައުލަތުން ދީފައިވަނީ އަލީ ވަހީދުގެ ނަންބަރު ކަމަށާއި އެ ނަންބަރަށް މެސެޖް ރިސީވްވާ ހިސާބުން އޭނާއަށް ޗިޓު ރައްދުވީ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެގޮތަށް ބެލެވޭނީ އެއީ މައްސަލައިގެ ބާވަތުން ކަމަށްވެސް ފަރަހަނާޒް ވިދާޅުވި އެވެ.

"ސަބަބަކީ، އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓުމަށްވެސް ދައުލަތުން އެދޭ ސަބަބަކީވެސް އަދުލުއިންސާފު ގައިމުކުރުމަށް ހުރަސް އަޅާ، ޝަރީއަތް ނުހިންގޭނެހެން ފިލާފާނެ އުޅޭދާނެތީ،" ވަކީލް ފަރަހަނާޒް ވިދާޅުވި އެވެ.

ފޯމު ހުށަހެޅި އިރު މ. ފުރަހަނި އަކީ އަލީ ވަހިދު ދިރިއުޅޭ އެޑްރެސްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަރަހަނާޒް ވިދާޅުވީ، "މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށްވެސް ނޭނގޭ" ކަމަށެވެ. އަދި ފޯމު ހުށަހެޅުއްވި އިރުވެސް ފުރަހަނި ތިން ވަނަ ފަންގިފިލާގައި އަލީ ވަހީދު ދިރިނޫޅޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން އެގޮތަށް އެޑްރެސް ޖެހީ، ހައި ކޯޓުގައި އިދާރީ ގޮތުންވެސް ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަދި ހާއްސަ ހާލަތުގައި ހައި ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގެ އުސޫލުގައި ކޯޓު އަމުރު އިލެކްޓޯރޯނިކްސް ވަސީލަތް މެދުވެރިކޮަށް ރައްދު ކުރެވޭނެ ކަމަށް ބުނެފައިވާތީ ކަމަަށެވެ.

ފަނޑިޔާރު ވިދާޅުވީ، މިހާރު ދިރިއުޅޭ އެޑްރެސްގައި ޖަހަން ވަނީ އެނާ މިހާރު ދިރިއުޅޭ އެޑްރެސް ކަމަށެވެ.

"އަޅުގަނޑުމެންވެސް ގަބޫލު ކުރަން ވަޓްސްއަޕް، ވައިބާ ނަންބަރެއް [ނުވަތަ] އިމެއިލް އެއް ދެވިދާނެ ޗިޓް ފޮނުވުމުގެ ބޭނުމުގައި. މިހާރު ދިރިއުޅޭ އެޑްރެސްގައި ޖަހަން ވާނީ އޭރުގައި އުޅެމުންދާ އެޑްރެސް....އޭރުގައި ނޫޅޭ އެޑްރެސް މިހާރު ދިރިއުޅޭ އެޑްރެސްގައި ޖެހުމަކީ ސައްހަ ނޫން މައުލޫމާތެއް ދިނުން،"ފަނޑިޔާރުގެ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، އަލީ ވަހީދު ދިރިއުޅޭ އެޑްރެސް ސާފު ކުރުމަށް ފަހު، މާދަމާ މެންދުރު 2:00ގެ ކުރިން ދައުލަތުން ކޯޓަށް އެންގުމަށެވެ. އަދި އެއަށްފަހު އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނޫންތޯ ގޮތެއް ކަނޑައަޅާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަކީ، ހަތް ދުވަސް ތެރޭ ނިންމަން ޖެހޭ މައްސަލައެކެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް