ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓާ ގަޑި ކަނޑައެޅުން އިކޮނޮމިކް މިނިސްޓްރީއަށް

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓާ ގަޑި ކަނޑައެޅުން މިނިސްޓްރީއަށް ދޫކޮށްލައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދުން ފެށިގެން ވަނީ ލުއިދީފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމަށް ލުއި ދީފައިވާ ކަމަށެވެ.

މީގެ ކުރިން އެޗްޕީއޭ އިން ކަނޑައަޅާފައި އޮތީ މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނާއި ކެފޭ ރެސްޓޯރެންޓުތަކަށް ހިދުމަތް ދެވޭނީ ރޭގަނޑު 10:30 އާއި ހަމައަށް ކަމަށެވެ.

ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓާ ގަޑި ކަނޑައެޅުން އެޗްޕީއޭ އިން އިކޮނޮމިކް މިނިސްޓްރީ އަށް ދޫކޮށްލާފައި މިވަނީ ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު ކުޑަކަމުން އެތަންތަނަށް ގެއްލުންވާ ކަމަށް ބުނެ ކެފޭ ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވެސް އުވާލައިފަ އެވެ.

ކޮވިޑު ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިންނަމަވެސް، އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައި ލުމަށް އެންގި އެންގުން ވަނީ ދަމަހައްޓައިފަ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އެންގި އެންގުން ދަމަހައްޓައި މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރާނެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 24،079 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލީގައި 67 މީހުން މަރުވެފައިވާއިރު 21،155 މީހުން ވަނީ ބަލުން ރަނގަޅުވެފައެވެ.

comment ކޮމެންޓް