ސްކޫލަށް ވެއްދުމާއި ސްކޫލް ބަދަލުކުރަން އަމަލުކުރާ އުސޫލަށް އެޗްއާރުސީއެމްގެ ހަތް އިސްލާހެއް

އަމީނިއްޔާ ސްކޫލް--

އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި އަންނަ އަހަރު އަމަލުކުރާނެ އުސޫލަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހަތް އިސްލާހު ހުށަހަޅައިފި އެވެ.

އެޗްއާރުސީއެމުން ބުނީ އިންސާނީ ހައްގުތަކުގެ ނަޒަރުން އެ އުސޫލު އަލުން ރިވިއުކޮށް، ބައެއް ކަންކަން އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނެވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލަން ވަނީ ހިމަނާފަ އެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ފަސް މައްސަލައެއް ފެބުރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ކުދިންގެ ތައުލީމަށް ހުރަސްއެޅުމުގެ މައްސަލަ އެވެ.

އެޗްއާރުސީއެމްއިން ދެން ހުށަހަޅާފައިވަނީ ސިއްހީ ހާލަތެއް ނުވަތަ އެ ނޫންވެސް ހާލަތަކާ ގުޅިގެން ސްކޫލަށް ހާޒިރު ނުވެވޭ ކުދިންނަށް ތައުލީމު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

ހަމައެއާއެކު ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް، އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުމަށް ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތައުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމަށާއި އުސޫލުގެ ދަށުން ޝަކުވާ ހުށަހަޅައި، ޝަކުވާ ބެލޭނެ ނިޒާމާގުޅޭ މާއްދާއެއް އުސޫލުގައި ހިމެނުމަށްވެސް އެޗްއާރުސީއެމްއިން އިސްލާހު ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް