އުރީދޫ ސުޕަނެޓްގެ ހިދުމަތް ދެއްވަދު އަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދެއްވަދު އަށް މިއަދު ތައާރަފްކޮށްފި އެވެ.

އެރަށަށް މި ހިދުމަތް ތައާރަފުކުރުމާއެކު 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ދެއްވަދޫއިން ހޯދާ ފުރަތަމަ 20 ފަރާތަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

"ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ދެއްވަދޫގެ ރައްޔިތުން ގުޅުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަންއަރުވަން،" އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ތެރެއިން، އެ ކުންފުނިން ވަނީ ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތައް ގެނެސް އަޕްގްރޭޑް ކޮށްފައެވެ.

އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެއެވެ.

އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް