ރޭޕުގެ މައްސަލަ ދައުލަތުން ބަލާގޮތަށް މިދަނީ ފާރަވެރި ވަމުން: އެޗްއާރުސީއެމް

މހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިިގައި ދައުލަތުން ކަންކުރަމުންދާ ގޮތް ގާތުން ބަލަަމުންދާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

މިދިޔަ މަހު ތިން ވަނަ ދުވަހު ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރު ރޭޕްކޮށްލީ، އެ ސްކޫލުގެ ޓީޗަރަކު ބައިވެރިވެގެން ސްކޫލް ކައިރީ ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

އެޗްއާރުސީއެމް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް އެ ކޮމިޝަނުން ބެލުމަށްޓަކާ އެކަމާ ގުޅުންހުރި މައުލޫމާތު ހޯދުމާއި މޮނިޓަރކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާކޮށް ދައުލަތުގެ މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.،" އެޗްއާރުސީއެމްގެ ޓްވީޓްގައި ލިޔެފައިވެއެވެ.

ރޭޕް މައްސަލައާ ގުޅިގެން އެ ރަށުގައި މިއަދުވެސް މުޒާހަރާއެއް ކުރި އެވެ. އަދި މީގެ ކުރިން އެރަށުގެ ރައްޔިތުން ވަނީ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، އެތަނަށް ހަމަލާ ގެއްލުންދީފަ އެވެ. އެ ހަމަ ނުޖެހުންތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.

"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބެލުމުގެ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ، އެ މައްސަލަ މަޖިލީހުން ބެލުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރެވެ.

comment ކޮމެންޓް