ޔާމީނާއި، ގާސިމް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ވިދާޅުވެ އެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ކަމަށް ބުނާ ސިޓީތަކެއް ލީކުވެއްޖެ

19:00


މިހާރު ގޭބަންދު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ވިދާޅުވެ އެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުއްވި ކަމަށް ބުނާ ސިޓީތަކެއް ލީކުވެއްޖެ އެވެ.


ބައެއް ވެބްސައިޓުތަކުގައި ވާ މި ހަތް ސިޓީގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފޮނުއްވި ކަމަށް ބުނާ ސިޓީއަކާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީއަކާއި، ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމްގެ ސިޓީއަކާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ ސިޓީއަކާއި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީއެއްގެ އިތުރުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފޮނުއްވާފައިވާ ކަމަށް ބުނާ ދެ ސިޓީ އެވެ.


މި ސިޓީތަކުގެ ތެރެއިން، މުހައްމަދު ނާޒިމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި، އޭނާ އާއި ގަސަމް އާއި އިލްޔާސް ލަބީބަށް ރިޝްވަތު ދެއްވައިގެން ޖުމްހޫރީ ޕާޓީ އަށް ގެންދެވުމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެކަމަށްޓަކައި، ނާޒިމަށް ހަތަރު މިލިއަން ރުފިޔާ އާއި ސަތޭކަ ފޫޓުގެ ފައިބަރު މަސްދޯންޏެއް ދެއްވުމަށް ގާސިމް ހުށަހަޅުއްވާފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އަހްމަދު އީސާ ފޮނުއްވި ކަމަށް ބުނާ ސިޓީގައި، ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި ނަމަ ފަސް މިލިއަން ރުފިޔާ ދެއްވަން ގާސިމް ހުށަހެޅުއްވި ކަމަށާއި، އެކަމަށް އެއްބަސްކުރުވުމަށް މަޖިލީހުގެ ކުޑަދަށުގައި ގާސިމް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ގަސަމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އާއި އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ޖުމްހޫރީ ޕާޓީ އަށް ވަނުމަށް ގާސިމް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް އެމްޑީޕީން ގެއްލިދާނެ ކަމުގެ ބިރު ހީވާތީ އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލު ކަމަށް ގެންނެވީ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.


އަދި ޖުމްހޫރީ ޕާޓީއަށް ވަނުން ރަނގަޅުވާނެ ކަމަށް ގާސިމު ވިދާޅުވެފައިވާ ކަމަށް ވިދާޅުވެ މުހައްމަދު ރަޝީދު ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާގެ އެދިވަޑައިގަތުމުގެ މަތިން ދެ ފަހަރަކު އާއިލާއާ އެކު ޕެރަޑައިސްގައި ޗުއްޓީ ހޭދަކުރެއްވުމުގެ ފުރުސަތު ގާސިމް ދެއްވި ކަމަށެވެ. އަދި ޝިފާޒް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާ ޖުމްހޫރީ ޕާޓީ އަށް ބަދަލުވުމަށް ގާސިމް ވާހަކަ ދައްކަވާ ކަމަށާއި އެކި ފަހަރު މަތިން އެކި އަދަދަށް ފައިސާ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ޕީއޭއާ ގުޅިއްޖެ ނަމަ، ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް އިލިޔާސް ލަބީބު، ފޮނުވާފައިވާ ކަމަށް ބުނާ އެއް ސިޓީގައި ވާއިރު، ދެ ވަނަ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިއްޖެ ނަމަ، ހުޅުމާލޭން ބިޑްކޮށްގެން އޭނާއަށް ލިބިފައިވާ ގޯތި ގަތުމަށާއި އިމާރާތްކުރުމަށް ފަސް މިލިއަން ރުފިޔާ ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.


މި ސިޓީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، ހިނގަމުންދާ މައްސަލައަކަށް ވާތީ އެ ސިޓީތަކާ ބެހޭގޮތުން އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސިޓީތަކަކީ، ރައީސް އޮފީހުން ލީކުވެފައިވާ ސިޓީތަކެއް ކަމަށް ވިދާޅުވެވެން ނެތް ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި ލީކުވެފައިވާ ސިޓީތަކުގައި ހިމެނޭ ފަދަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށާއި، ނަމަވެސް އެ އީ ކޮން މެންބަރުންނެއް ކަމެއް، ނުވަތަ އެއީ ކިތައް މެންބަރުންކަން ވިދާޅުވެވެން ނެތް ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު