ފައިޒާގެ 5،850 ޑޯޒް ރާއްޖެ ގެނެސްފި

ކޮވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

އެ ވެކްސިން ރާއްޖެ ގެނެސްފައި ވަނީ ދާދި ދެންމެއަކު އެވެ. ޔުނިސެފް އިން ބުނީ ވެކްސިން ސަޕްލައިކޮށް، ލޮޖިސްޓިކްސް އާއި ކޯލްޑް ޗެއިން މެނޭޖްމަންޓުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ 70- ޑިގްރީގަ އެވެ. ރާއްޖޭގައި އެ ވެކްސިން ހޭންޑަލް ކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެކުރިން ވަނީ ބުނެފަ އެވެ.

މިއަދު ވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ވެސް ރާއްޖެ ގެނެސްފަ އެވެ.

ރާއްޖޭގައި ސައިނޯފާމް އަދި ފައިޒާ ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސައިނޯފާމް ވެކްސިން ވަނީ ދޭން ފަށައިފަ އެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ އެ ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. މީގެ އިތުރުން އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކުވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒް ގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފައެވެ.

އިއްޔެގެ ނިޔަލަށް 224،979 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ.

comment ކޮމެންޓް