ހައިކޯޓުން ހުކުމް ކުރީ ސަރުކާރު ކުންފުނިތަކުގެ މައްޗަށްވެސް އާރްޓީއައި ގާނޫނު ހިނގާ ގޮތަށް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރު ކުންފުނިތަކުންވެސް މައުލޫމާތު ހޯދޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދޭނީ "ދައުލަތުގެ އިދާރާ"ތަކުންނެވެ. އަދި ދައުލަތުގެ އިދާރާއަކީ ކޮބައިކަން އެ ގާނޫނުގައި މާނަކޮށްފައިވެ އެވެ.

ގާނޫނުގައި ދައުލަތުގެ އިދާރާގެ މާނަ ކޮށްފައިވާ ގޮތް: "ދައުލަތުގެ އިދާރާކަމަށް ބުނެފައިވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުންނެވެ،"

ނަމަވެސް، އެ ގާނޫނުގެ ދަށުން، އައިކޮމްއިން ފަހުން ހެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވައިދުގައި ވަނީ އެ މާނައިގެ ތެރެއަށް އިތުރު އިބާރާތެއް ހިމަނާފަ އެވެ. ގާނޫނުގައި ބުނާ މާނައިގެ އިތުުރުން، ދައުލަތުން އުފައްދާ ކުންފުނިތައްވެސް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ގަވައިދުގައިވާ އެ މާނައިގައިވެ އެވެ. އެއީ ގާނޫނުގައި އޮތް އިބާރާތަށް، ގާނޫނުގައި ދީފައިވާ މާނައަށް ފުށޫނާރާނެ ގޮތަށް އެ މާނަ އިތުރަށް ތަފްސީލުކޮށްދިނުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މީގެ ކުރިން ބުނެފައިވެ އެވެ.

އެ ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައި އޮތީ ގޯސްކޮށް ކަމަށް ބުނެ އެ މާއްދާގައި އެހެން ބަޔާންކުރާ އަކުރު ބާތިލު ކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. އައިކޮމްއިން އެ ގަވާއިދުގައި އެގޮތަށް ހިމެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ދީފައިވާ ބާރަށް ވުރެ ފުޅާކޮށް، ގާނޫނުގެ އިހްތިސާސްގެ ބޭރުން ކަމަށް އެމްޓީސީގެ ފަރާތުން ބުނެފައިވެ އެވެ.

ހައިކޯޓުގައި ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި އެ ދުސްތޫރީ މައްސަލައިގައި މިއަދު ހުކުމް ކުރި އިރު، ފަނޑިޔާރުންގެ ރައުޔު ތަފާތުވި އެވެ. ބެންޗެގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަށް ތާއީދު ކުރެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ނަމަވެސް، އަޣުލަބިއްޔަތު ލިބުނީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށެވެ. އެ ރައުޔަށް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދު ކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ ސުވާލަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގަވާއިދު ހެދުމަށް އިންފޮމޭޝަން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން އެ ގަވާއިދު ހެދި އިރު، އެ ގަވާއިދުގައި ދައުލަތުގެ އިދާރާ މާނަ ކުރި އަކުރަކީ އެ ގާނޫނުގެ އިންތަކުގެ ބޭރުން އެކަށައަޅާފައިވާ އަކުރެއްތޯ ބެލުން ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ބެލުމުން، ގަވާއިދު ހެދުމަށް ފުޅާ އިހްތިޔާރެއް އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ދީފައިވާކަން އޭނާގެ ރައުޔުގައި ފާހަގަކޮށްފައިވެ އެވެ. އެއީ އެ ގާނޫނުގެ ނިޔަތާ އެއްގޮތަށް ގާނޫނު ހިންގުމަށް ބޭނުންވާ ގަވައިދުތައް ހެދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް ގާނޫނުގައި ބަޔާން ކުރާތީ އެވެ. އަދި އެ ގާނޫނުގެ ނިޔަތާ ގުޅިފައިވާ ކަންކަމަކީ ދައުލަތުގެ އެންމެހާ ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރަނިވި ގޮތެއްގައި ކުރިއަށްގެންދިޔުންކަން އެ ގާނުން އެނގޭ ކަމަށްވެ އެވެ.

ގާނޫނު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ގާނޫނުގައިވާ އުސޫލުތަކުގެ އިތުރުން އެހެން އުސޫލުތައްވެސް ހެދުމުގެ އިހްތިޔާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

ދައުލަތުގެ ވިޔަފާރި ކުރާ ތަންތަން އެ ގާނޫނުގެ ބާރުގެ ތެރޭގައި ނުހިމެނޭ ކަމަށް ނިންމުމަކީ، ހާމަ ކުރަން ޖެހޭ ކަންކަން ސިއްރުން ފޮރުވައިގެން ތިބެ ކުރުމުގެ ފުރުސަތު ދެވޭނެ ކަމެއް ކަމަށާއި، އެއިރުން ގާނޫނުގެ މަގުސަދު ގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ އިހްތިޔާރުގެ ދާއިރާ ހަނިވެ، ގާނޫނަށް ފުރިހަމައަށް އަމަލު ކުރެވޭ ގޮތް ނުވާނެ ކަމަށްވެސް އެ ހުކުމްގައިވެ އެވެ.

ދައުލަތުގެ އިދާރާތަކުގެ މާނައިގެ ތެރޭގައި ހިމެނޭ ވެރިކަން ހިންގާ ފަރާތާއި، ދައުލަތުގެ މަސްއޫލިއްޔަތު ހިނގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކީ ކޮބައިކަން ބަޔާންކޮށްދީފައި ނެތުމުން، އެ ތަންތަނަކީ ކޮބައިކަން ބެލޭނީ ގާނޫނުގެ އެތެރެއިންނާއި ބޭރުން ލިބެން ހުރި އެހީތައް ބޭނުންކޮށްގެން ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން އެހެން ގާނޫނުތަކަށްވެސް ބެލިދާނެ ކަމަށްވެ އެވެ. އެހެންކަމުން، ދައުލަތުގެ މާލިިއްޔަތު ގާނޫނާއި، އޮޑިޓް ގާނޫނާއި، ސިވިލް ސާވިސްގެ ގާނޫނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި، ޕްރައިވެޓައިޒޭޝަން ގާނޫނާއި ކުންފިނިތަކާ ބެހޭ ގާނޫނު ފާހަގަކޮށް، އެ ގާނޫނުތަކުންވެސް، ސަރުކާރު ކުންފުނިތަކަކީ ދައުލަތުގެ އިދާރާތައްކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، ސައްހަ ވިޔަފާރީގެ މަސްލަހަތަކަށް ގެއްލުން ލިބޭ ހާލަތެއްގައި މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވާ ކަމަށް ގާނޫނުގައި ބަޔާންކުރާކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެހެން ބަޔާންކޮށްފައިވާއިރު، ސައްހަ ވިޔަފާރީގެ މުއާމަލާތް ދައުލަތުގެ ތަންތަނުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަން ނޫން އެހެން ތަނަކުން ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިމެނޭ ކަމަށް ބުނާ އަކުރު ބާތިލު ކުރަން ނުޖެހޭ ކަމަށް ހުކުމްކޮށްފައިވެ އެވެ.

ރައުޔު ތަފާތުވި ދެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް

ފަނޑިޔާރު ޝުއައިބާއި ފަނޑިޔާރު ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމެނުމަކީ ގާނޫނު ހެދި ފަރާތުގެ ނިޔަތް ކަމުގައި ވާނަމަ ގާނޫނުގައި ދައުލަތުގެ އިދާރާގެ މާނަ ބަޔާން ކުރިއިރު އެއިބާރާތް އެފަދައިން ބަޔާންކޮށްފައި އޮންނާނެ އެވެ.

ގާނޫނުގައި އެފަދައިން ބަޔާންކޮށްފައި އޮވެފައި، ގަވައިދުގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ކޮބައިކަން ބެލުމުގައި ބަލާނެ ކަންކަން ނުވަތަ ދައުލަތުގެ އިދާރާގެ ގޮތުގައި ބަލާނެ ކުންފުނިތަކަކީ ކޮބައިކަން ބަޔާންކުރެވިފައި އޮތް ނަމަ، އެއީ ގާނޫނުގައި ކަނޑައެޅިފައިވާ އިން ތެރޭގައި އޮތް އޮތުމެއް ކަމަށް ބެލިދާނެ ކަމަށް ފަނޑިޔާރު ޝުއައިބު ނެރުއްވައި ފަނޑިޔާރު ހަމީދު ތާއީދު ކުރެއްވި ރައުޔުގައިވެ އެވެ.

ނަމަވެސް، މި މައްސަލައިގައި ކަން ހިނގާފައި ވަނީ އެހެން ނޫން ކަމަށާއި، ގާނޫނެއްގައި ދެވިފައިވާ ނެތް ބާރެއް އެ ގާނޫނެއްގެ ދަށުން ހަދާ ގަވައިދަކުން ދީގެން ނުވާނެ ކަމަށް އެ ރައުޔުގައިވެ އެވެ. އަދި ގާނޫނުގެ އިބާރާތް އޮތް ގޮތުން ގާނޫނު ތަންފީޒު ކުރަން ދަތިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ފެންނަ ނަމަ މަސައްކަތް ކުރަންވާނީ ގާނޫނަށް އިސްލާހު ގެންނަން ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އައިކޮމްއިން ހެދި ގަވައިދުގައި ދައުލަތުގެ އިދާރާގެ މާނައިގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައްވެސް ހިމެނޭ ކަމަށް ބަޔާންކުރުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާ މާނަކޮށްފައިވާ ގޮތަށްވުރެ ފުޅާކޮށް އެ މާނައާ ހިލާފަށް ހިމެނި އިބާރާތެއް ކަމަށްވާތީ އެ އިބާރާތް ބާތިލުކުރަން ޖެހޭ ކަމަށް އެ ރައުޔުގައިވެ އެވެ.

comment ކޮމެންޓް