ބޮޑުންނަށް ނުފެންނަ، ގަބޫލުކުރަން ބޭނުން ނުވާ ތަފާތުކުރުން

މާލޭ މަގެއްގެ މަތިން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ދެތިން ދުވަހަކީ އާންމުންގެ ޖަޒުބާތު އެތައް ގޮތަކުން ކެކި އެރި ދުވަސްކޮޅެކެވެ. ނަމަވެސް އެ ބަހުސާ ގުޅިގެން އާ ވެގެން ދިޔައީ އެތައް ބަޔަކު ހިއްސާކުރަން ފެށި ވާހަކަތަކެވެ. ނިކަމެތި މީހުންނާއި ބޮޑުންގެ މެދުގައި ހުރި ބޮޑު ފަރަގުގެ ވާހަކަ އެވެ. ނިކަމެތިވުމުން ނުހައްގުން "އަތުލި" އެތައް ފުރުސަތެއްގެ ވާހަކަ އެވެ. ބޮޑުންގެ ދަރިންނަށް ވުރެ ހުރިހާ ގޮތަކުން މޮޅު ނަމަވެސް، ނިކަމެއްޗަކަށް ވީތީ ކުރިއަށް ދިޔަ ނުދޭން މަގު ބަންދުކުރަން ކުރާ މަސައްކަތުގެ ބޭއިންސާފުގެ ވާހަކަ އެވެ. ރާއްޖޭގައި ތަފާތުކުރުމާއި "ނެޕޮޒިޓަމް" މޫލާފައި އޮތް މިންވަރުގެ ވާހަކަ އެވެ.

އައިޝާ އީމާން ކިޔައިދިނީ އޭނާއާއެކު އިސްކަންދަރު ސްކޫލުގައި އެއް ކްލާހެއްގައި ކިޔެވި ކުއްޖެއްގެ ވާހަކަ އެވެ. އެކުއްޖާއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. މާލޭގެ މުއްސަނދި އާއިލާތަކުގެ ގިނަ ކުދިންތަކަކާ ވާދަކޮށް، އެކުއްޖާ ވަރަށް މަތިން މާކްސް ހޯދި އެވެ. ނަމަވެސް ރިޕޯޓު ފޯމު ދޫކުރަން އޮތް ދުވަހަށް އެކުއްޖާގެ ޓީޗަރުގެ ފަރާތުން ސާބަހުގެ ބަހެއްގެ ބަދަލުގައި އަޑުއަހަން ލިބުނު ޖުމްލަ އަކީ މިއީ އެވެ.

"ފޯމު ބަލާ އަންނަ ދުވަހު އާ ބޫޓަކަށް އަރައިގެން އަންނާތި އެސެމްބްލީ އަަށް،" ޓީޗަރު މިހެން ބުނީ ކްލާހުގެ އެހެން ހުރިހާ ކުދިންނަށް އިވޭ ވަރަށް ކަމަށް އީމާން ބުންޏެވެ.

އީމާންގެ ޓުވީޓާއެކު، އިސްކަންދަރު ސްކޫލަށް ދިޔަ އެތައް ބަޔަކު ވަނީ އެމީހުންނަށް ފެނިފައި ހުރި ވާހަކަތައް ހިއްސާކުރަން ފަށައިފަ އެވެ. ބޮޑުންގެ ދަރިންނަށް ފުރުސަތު ދޭން، ނިކަމެތިންގެ ދަރިންނަށް ހައްގު ފުރުސަތުތައް ނިގުޅައިގެން ވާހަކަތަކެވެ.

"ޓީޗަރު ބުނީ ކޮޔާ އަށް އަހަރެން ހޮވުނު ވާހަކަ. ދެން ބޭފުޅު ކުއްޖަކު ގެއަށް ގޮސް އެކަމާ ބޮޑަހޭކީ. އަނެއް ދުވަހު އެކުއްޖާ އައިސް އަހަރެން ގާތު ބުނީ، އަހަރެންގެ ބަދަލުގަ މިހާރު އޭނަ ހޮވައިފި އޭ. ހިތާމައަކީ އަދިވެސް ހަމަ މިގޮތަށް މިކަން ހިނގާކަން އަދި އެންމެނަށް އެކަން އެނގޭކަން،" އިތުރު މީހަކު ބުންޏެވެ.

ރާއްޖޭގައި އުފެދުނު ކުޅަދާނަ އެއް ލަވަކިޔުންތެރިޔާ ކަމުގައިވާ އައިމިނަތު ޝާނީޒް (ޝާނީ) އަކީ ވެސް އާދައިގެ އާއިލާއަކަށް ނިސްބަތްވާތީ ސްކޫލު ދައުރުގައި އެތައް ފުރުސަތަކުން މަހްރޫމް ކުރި މީހެކެވެ.

ޝާނީ ބުނީ ކަލާފާނު، އިސްކަންދަރު އަދި އަމީނިއްޔާގައި އުޅުނު އިރުވެސް ލަވަކިޔުމުގެ މުބާރާތުގައި ވާދަކުރަން އޭނާއަށް ފުރުސަތު ނުދިން ކަމަށެވެ.

"އަހަންނަކީ ނުފޫޒުގަދަ އާއިލާއެއްގެ މީހަކަށް ނުވާތީ. ބޭފުޅަކަށް ނުވާތީ،" ޝާނީ ބުންޏެވެ.

ޝާނީ ބުނީ އޭގެ އިތުރުން ވެސް ސްކޫލު ދައުރުގައި އެފަދަ އެތައް ތަފާތުކުރުމަކާއި ބޭއިންސާފެއް ދެކިފައި ހުންނާނެ ކަމަށެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތުން ފުރުސަތު ނުލިބުނު ނަމަވެސް، ޝާނީގެ ހުނަރުން އޭނާ ފަހުން ވަނީ އެތައް ބައެއްގެ ލޯތްބާއި މަގުބޫލުކަމެއް ހޯދައިފަ އެވެ.

ދެން އޮތީ މަތީ ތައުލީމު ހާސިލްކުރަން އެންޖީއޯ އެއް މެދުވެރިކޮށް ދޫކުރަމުން ދިޔަ އިންޓަނޭޝަނަލް ސްކޮލާޝިޕްތަކެއްގެ ވާހަކަ އެވެ. އެ ސްކޮލާޝިޕް އަކީ އޮންނަ އެއްޗެއްކަން ވެސް އެނގެނީ ހަމައެކަނި ބޮޑުންގެ ދަރިންނަށެވެ. ފުރުސަތު ވެސް ލިބެމުން ދިޔައީ ހަމަ އެގޮތަށެވެ. އެންމެ މަތީ ނަތީޖާ ހާސިލްކޮށްގެން، އެފަދަ ފުރުސަތަކަށް ފެން ބޮވައިގެންފައި ތިބި، އަދި އެފަދަ ފުރުސަތެއް އެންމެ ބޮޑަށް ހައްގުވާ ނިކަމެތިންގެ ދަރިންނަކަށް އެ ސްކޮލާޝިޕުން ޖާގަލިބޭ ގޮތެއް ނުވެ އެވެ.

"އަހަންނަށް އެ ސްކޮލާޝިޕްގެ މައުލޫމަތު ލިބުނީ، އޯލެވެލްގެ ފަހު އަހަރު ޕްރިންސިޕަލް އަހަންނާ ވަކިން ބައްދަލުކޮށް އެއަށް ކުރިމަތިލާން ބުނީމަ. އަހަންނަށް އެޕްލިކޭޝަން ފޯމުގެ ކޮޕީއެއް ލިބުނު. އޭގަ އޮތީ ނިކަމެތި ކުދިންނަށް އިސްކަން ދޭކަމަށް. އެކަމަކު އަހަރެން އެއަށް އެޕްލައިއެއް ނުކުރަން،" ގާނޫނީ ވަކީލު ހަމްޒާ ލަތީފް ޓްވިޓާގައި ވިދާޅުވި އެވެ.

ނަމަވެސް ފުރުސަތު ބަންދުވި އިރު ސްކޮލާޝިޕް ލިބުނީ މާލޭގެ ނުފޫޒުގަދަ، މުއްސަނދި އާއިލާތަކުގެ ދެ ކުދިންނަށް ކަމަށް ހަމްޒާ ބުންޏެވެ.

އެ ސްކޮލާޝިޕްގައި ކިޔެވި "ބޭފުޅު" އާއިލާތަކުގެ އެތައް ބަޔަކު އެބަތިއްބެވެ. ސްކޮލާޝިޕްގެ މުޅި މަގުސަދާވެސް ހިލާފަށް، ނުފޫޒާއި ބާރު ބޭނުންކޮށްގެން ފުރުސަތުތައް ދިނީ، އަމިއްލައަށް ވެސް ކިޔެވުމަށް ހަރަދުކުރެވޭނެ ވަރުގެ މުއްސަނދި އާއިލާތަކަށެވެ.

ބައެއް ޒުވާނުންނަކީ އޯލެވެލް ނިންމާލުމަށްފަހު، އޭލެވެލްގެ މަތިން ހަނދާން ނައްތާލައި އުމުރުން 16 އަހަރުގައި ވަޒީފާއަށް ދާން މަޖުބޫރު ވާ ބައެކެވެ. ނަތީޖާ ދަށްވެގެނެއް ނޫނެވެ. ހަމަ ތަނަވަސްކަން ނެތިގެންނެވެ.

ދެން ޒުވާނުން ދެއްކީ ވަޒީފާގެ މައިދާނުގައި ނިކަމެތިންނާމެދު ގެންގުޅޭ ތަފާތުކުރުމެވެ. ބޮޑުންގެ ދަރިން ކޮންމެ ނަތީޖާއެއް ހާސިލްކޮށްފައި އޮތަސް އެންމެ ރަނގަޅެވެ. ވަޒީފާ ހަމަޖެހެ އެވެ. ނަމަވެސް އާދައިގެ މީހާ ސެޓްފިކެޓް ފައިލު ހިފައިގެން އެތައް ދޮރެއްގައި ޓަކި ޖަހަން ޖެހެއެވެ. ދެން އޮތީ، ބޭރަށް ގޮސް ކިޔަވާނެ ތަނަވަސްކަން ނެތް ކުދިންނާ، ޔޫރަޕުގެ ގައުމުތަކުން ކިޔަަވައިގެން އަންނަ ކުދިންނާމެދު ގެންގުޅޭ ތަފާތުކުރުމުގެ ވާހަކަ އެވެ. ބޭރަށް ގޮސް ކިޔަވާނެ ތަނަވަސްކަން ނެތް ކުއްޖާއަށް ވަޒީފާގެ މައިދާނުގައި ވެސް ދެރަގޮތެވެ. ގާބިލު ވިޔަސް ވަރިހަމަ އެވެ.

އެތައް ޒުވާނުންނެއް ސޯޝަލް މީޑިއާގައި އެމީހުންގެ އަތުން އަތުލި ފުރުސަތުގެ ވާހަކައާ އެމީހުންގެ މަޖުބޫރީ ދިރިއުޅުމުގެ ވާހަކަ ހިއްސާކުރަން ފެށުމުން، އާދައިގެ މަތިން ބޮޑުން ފޭބީ ދިފާއަށެވެ. ބޮޑުންނަށް ވާގިވެރިވާ މީހުން ވެސް މުޅިން އާ އެކައުންޓުތައް ހަދައި، ނާއިންސާފުގެ ވާހަކަ ދައްކަން ފެށި މީހުންނާ ދިމާކޮށްލީ ހުތުރު ކޮށެވެ. ޕޯސްޓްތައް ހަދައި އެމީހުންގެ ފޮޓޯ ޖަހައި، ކުޑަކުދިންނަށް ފުރައްސާރަކުރާ މީހުންގެ ޓެގް އެޅުވި އެވެ.

އެމީހުން ދެއްކި ވާހަކަ ދިޔައީ ބޮޑުންގެ ބޯމަތިންނެވެ. އެމީހުން ކުޑަކުއްޖަކަށް ލިބުނު މޮޅަކާ މެދު ހަސަދަވެގެން އެކުއްޖާއާ ފޮށުނީކީ ނޫނެވެ. އެމީހުން ދެއްކީ އެއަށްވުރެ މާ ބޮޑު ވާހަކަ އެކެވެ. އާދައިގެ ރައްޔިތު މީހާގެ ދިރިއުޅުމުގެ "ރިއަލިޓީ" ގެ ވާހަކަ އެވެ. އާދައިގެ އާއިލާތަކުގައި ތިބި ހުނަރުވެރި، މޮޅު ކުދިންނަށް ފުރުސަތު ނުލިބެނީ، ނުފޫޒުގަދަ ބަޔަކަށް ނުވާތީ ކަމެވެ.

ނަމަވެސް ބޮޑުންނަށް މިކަން ގަބޫލެއް ނުކުރެވުނެވެ. އަދި އެމީހުންނަކީ "ޕްރިވިލެޖްޑް" ބައެއްކަން ވެސް ގަބޫލުކުރަން ބޭނުން ނުވި އެވެ. އެންމެ ފަހުން އެމީހުންނާ ދިމާލަށް ބުނެލީ، އެމީހުން ކޮފީތަކުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ކުދިންގެ ހުނަރު ތަރައްގީކުރަން ކުދިންނާއެކު އެކަށީގެންވާ ވަގުތު ހޭދަކުރަން އުޅުނިއްޔާ ކާމިޔާބު ވާނެ ކަމެވެ. ފަހަރުގައި އެ ކޮފީއަކީ، ގޮޅިތަކުގައި ފިތިގެން އުޅޭ އެތައް ބަޔަކު ހިންދެމިލަން ލިބޭ ހަމައެކަނި ފުރުސަތުކަން ބޮޑުން ގަބޫލުކުރަން ބޭނުން ނުވަނީ އެވެ.

ކޮންމެ މީހަކު ވެސް އެމީހެއްގެ ދަރިއަށް ހަރަދުކުރަންވީ އެވެ. ނަމަވެސް މަތީ ތައުލީމުގެ ފުރުސަތުތަކާ، ވަޒީފާތަކާއި އެހެނިހެން ފުރުސަތުތައް ބޮޑުންގެ ދަރިންނަށް ބަހާލުމަކީ އިންސާފެއް ނޫނެވެ. އާދައިގެ ރައްޔިތު މީހާ މިއަދު އެ ދައްކަނީ އެ ބޭއިންސާފުގެ ވާހަކަ އެވެ. ބޮޑުންނަށް ހުރިހާ މޮޅެއް ލިބޭގޮތަށް ރާވާފައި އޮތް، އެތައް ޒަމާނަކަށް ދެމިގެން އައިސްފައިވާ ސިސްޓަމްގެ ވާހަކަ އެވެ. މީހެއްގެ ދަރިއަކަށް މޮޅެއް ވެގެން ހަސަދަވެރިވީކީ ނޫނެވެ. ހަގީގަތާ ކުރިމަތިލާށެވެ.

comment ކޮމެންޓް