އެމްޑީޕީގެ އެއްވުމުގައި އެއްވެސް މީހަކު ބައިވެރި ނުވާތި: ގާސިމް

"އިންސާފުގެ ދަތުރު"ގެ ނަމުގައި އެމްޑީޕީން މާލޭގައި ބާއްވަން ތައްޔާރުވަމުންދާ ބޮޑު އެއްވުމުގައި އެއްވެސް މީހަކު ބައިވެރި ނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ މިރޭގެ އެއްވުމަށް ބަޔަކު ހުރަސް އެޅުމުން ޕީޕީއެމްގެ ހަރުގެ ކުރިމަތީގައި ތިބެ، ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ދެއްވުން އެދި ދުއާ ކުރަމުން ދަނިކޮށް ވަޑައިގެން ގާސިމް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވަން އުޅޭ އެއްވުމުގައި ބައިވެރިވުމަކީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކާ ހަލާކެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީން 17 ވަނަ ދުވަހު ބާއްވަން އެ ބުނާ އެއްވުމުގައި ހަމަ އެއްވެސް ދިވެހި ރައްޔިތަކު ބައިވެރި ނުވާށޭ. އެއީ އަޅުގަނޑުމެނަށް ލިބޭނެ ވަރަށް ބޮޑު ހަލާކަކާ ގެއްލުމެކޭ، އޭގައި އިތުރަށް ބައިވެރި ނުވާށޭ،" އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކަކީ އިސްލާމް ދީނާއި ރާއްޖޭގެ ޖުޑީޝަރީ ހިމާޔަތް ކުރަން ފަށާފައިވާ މުޒާހަރާތަކެއް ކަމަށާއި އެ މަސައްކަތުގައި މާތް ﷲގެ ރަހުމަތް ލައްވަންދެން މެދުކަނޑައި ނުލާ ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. އެ މުޒާހަރާތައް ކުރަންވާނީ ގާނޫނުތަކަށް ބޯ ލަނބައި ގާނޫނުގެ ހުދޫގެ ތެރޭގައި ކަމަށް ވެސް ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވެވި ގާސިމް ގޮވާލެއްވެވި އެވެ.

މިރޭ ރައްޔިތުންގެ މަޖިލހުގައި ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެ ކޮމެޓީއަށް މީހުން ހާޒިރުކޮށްގެން ކުރާނ ކަމަކީ ފާޅުކޮށް އެނގޭ ކަމެއް ކަމަށެވެ.

"ކޮމެޓީއަށް މީހުން ގެންގޮސްގެން ކުރާ ކަމަކީ އެމީހުން [ސަރުކާރުން] ބޭނުންވާ ވާހަކަތަކެއް ޖުޑިޝަރީގެ ބޮލުގައި އަޅުވައި ޖުޑީޝަރީގެ ސަބަބުން ފިތުނަ ފަސާދަ އުފެދެނީ ކަމަށް ދެއްކުން. ފަނޑިޔާރުންގެ ގަދަރާއި ހައިބަތު ވައްޓާލަން ކުރާ މަސައްކަތް އޮޅިފައެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކު ކޯޓްތަކުގެ ފަނޑިޔާރުންނަށް ހަދަން ކުރާ މަސައްކަތް ތާކުންތާކު ޖެހިގެން ނުދާނެ ކަމަށާއި އެކަންކަމާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރެއިން ރެއަށް މުޒާހަރާތަކުގައި ބައިވެރިވުން އިތުރުކޮށް ހާސިލު ކުރަން ބޭނުންވާ މަގުސަދު ހާސިލު ކުރުމަށް. މި ޖިހާދު ކުރިޔަށް ގެންދިއުމަށް. މިކަމާ ގުޅިފައި ވަނީ ޖުޑިޝަރީ. ޖުޑިޝަރީ ފުނޑުފުނޑު ވެއްޖިއްޔާ މާތްވެގެން އިސްލާމް ދީން [ދިވެހިން އަތުން] ބީވެގެންދާނެ. އޭގެ ހެކި އަޅުގަނޑުމެނަށް ފެނިގެން އެދިޔައީ އައްޑޫގައި ބެއްހެއްޓި ބުދުތަކުން ވެސް،" ގާސިމް ވިދާޅުވި އެވެ.

މިދިއަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވާ 27128 ވޯޓާއެކު ފުރަތަމަ ބުރުގައި ވޯޓްލީ މީހުންގެ 15.3 ޕަސެންޓް ހޯއްދެވި ވިޔަފާރިވެރިޔާ ވިދާޅުވީ ރައީސް ނަޝީދަށް އެ އިންތިހާބުގެ ފުރަތަމަ ބުރުގައި 25 ޕަސެންޓް ވޯޓް ލިބިފައި ވަނިކޮށް ދެވަނަ ބުރުގައި 54 ޕަސެންޓް ހޯއްދަވައި ދެއްވީ އޭނާއާ ޑރ. ހަސަން ސައީދާ އަދާލަތު ޕާޓީގެ މަސައްކަތުން ކަމަށެވެ. އަދި މިއަދު އެއިން އެއްވެސް ބޭފުޅަކު ރައީސް ނަޝީދާއެކު ނެތުމުން ރައްޔިތުންނަށް އިތުރަށް އަނިޔާ ނުކުރައްވާ ރައީސް ނަޝީދު ވެރި ކަމުން ފައިބަން ޖެހޭނެ ކަމަށެވެ.

"ރައްޔިތުންނަށް އިތުރަށް އަނިޔާ ނުކޮށް ފައިބައިށޭ! ފައިބާށޭ އެއް ގޮތަކަށް ވެސް އަނިޔާ ނުކުރާށޭ!" ގާސިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު