އެސްޑީއެފްސީ އިން ދޫކުރި ލޯނުގެ 33 ޕަސެންޓު އަންހެނުންނަށާއި ޒުވާނުންނަށް

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2019 ވަނަ އަހަރު އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ފާއިތުވި ދެ އަހަރު ތެރޭ ދޫކުރި ލޯނުގެ 33 ޕަސެންޓު ދޫކޮށްފައިވަނީ އަންހެނުންނަށާއި ޒުވާނުންނަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޑީއެފްސީގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ 2019 ވަނަ އަހަރު 287 ފަރާތަކަށް 343 މިލިއަން ރުފިޔާގެ ލޯނު އަދި 2020 ވަނަ އަހަރު 305 ފަރާތަކަށް 420 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ.

މީގެ އިތުރުން ކޮވިޑް19ގެ ހާލަތުގައި ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 2020 ވަނަ އަހަރު އެ ބޭންކުން ސަރުކާރާ ގުޅިގެން ކޮވިޑް19 ވިޔަފާރި އެހީ ލޯނުގެ ނަމުގައި ވަނީ ލޯނެއް ތައާރަފު ކޮށްފައެވެ. ޖުމްލަ 2205 މީހަކަށް 381 މިލިއަން ރުފިޔާ ދޫކުރި ކަމަށާއި އޭގެ ތެރޭ 1520 ވިޔަފާރި އާއި 685 އަމިއްލަ ފަރާތް ހިމެނޭ ކަމަށް އެސްޑީއެފްސީ އިން ބުންޏެވެ.

އެސްޑީއެފްސީ އިން ވަނީ އެކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތް ލިބިގަންނަން ފަސޭހައަކަށް ލޯނަށް އެދި ހުށަހެޅުމުގެ ކަންތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ޕޯޓަލް އެއް ތައާރަފުކޮށްފަ އެވެ. އެ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެޕްލައި ކުރުމާއި ލޯނުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.

އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.

އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ލޯނުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދޫކުރެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރު ދެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަން ބޭނުންވާ ލޯނުވެސް އެސްޑީއެފްސީ އިން ދޫކުރެއެވެ. މިގޮތުން އެއް އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރުން ދައްކާ ގޮތަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނު މި ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރެ އެވެ.

އެސްޑީއެފްސީ އިން ދެން ލޯނު ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ ހަރު މުދާ ގަތުމަށާއި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އަދި ކުދި ވިޔަފާރިތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި މާލީ އެހީ ލިބޭނެ ގޮތަކަށް އަދި ގެސްޓުހައުސް ވިޔަފާރި ފެށުމަށާއި އެ މަސައްކަތް ކުރި އެރުވުމަށެވެ.

comment ކޮމެންޓް