ބޮލީވިއާގެ ކުރީގެ ވަގުތީ ރައީސް ބަޣާވާތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ބޮލީވިއާގެ ކުރީގެ ރައީސް ޖެނީން އަންޔޭސް ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ސުކްރޭ (މާޗް 14): ބޮލީވިއާގެ ވަގުތީ ރައީސްކަން މީގެ ކުރިން ކުރެއްވި ޖެނީން އަންޔޭސް ބަޣާވާތް ކުރެއްވުމުގެ ތުހުމަތުގައި އެގައުމުން އިއްޔެ ހައްޔަރުކޮށްފި އެވެ.

އަންޔޭސް ހައްޔަރު ކުރުމުގެ ކުރިން އޭނާ ކުރެއްވި ޓުވީޓުތަކެއްގައިވާ ގޮތުން އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމާއި ފިތުނަ އުފެއްދުމާއި ގަވާއިދާ ހިލާފު އަމަލެއް ކުރުމަށް ރޭވުމުގައި ބައިވެރިވުމުގެ ތުހުމަތު ކޮށްފަ އެވެ. އަދި އެއީ ސިޔާސީ ބޭނުމަކަށް ކުރާ ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ވަނީ ނުވެސް ހިނގާ ބަޣާވާތެއްގައި އަޅުގަނޑު ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި. އަޅުގަނޑު ބޮލީވިއާ އާއި މިގައުމުގެ ހުރިހާ ރައްޔިތުންނަށް ޓަކައި ދުއާ ކުރަން،" އަންޔޭސް ވިދާޅުވި އެވެ.

ބޮލީވިއާގެ ވަގުތީ ރައީސް ކަމާ އަންޔޭސް ހަވާލުވެވަޑައިގަތީ ނޮވެމްބަރު 2019ގައި އޭރު ހުންނެވި ރައީސް އީވޯ މޮރާލޭސް އިސްތިއުފާ ދެއްވުމުންނެވެ.

މޮރާލޭސް އިސްތިއުފާ ދެއްވީ ބޮލީވިއާގައި 20 އޮކްޓޯބަރު 2019ގައި ބޭއްވި އާއްމު އިންތިހާބު އޭނާ ކާމިޔާބު ކުރެއްވުމުން އެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތައް ބޭއްވުމުންނެވެ. އަދި އެއިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް)އިން ބުނި ފަހުންނެވެ.

އޭގެ ސަބަބުން މޮރަލެސް އާ އިންތިހާބެއް ބާއްވާނެކަން އިއުލާން ކުރެއްވި ނަމަވެސް އެގައުމުގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވިލިއަމްސް ކަލިމަން މޮރާލޭސް އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި އެވެ. އެހެންކަމުން އެއީ ބަޣާވާތެއް ކަމަށް ވިދާޅުވި، އިސްތިއުފާ ދެއްވާ، މޮރާލޭސް ގައުމުން ބޭރަށް ފުރާ ވަޑައިގެންނެވި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޮރާލޭސްގެ މޫވްމެންޓް ފޯ ސޯޝަލިޒަމްގެ ކެންޑިޑޭޓު ލުއީޒް އަރުކޭ ވަނީ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އެއާއެކު މޮރާލޭސް ވަނީ އަނބުރާ ގައުމަށް ވަޑައިގެން، ޕާޓީއާ ހަވާލުވެވަޑައިގެންފަ އެވެ.

ބޮލީވިއާގެ އިންޑިޖިނަސް ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ރައީސް ކަމަށްވާ މޮރާލޭސް ފުރަތަމަ ރައީސްކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރެވެ. އަދި ވެރިކަމުގެ ދައުރުގައި އޭނާ ވަނީ ގައުމުގެ ފަގީރުކަން ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، އިގުތިސާދީ ގޮތުން ގިނަ ކުރިއެރުންތަކެއް ގެންނަވާފަ އެވެ.

ނަމަވެސް މޮރާލޭސް ވަނީ ބޮލީވިއާގައި ރައީސްކަން ކުރެވޭނީ ދެ ދައުރަށް ކަމަށް ކަނޑައަޅާ މާއްދާ ދުސްތޫރީ ކޯޓު މެދުވެރިކޮށް 2017 ވަނަ އަހަރު އުވާލައްވައިފަ އެވެ. އެއީ އެކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ފެންނަ ނުފެންނަ ވޯޓެއްގައި ވޯޓު ދިން ފަހުންނެވެ. އަދި އޭގެ ފަހުން މޮރާލޭސްއަށް އޮތް ތާއިދު ކުޑަވި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް