މޯލްޑިވިއަންގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތަކެއް

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސްް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މާލީ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ބޯޓުތަކެއްހެން ގްރައުންޑު ކުރަން ޖެހުނު ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ އަށްވެސް އަސަރު ކުރި ކަމަށެވެ.

"އަދި މުޅިއަކުން އެކަމުން އަރައިގަނެވިގެންނެއް ނުދޭ. އަޅުގަނޑުގެ އަމާޒު ހުރީ ދެ ކަމަކަށް. ފުރަތަމަ ކަމަކީ ހަރަދު ކުޑަކުރުން. އަދި އެފިޝަންސީ އިތުރު ކުރުމަށް. އަޅުގަނޑު ބަލާލުމުން އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވެން އެބަހުރި،" މޯލްޑިވިއަންގެ އެމްޑީ ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިހާދު ވިދަޅުވިއެވެ.

މިހާދު ވިދާޅުވީ ކޮވިޑާ ގުޅިގެން ވިޔަފާރީގެ ބައެއް މުއާމަލާތްތަކަށްވެސް ބަދަކު އައިސްފައިވާ ކަމަށާއި އެގޮތުން ޓިކެޓު ގަތުމާއި ފައިސާ ދެއްކުމުގެ ކަންތައް އޮންލައިންކޮށް ކުރިއަށް ގެންދާއިރު މޯލްޑިވިއަންގެ ޓިކެޓިން އޮފީހުގެ ގޮތުގައި ބޭނުން ކުރަމުންދިޔަ އިމާރާތް ދޫކޮށްލަައި، އެތަނުގެ ކުލީގެ ގޮތުގައި ދައްކާ ފައިސާ އިން އަހަރެއްގެ މައްޗަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

"އިންޓާނަލް ރިވިއު އެއްވެސް މިދަނީ ހަދަމުން. ކުންފުނީގެ އޮޕަރޭޝަންތަައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން" އޭނާ ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަންގެ އިންޓަނޭޝަނަލް އޮޕަރޭޝަންތައް ފުޅާކުރަން ޖެހޭ ކަމަށެެވެ. އެ މަސައްކަތަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި އަހަރުގެ މެދުތެރެއަށް ދާއިރު އެ ދެ އެއާކްރާޓު ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ލިބުނު ގެއްލުން 110 މިލިއަނަށް އަރައެވެ.

މިހާދު ވިދާލުވީ ކުންފުނީގެ މާލީ ހާލަތު ދަށް ކަމަށާއި ކޮވިޑް19ގެ ހާލަތުން ފެށިގެން ކުންފުންޏަށް ފިނޭންސް މިނިސްޓްރީ އިން މާލީ އެހީތެރިކަން ދެމުންދާ ކަމަށެވެ.

ކޮވިޑްގެ ހާލަތުގައިވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ ތިންވަނަ ކުއާޓަރު އަންނަން ވާއިރަށް އެދެވޭ ބަދަލެއް އައިސް ކުންފުނީގެ ފައިނޭންޝަލް ޕޮޒިޝަން ރަނގަޅުވެގެންދާނެ ކަމަށް،"

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ މާކެޓު ހުޅުވިފައި ނެތުމަކީ އަދިވެސް އޮތް ޗެލެންޖެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް