މި އަހަރުގެ ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކުރަން ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ. އެމަހަކަށް ޓަކައި އެތަށް ތައްޔާރީތަކެއް އަހަރެމެން ފަށާފައިވާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި އޮތީ ފާއިތުވި ރޯދަމަސްތަކުގައި ނުހިފި ދޫކޮށްލެވިފައި ހުރި ރޯދަތައް ގަޟާކުރުމެވެ.
ރޯދަހިފުމަކީ އިސްލާމްދީން އޭގެ މައްޗަށް ބިނާވާ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ހިޖުރައިން ދެވަނަ އަހަރުގެ ޝައުބާން މަހުގައި މުސްލިމުންނަށް ރަަމަޟާން މަހުގެ ރޯދަ ފަރުޟުކުރެވުނު އިރު، ކޮނޑުގައި އެޅިފައިވާ މި ފަރުޟަށް އެއްވެސް ވަރަކަށް ފަރުވާ ކުޑަކުރެވިގެން ނުވާނެއެވެ.
މިގޮތުން މި ހިމަނާލަނީ ރޯދަ ގަޟާކުރުމާ ގުޅޭ ގޮތުން ހުރި ބައެއް ސުވާލުތަކާއި އެ ސުވާލުތަކަށް ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ދެއްވާފައިވާ ޖަވާބެވެ.
ރޯދަތައް ގަޟާކުރަން އެންމެ ރަނގަޅީ ކޮން ވަގުތެއްގެ ކުރިން؟
ރޯދަ ގަޟާކުރުމަކީ ވަކި ވަގުތެއް ކަނޑައެޅިފައި އޮންނަ ކަމެއް ނޫނެވެ. އެކަމުގައި އޮންނަނީ އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން ވީހާވެސް އަވަހަކަށް ހިފުން ކަމުގައި ޑރ.ޒަކަރިއްޔާ ވިދާޅުވި އެވެ.
"ރޯދައެއް ގަޟާކުރަން އޮއްވާ އެމީހެއް މަރުވެއްޖެ ނަމަ އެއީ އެމީހެއްގެ ޒިންމާގައިވާ ކަމެއް. އެހެންވީމަ އެކަމުން އަވަހަށް ސަލާމަތްވުމަށް ވަގުތު ތަނަވަސްވުމުން އަވަސްކުރުމަކީ މުހިންމުކަމެއް. އެހެންނަމަވެސް ރޯދަ ގަޟާނުކުރެވި އޮތީ ބަލިހާލަތުގެ ސަބަބުން ކަމަށްވެފައި އެގޮތުގައި އޭނާ މަރުވެއްޖެ ނަމަ އެ ރޯދަ ހިފާކަށް ވެސް ނުޖެހޭ. އަދި އޭނަގެ ބަދަލުގައި ދުނިޔެމަތީގައި ތިބި ބަޔަކު އެ ރޯދަ ހިފާކަށް ވެސް ނުޖެހޭ. ސަބަބަކީ އެ ރޯދަ ހިފުމުގެ ފުރުސަތު އޭނައަށް ނުލިބޭތީ." ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.
ގިނަ ދީނީ އިލްމުވެރިންގެ ނަޒަރުގައި ރަމަޟާން މަހުގެ ރޯދަތައް ވަގުތުން އަދާކުރުމަކީ ލާޒިމު ކަމެއްވެސް ނޫނެވެ. ރޯދަ ގަޟާކުރުން ފަސްކޮށްލެވިދާނެކަމަށް މި ބޭކަލުން ދަލީލެއްގެ ގޮތުގައި ދައްކަވަނީ އާއިޝާ ރަޟިޔައްﷲ އަންހާގެ އަރިހުން އަލް އިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ހަދީޘެކެވެ. އެކަމަނާ ވިދާޅުވި އެވެ.
"ރަމާޟާން މަހުގެ ރޯދައެއް ގަޟާކުރުން ތިމަންކަމަނާގެ މައްޗަށް އޮތެވެ. އެ ރޯދަ ޝައުބާން މަހުގައި މެނުވީ ތިމަން ކަމަނާއަކަށް ގަޟާއެއް ނުކުރެއްވުނެވެ."
މި ހަދީޘުން އެނގެނީ ރަމަޟާން މަހުގެ ރޯދަ ގަޟާކުރަންވެފައި އޮވެ، އަނެއް އަހަރުގެ ޝައުބާން މަހުގެ ތެރޭގައިވެސް އެ ރޯދަ ގަޟާ ކުރެވިދާނެ ކަމެވެ.
ރޯދަ ގަޟާކުރަން ޖެހޭ މީހުންނަކީ ކޮބާ؟
ރަމަޟާން މަހުގެ ރޯދައަކީ ބާލިޣު ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟުކުރެވިގެންވާ އަޅުކަމެކެވެ. ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުން ސާބިތުވަނީ މިފަދައިންނެވެ.
"ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޟިރުވެ ހުރެއްޖެމީހާ، އެ މަހުގައި ރޯދަ ހިފާހުށިކަމެވެ! އަދި ބަލިވެ އުޅޭމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، [އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ] އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއި ފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫތައް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.
މި އާޔަތުގައި "އުނދަގޫކަމާ އެކު، އެކަމަށް ކުޅަދާނަވާ މީހުން" ކަމުގައި ވަނީ މުސްކުޅި އުމުރަށް އަޅައިގެންފައިވާ، ޖިސްމާނީ ގޮތުން ބަލިކަށިމީހުންނެވެ.
މުސްކުޅިވެ ގައިބާރުދެރަވެފައިވާ މީހުންނާއި، ދާއިމީ ބައްޔެއްގައި އުޅެންޖެހިފައިވާ މީހުންގެ މައްޗަކަށް ރޯދަ ގަޟާކުރުމެއް ނޯވެ އެވެ. އެމީހުންގެ މައްޗަށް އޮންނަނީ ފިދުޔަ ދިނުމެވެ. އެހެންކަމުން މި ނޫން ސަބަބަކާއި ހުރެ ރަމަޟާން މަހުގެ ރޯދަ އެއް ދޫކުރި އަދި އެ ރޯދަ ހިފުމުގެ ފުރުސަތު ލިބޭ ކޮންމެ މީހެއްވެސް އެ ރޯދައެއް ގަޟާކުރަން ޖެހެ އެވެ.
ރޯދަ ގަޟާ ކުރަންޖެހޭ ގޮތަކީ ކޮބާ؟
ރޯދަ ގަޟާކުރުމުގައި އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ފަރުޟު ރޯދަތައް ގަޟާކުރުމަށެވެ. މިގޮތުން ރަމަޟާން މަހަށް ފަހު ޝައްވާލު މަހުގައި ފުރަތަމަ ހިފަންޖެހޭނީ ފަރުޟު ރޯދަތައް ކަމުގައި ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.
"ބައެއް ފަތުވާގައި ގަޟާ ރޯދަ ހިފާއިރުގައި ދެކަމަކަށް ނިޔަތް ގަނެވިދާނެ ކަމުގައި [ފާއިތުވި ގަޟާރޯދައަށާއި އަދި ޝައްވާލުމަހުގެ ރޯދައަށް] ބުނެފައިވޭ. އެކަމަކު އެއީ ރަނގަޅު ފަތުވާއެއް ނޫން. ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުންނަށް އުޖޫރަ ނުވަތަ ޘަވާބު ދެއްވަވަނީ އެމީހަކު ކުރި މަސައްކަތެއްގެ މައްޗަށް ބިނާކޮށް" ޒަކަރިއްޔާ ވިދާޅުވި އެވެ.
ރޯދަތައް ދޫކުރެވި ގަޟާ ނުކުރެވޭ ފަރާތްތަކަށް އޮންނަނީ ފިދުޔަ ދިނުމެވެ. ފިދުޔަ ދިނުމަކީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ދުވާލެއްގެ އެއް އިރުގެ ކެއުން ކާންދިނުން ނުވަތަ އެހާވަރަށް ފައިސާ ދިނުމެވެ. މިކަމުގައި ސަމާލުކަންދޭންޖެހެނީ އެމީހަކު ކައިއުޅޭ ފެންވަރެއްގައި ކާންދިނުމެވެ.
މާބަނޑުވެ ވިހައި ކިރުމައި ހާލަތުގައި ރޯދަ ގަޟާނުކުރެވި ރޯދަމަހާއި ބައްދަލުވުން
މާބަނޑުވެ، މައިމީހާ އަށާއި ބަނޑުގައިވާ ތުއްތު ދަރިފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބައެއްފަހަރު ޑޮކްޓަރުގެ ލަފާގެ މަތިން ރޯދަތައް ދޫކުރަން ޖެހިދެ އެވެ. އަދި ނިފާސްކަމުގައާއި ދަރިފުޅަށް ކިރުދޭ ހާލަތުގައި ކިރު ހިކި ދަރިފުޅަށް ގާތުން ނުދެވިދާނެކަމަށް ޓަކައި ވެސް ރޯދަތައް ދޫކުރެ އެވެ. މިގޮތުގައި އިނދެ އަނެއް އަހަރުގެ ރޯދަ މަހާއި ބައްދަލުކުރާއިރު ގަޟާކުރަންޖެހިފައިވާ ރޯދަތަކާއި މެދު އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ އެ ރޯދަތައް އަނެއްކާ ވެސް މި ފެށޭ ރޯދަމަސް ނިމުމުން ގަޟާކުރާނީ ކަމުގަ އެވެ.
"އެމީހެއްގެ ގައިގައި ވަރުހުރިއްޔާ މިސާލަކަށް މިދިޔަ އަހަރުގެ 30 ރޯދައާއި މި އަހަރުގެ 30 ރޯދަ އެއްކޮށްފައި ރޯދަމަސް ނިމި ގައިގައި ވަރުޖެހުމުން 60 ރޯދަ އެބަހިފަން ޖެހޭ. އެކަމަކު 60 ރޯދަ ގަޟާކުރެވޭ ވަރުގެ ސިއްހަތެއް ނެތިފައި، އަދި އޭނައަށް ގަޟާކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއްޔާ ކޮންމެ ދުވަހަކަށް ފިދުޔަ ދެވިދާނެ." ޑރ.ޒަކަރިއްޔާ ވިދާޅުވި އެވެ.
ފަރުވާ ކުޑަ ކުރެވުމުގެ ސަބަބުން ގަޟާ ނުކުރެވިއްޖިއްޔާ ވާނީ ކިހިނެއް؟
މިފަދަ ރޯދަތަކަށްވެސް އޮތީ ގަޟާކުރުމެވެ. އަދި އިލްމުވެރިން ވިދާޅުވާ ގޮތުގައި ކައްފާރާއެއްގެ ގޮތުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ވެސް ޖެހޭނެ އެވެ.
ގެއްލުނު ރޯދަތަކުގެ އަދަދު ނޭނގޭ ހާލަތް
މި ހާލަތުގައި އޮތީ އެމީހަކަށް ޔަގީންވާ މިންވަރަކަށް ނުވަތަ ގާތްގަނޑަކަށް ލަފާކުރެވޭ އަދަދަތަކަށް ރޯދަތައް ގަޟާކުރުމެވެ.
ބާކީ މި އަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރުމަށް އޮތީ އެންމެ 35 ދުވަހެވެ. އެހެންކަމުން ގަޟާ ނުކުރެވި ރޯދައެއް އޮވެއްޖެ ނަމަ އަވަސްވެގަންނަންވީ އެ ރޯދައެއް ފުރިހަމަކޮށް، މުޅީން އާ ރޯދަމަހާކާއި އަނެއްކާ ވެސް ބައްދަލުކުރުމުގެ ހެޔޮ ނަސީބު ދެއްވުން އެދި ދުޢާކުރުމަށެވެ.