އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު 14 ޕަސެންޓު މަދު ކުރަން ރާއްޖޭގެ ހުށަހެޅުމެއް

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު 2014 ވަނަ އަހަރާ އަޅާ ބަލާ އިރު 14 ޕަސެންޓު މަދު ކުރަން ރާއްޖެއިން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އަށް ހުށަހަޅައިފި އެވެ.

އިންޑިއާ ކަނޑުގައި ކަންނެލީގެ ސްޓޮކް ބަލަހައްޓާ އައިޓޯސީއަށް ރާއްޖެއިން ރީނދޫ އުރަހަ ކަންނެއްޔާ ބެހޭ ޕްރޮޕޯޒަލްއެއް ހުށަހެޅީ އެ ކޮމިޝަނުން އަންނަ ހޯމަ ދުވަހު ހާއްސަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމާއި ކަޅުބިލަމަހުގެ މަސްވެރިކަން ކޮންޓްރޯލް ކުރުމުގައި ހުރި ދަތިތައް ހިމެނެ އެވެ.

އެ ކޮމިޓީގެ ވައިސް ޗެއާޕާސަންގެ ގޮތުގައި ހުންނަވާ ފިޝެރީސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު އިނގިރޭސިވިލާތުގެ ގާޑިއަން ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ މިންވަރު ހީނަރުވެ، ރަތް ދަރަޖައަށް ވަނީ އަރާފަ އެވެ. އެހެންކަމުން އެ ބާވަތުގެ ކަންނެލި ހިފާ މިންވަރު މަދު ކުރުމަށް ރާއްޖެއިން ހުށަހަޅާ ޕްރޮޕޯޒަލްގެ ދަށުން، މިގައުމުން ބާނާ ރީނދޫ އުރަހަ ކަންނެލީގެ މިންވަރު 11 ޕަސެންޓު ދަށް ކުރާނެ އެވެ. އަދި އެއީ މަސްވެރިންނަށް ދޭން އުނދަގޫ ހަބަރަކަށްވީ ނަމަވެސް އެއީ ވަޒީފާ އާއި ކާނާ ލިބުމުގެ ޔަގީންކަން ދެމެހެއްޓުމަށް މުހިއްމު ފިޔަވަޅެއް ކަމަށް ޒިޔާދު ފާހަގަ ކުރެއްވި އެވެ.

"ރީނދޫ އުރަހަ ކަންނެލި އަދިވެސް އުޅެނީ ރަތް ދަރަޖައިގައި. ރާއްޖެއިން ބާނާ މިންވަރު 11 ޕަސެންޓު ދަށް ކުރާނެ،" ޒިޔާދު ވިދާޅުވި އެވެ.

ކަންނެލީގެ ދެމެހެއްޓެނެވި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ގްލޯބަލް ޓޫނާ އެލަޔަންސް (ޖީޓީއޭ)އިން ބުނި ގޮތުގައި ރާއްޖޭގެ ޕްރޮޕޯޒަލްގެ ދަށުން މިއަހަރު އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު 2014އާ އަޅާ ބަލާއިރު 14 ޕަސެންޓު ދަށްވާނެ އެވެ.

ރާއްޖޭގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވެސް ވަނީ އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ޕްރޮޕޯޒަލްއެއް ހުށަހަޅާފަ އެވެ.

ގާޑިއަން ނޫހުން ރިޕޯޓު ކުރި ގޮތުގައި އިންޑިއާ ކަނޑުން އެންމެ ގިނަ އަދަދަކަށް ރީނދޫ އުރަހަ ކަންނެލި ބާނަނީ އީޔޫގެ ގައުމުތަކުންނެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖެއިން 44،000 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭނި އިރު، އީޔޫއިން 70،000 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭނި އެވެ.

ނަމަވެސް އީޔޫއިން އައިއޯޓީސީއަށް ހުށަހެޅި ޕްރޮޕޯޒަލްގައި ވަނީ އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލީގެ މިންވަރު އެންމެ ހަ ޕަސެންޓު ދަށް ކުރުމަށެވެ. އެހެންކަމުން އީޔޫއިން ހުށަހަޅާފައިވާ ފިޔަވަޅުތަކުން ނުފުދޭ ކަމަށް ބުނެ އެ އިއްތިހާދަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އީޔޫއިން މި މައްސަލައަށް ހުށަހަޅާފައި ވަނީ ވަގުތީ ހައްލެކެވެ. އަދި ކަންނެލި ބާނާ މިންވަރު މަދު ކުރަން އީޔޫއިން ހުށަހަޅާފައިވާ މިންވަރަކީ، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި މިންވަރަކަށް ދެމެހެއްޓުމަށް ބޭނުންވާ ވަރަށް ވުރެ މާ ކުޑަ މިންވަރެއް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އީޔޫއިން މި މައްސަލަ ސީރިއަސްކޮށް ނަގާ ނަމަ، އެ އިއްތިހާދުން އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބާނާ މިންވަރު މަދު ކުރާނެ ކަމަށާއި މިހާރަށް ވުރެ ރަނގަޅު މެނޭޖްމެންޓު ޕްލޭނެއް ހެދުމަށް މި ސަރަހައްދުގެ ގައުމުތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޕްރޮޕޯޒަލްއަށް ކެންޔާ، ދެކުނު އެފްރިކާ އަދި ޓެންޒޭނިއާގެ ތާއިދު އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮޕޯޒަލްތަކާ ބެހޭ ގޮތުން ވޯލްޑް ވައިލްޑްލައިފް ފަންޑާއި ބްލޫ މެރިން ފައުންޑޭޝަން ފަދަ ބައެއް ޖަމިއްޔާތަކުން އައިއޯޓީސީއަށް ހުށަހެޅި ސިޓީއެއްގައި ވަނީ ރާއްޖޭގެ ޕްރޮޕޯޒަލްއަކީ އަދި "އެންމެ ދަށް މިންވަރު" ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ އާއި އީޔޫގެ ޕްރޮޕޯޒަލްގައި ވެސް ފިޝް އެގްރިގޭޓިން ޑިވައިސް (އެފްއޭޑީ)ތައް ކައިރީ ދާ ޖަހައިގެން މަސް ބޭނުން ފާހަގަކޮށްފައި ނެތް ކަމަށް ބުނެފަ އެވެ. އެފްއޭޑީތަކަކީ އޭގެ ކައިރީގައި މަސް އެއްތަން ވާނެ ބޮއެ ފަދަ ތަކެއްޗެވެ. އަދި އެފްއޭޑީ ކައިރީގައި ދާ ޖަހައިގެން މަސް ބޭނުމުން ކުދި ކަންނެލި ބޭނޭ މިންވަރު އިތުރުވާ ކަމަށާއި އެއީ މަހުގެ އާބާދީ އިތުރު ކުރުމަށް އެޅޭ ހުރަހެއް ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.

އެހެންކަމުން ކެންޔާ އާއި ލަންކާއިން އައިއޯޓީސީއަށް ހުށަހެޅި ޕްރޮޕޯޒަލްގައި ވަނީ އެފްއޭޑީ ބޭނުން ކުރުން މަދު ކުރުމަށް ފިޔަވަޅުތައް ހިމަނާފަ އެވެ.

comment ކޮމެންޓް