ސިޓީ ކައުންސިލުގެ ބަސް ނެތި މާލެއިން ފްލެޓުދޫކުރާތީ ކަންބޮޑުވުން

މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ފްލެޓު އަޅައި މާލެ އިން ފްލެޓު ދޫކުރާއިރު، ސިޓީ ކައުންސިލްގެ ބަހެއް އެކަމުގައި ނުހިމެނޭތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހިޔާ ފްލެޓުތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން މާލެ ސިޓީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން މަތިވަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ.

"އެހެންނަމަވެސް އެކި ފަހަރުގެ މަތިން ސަރުކާރުތަކުގެ ތެރެއިން މި މަސައްކަތް ކުރަމުންދާއިރު ސިޓީ ކައުންސިލުގެ ބަހެއް ނެތި އެކަން ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން އޮތްވާހަކަ އަޅުގަނޑު ދަންނަވަލަން. ހަމަ އެހެންމެ 13 ޑިސެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ފޮނުއްވާފައިވާ ސިޓީގައި ވަރަށް ސާފުކޮށް މާލޭ ސިޓީގެ ހެދިފައި ހުރި ހުރިހާ ފްލެޓުތަކުގެ ކަންތައްތައްވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ގެންދިޔުމަށް ވިދާޅުވެފައިވާއިރު، ބޯހިޔާވަހިކަމަށް ފްލެޓުތަކުގެ ގޮތުގައި ހުރިތަނުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވަނީ އޭގެ ތެރެއިންވެސް އެންމެ ދުވަސްވީ މީހަކަށް ނުވަދެވޭ ވަރުވެފައި ހުރި ސިނަމާލޭގެ ފްލެޓުތައް. މާދަމާވެސް ތަޅާލަން ޖެހޭ ހިސާބުގައި ހުރި ފްލެޓުތައް،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވަނީ އަތޮޅުތެރޭގައި ވެސް ކައުންސިލުތަކާ ހަވާލުކޮށްގެން ފްލެޓުތަކުގެ ކަންތައް ކުރިއަސްގެންދައިރު މާލޭ ސިޓީ ކައުންސިލާ އަތޮޅުތެރެއާ ތަފާތުކުރާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ހިޔާ ފްލެޓުތަކުގެ ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތުގައި މާލޭ ދަފްތަރުގައި ގިނަ ބަޔަކު ޖެހުނު ކަމަށާއި އޭގެ ތެރޭގައި މާލޭގައި ނޫޅޭ އެތައް ބަޔަކުވެސް ހިމެނޭ ކަމަށް ޝިފާ ވިދާޅުވި އެވެ.

ދަފްތަރާ ގުޅޭ ގޮތުން ޝިފާ ވިދާޅުވީ، 1978ގައި މާލޭ ދަފްތަރު އުފެއްދީ މާލޭ ރަށްވެހިންގެ ތެރެއިން މާލޭގައި ގެދޮރު ނެތް މީހުންނާއި މައިމުުނަވެފައި ތިބި މީހުންނަށް ހާއްސަ ކޮށްގެން ކަމަށެވެ.

"މިނިވަން 25އާ ގުޅިގެން އަތޮޅު ތެރޭ ރައްޔިތުންނަށް ކުޑަ ސިޓީ އުވާލެވި މާލެއަށް އާދެވޭ ގޮތެެއް މިވީ. އެއީ އެއްގޮތަކަށްވެސް އަތޮޅުތެރޭ ރައްޔިތުންނަށް ހެދުނު އެއްޗެއް ނޫން ދަފްތަރަކީ. މިހާރުވެސް މާލޭ ރައްޔިތުންގެ ތެރޭގައި މަގުމަތި ވެފައިތިބި، ގެދޮރު ނެތް 2،000 އަށް ވުރެ ގިނަ މީހުން އެބަތިބި،" ސިފާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ހައްގުވެރިން ކަށަވަރުވާނީ 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މާލެ ސަރަހައްދުން ގަނެފައިވާ ފްލެޓުތަކުގެ ރެޖިސްޓްރީގެ ކަންތައް ޔަގީންކުރުމުން ކަމަށެވެ. އެގޮތުން ފްލެޓު ގަނެ، ރެޖިސްޓްރީގެ ކަންތައް ފުރިހަމަ ނުކޮށްވެސް އެބަހުރި ކަމަށާއި، ފްލެޓުގެ ހައްގުވެރިން ކަށަވަރުކުރަން އެ ހުރިހާ ކަމެއް ބަލަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް