ޕާނެއްހާ ލުއިކޮށް އޮތް ދަރިފުޅު އެންމެފަހުން ހޮސްޕިޓަލުން ދޫކޮށްފި

ސޯފިއާ ވިހެއުމަށްފަހު ނަގާފައިވާ ފޮޓޯޢެއް-- ފޮޓޯ:ބީބީސީ

ސޯފިއާ ވިކްޓޯރިއާ ބިރީނާ އަކީ މިހާތަނަށް ސްކޮޓްލޭންޑްގައި އުފަންވި އެންމެ ހަނގު ކުދިންގެ ތެރެއިން ފުރާނަ ސަލާމަތްކުރެވުނު އެއް ކުއްޖެވެ. ޑިއުޑޭޓް ގެ ހަތަރު މަސްކުރިން އޭނާ އުފަންވީ ކުއްލި ގޮތަކަށެވެ. އެހެންނަމަވެސް ވިހެއުމަށްފަހު ހަތަރު ގުނަ ބަރުދަން އިތުރުވެ މި ހަފްތާގައި އޭނާ ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްފައެވެ.

ސޯފިއާ ހޮސްޕިޓަލުން ދޫކޮށްލަނިކޮށް ނަގާފައިވާ ފޮޓޯއެއް--

ސޯފިއާގެ މަންމަ ބުނިގޮތުގައި ބަނޑަށް 20 ހަފްތާގައި ހެދި ސްކޭންއިން އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކައެވެ. ނަމަވެސް 22 ހަފްތާގައި މާބޮޑަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިއުމުން އެނގުނީ ވިހަން ތައްޔާރުވެފައިވާ ކަމެވެ. އޭގެ 10 ދުވަސް ފަހުން ސޯފިއާ ދުނިޔެއަށް އުފަންވީ ފުރާނަ ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދަކާއި ނުލައެވެ.

އެހާ ޕްރިމެޗުއާކޮށް ސޯފިއާ އުފަންވިއިރު ބަރުދަނުގައި ހުރީ އެންމެ 500 ގްރާމެވެ. ދިގުމިނުގައި ހުރީ 10 އިންޗެވެ. ފުރަތަމަ ތިންމަސް ދުވަސް އިންކިއުބޭޓަރުގައި ހޭދަކުރަން ޖެހުނުއިރު އޭނާގެ ހަށިގަނޑުގެ އެތެރެވެސް އޮތީ ހާމައަށެވެ.

ވިހެއުމަށްފަހު ހިތުގެ މައްސަލައާއި، ސްޓޭޖް އެކެއްގެ ބްރެއިން ބްލީޑް ނުވަތަ ސިކުނޑިން ލޭ އައުމާއި، ރެޓީނޯޕަތީގެ މައްސަލަވެސް ސޯފިއާ އަށް ކުރިމަތިވިއެވެ. އަދި ޕްރިމެޗުއަރިޓީގެ ސަބަބުން އެތަކެއް އިންފެކްޝަންތަކެއް ކުރިމަތިވިއިރު ހަތްފަހަރު ލޭއަޅަންވެސް ޖެހުނެވެ. އަދި ފުއްޕާމޭ ރަނގަޅަށް އުފެދިފައިނުވުމުން ނޭވާލާ ނިޒާމުގެ މައްސަލަތައްވެސް ކުރިމަތިވެފައިވެއެވެ.

ހޮސްޕިޓަލުގައި ހަތަރު މަހެއްހާ ދުވަހު ސޯފިއާ އޮތްއިރު، މެޝިނުގެ އެހީއާއި ނުލާ ސޯފިއާ ނޭވާލަން ފެށީ މިފަހުންނެވެ. ވިހޭއިރު ބަރުދަނުގައި ޕާނެއްގެ ބަރުދަންހުރިއިރު ހޮސްޕިޓަލުން ދޫކޮށްލީ ބަރުދަން ހަތަރު ގުނަ އިތުރުވުމުންނެވެ.

ސޯފިއާ އޭނާގެ މަންމައާއި ބައްޕައާއި އެކު--

ޕްރިމެޗުއާކޮށް ދުނިޔެއަށް އުފަންވި ކުދިންގެ ތެރެއިން މިހާތަނަށް އެންމެ ހަނގުކޮށް ވިހައިގެން ފުރާނަ ސަލާމަތްކުރެވުނީ ބަނޑަށް 21 ހަފްތާގައި ވިހެއި ކުއްޖެކެވެ.

ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް ކުރިއަށް އޮތް ދެ އަހަރު ޑޮކްޓަރުންދާނީ ސޯފިއާގެ ހެދިބޮޑުވުން ވަރަށް ގާތުން ބަލަމުންނެވެ. އަދި އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރު ވާންދެން ފުއްޕާމޭގެ ހާއްސަ ކްލިނިކަކުން އޭނާގެ ފުއްޕާމޭ މޮނިޓކުރަމުން ދާނެ އެވެ.

comment ކޮމެންޓް