ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ރާއްޖޭގެ ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

ބާ ކައުންސިލްގެ އަހަރު އަންމު ޖަލްސާ ބާއްވާފައި ވަނީ 24 ފެބުރުއަރީ ވީ ބުދަ ދުވަހުގެ ހަވީރު 04:00 ގައެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 24 ވަނަ މާއްދާގައި، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 60 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު އެކުލަވާލައި، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން، ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އާމްދަނީއާއި ހަރަދުތަކާއި، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ އާމްދާނީއާއި ހަރަދާއި، ކުރިއަށް ރާވާފައިވާ މަސައްކަތްތައް ހިމެނިފައިވާ އަހަރީ ރިޕޯޓާއި، ބާ ކައުންސިލުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް ވަނީ އެ ޖަލްސާއަށް ހުށަހަޅައި، ފާސްކޮށްފަ އެވެ.

އެ ޖަލްސާގައި 2020 ވަނަ އަހަރު ބާ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ގާނޫނީ ވަކީލުންނާއި އާންމު ފަރާތްތަކާއި އަދި ރާއްޖެއާއި ބޭރުގެ އެކި އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ބާ ކައުންސިލަށް ވެދިން އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކޮށްފައިވެ އެވެ.

ކޮވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް އެ ޖަލްސާ ކުރިއަށްގެންދިޔައީ އޮންލައިންކޮށް، ޒޫމް ބައްދަލުވުމެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް