ކޮވެކްސްގެ ފުރަތަމަ ވެކްސިން ޝިޕްމެންޓު ގާނާއަށް

ކޮވެކްސް ފެސިލިޓީން ވަނީ ގާނާއަށް ކޮވިޑް ވެކްސިންގެ ހަ ލައްކަ ޑޯޒް ފޮނުވާފަ -- ފޮޓޯ: ރޮއިޓާސް

އަކްރާ (ފެބްރުއަރީ 24): ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކޮވެކްސް ފެސިލިޓީން ފޮނުވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ގާނާއަށް ފޮނުވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޔުނިސެފުން ބުނި ގޮތުގައި ގާނާއަށް ފޮނުވާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުތް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ހަ ލައްކަ ޑޯޒް އެވެ.

ގާނާގެ ހެލްތު އޮފިޝަލުން ބުނި ގޮތުގައި އެގައުމުން އަންނަ މަހުގެ ދޭއްގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާއިރު ފުރަތަމަ ވެކްސިން ޖަހާނީ ހެލްތު ވޯކަރުންނާއި ބަލީގެ ނުރައްކާ އޮތް އެހެން މީހުންނަށެވެ.

ގާނާގައި މިހާތަނަށް 81،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 584 މީހަކު މަރުވެފައިވެ އެވެ.

ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

comment ކޮމެންޓް