ކޮވިޑް19 ޖެހި، ފަރުވާދެމުންދަނިކޮށް މިއަދު މަރުވި މަޝްހޫރު ފިލްމީތަރި ހަސަން އަލީ މަނިކު (ކޮއްޔަ ހަސަން މަނިކު)އަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ޓުވިޓާގައި ހިއްސާކުރެއްވި، އެމަނިކުފާނު އަތްޕުޅުން ލިޔުއްވާފައިވާ ނޯޓެއްގައި ވިދާޅުވެފައިވަނީ، މީގެ ތިން ހަފުތާ ކުރިން ކޮއްޔަ ހަސަން މަނިކާ ބައްދަލުވެވަޑައިގެންނެވި ކަމަށެވެ.
އެ ބައްދަލުވުމުގައިވެސް އެފަދަ އުފެއްދުންތެރި އެތައް ވާހަކައެއް ކޮއްޔަ ހަސަން މަނިކު އެމަނިކުފާނާ ހިއްސާކުރެއްވި ކަމަށް އެ ނޯޓުގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އޭނާއަކީ ވަރަށް ގިނަ ބައެއްގެ ތާއީދު ހޯދި ފަންނާނެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މިއަދު ހަސަނިކު މިވަނީ އަޅުގަނޑުމެންނާ ވަކިވެފައި. އެ މަރުހޫމްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން." އެ ނޯޓުގައި ރައީސް ލިޔުއްވާފައިވެ އެވެ.
ކޮއްޔަ ހަސަނިކު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 60 ވަނަ މީހާ އެވެ.
އޭނާއަކީ 1989 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.