ޕްރިންސް ހެރީ އާއި މޭގަން މާކަލް އެނބުރި ރޯޔަލް ޑިއުޓީއަކަށް ނުދާނެ!

ޕްރިންސް ހެރީ އާއި މޭގަން މާކަލް --

ޕްރިންސް ހެރީ އާއި އަނބިކަނބަލުން، އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލް އެނބުރި ޝާހީ އާއިލާގެ މެންބަރުންގެ ގޮތުގައި މަސައްކަތް ނުކުރާނެކަމަށް ބަކިންހަމް ޕެލެސް އިން ބުނެފި އެވެ.

ޑޫކް އެންޑް ޑަޗަސް އޮފް ސަސެކްސް ކަމުގައިވާ ހެރީ އާއި މޭގަން ޝާހީ އާއިލާގެ ސީނިއާ މެންބަރު ކަމުންނާއި މަސައްކަތްތަކުން އެކަހެރިވެ ވަޑައިގަތުމަށް ނިންމެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

އޭގެފަހުން ހެރީގެ ދެކަނބަލުން އެމެރިކާގެ ކެލިފޯނިއާ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. އަދި މިހާރު އަންނަނީ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުންނެވެ.

އިނގިރޭސި ޝާހީ އާއިލާއިން ނެރެފައިވާ ބަޔާނާއިއެކު، ހެރީ އާއި މޭގަން ވިދާޅުވީ މީގެކުރިންވެސް ހިދުމަތްކުރެއްވި ޖަމިއްޔާތަކަށް އަދިވެސް ހިދުމަތްކުރައްވާނެ ކަމަށާއި އަދި އެހިދުމަތުގައި އެންމެހާ ފަރާތްތައްވެސް ހިމަނުއްވާނެ ކަމަށެވެ.

ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި މަހުގަ އެވެ. މޭގަން އަކީ އިނގިރޭސި ޝާހީ އާއިލާގެ އެހާ ސީނިއާ މެންބަރަކާއި އެހެން ގައުމަކުން ކައިވެނި ބައްލަވައިގަތް ފުރަތަމަ ފަރާތަށް ވާއިރު، ކައިވެންޏަށްފަހު ބޮޑެތި މައްސަލަތަކެއް ޝާހީ އާއިލާއާއި މޭގަން އާއި ދެމެދު ހުރި ކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ.

ހެރީ އާއި މޭގަން ޝާހީ އާއިލާގެ ސީނިއާ މެންބަރުކަމުން ވަކިވާން ނިންމި ނިންމުމުގައި ވިދާޅުވެފައިވަނީ އެ މަގާމު ދޫކޮށްލައްވަނީ އަމިއްލަ މިނިވަން ދިރިއުޅުމެއް އުޅުމަށްކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު