ވަކިވަކި ކޯޓުތަކުގެ މައުލޫމާތު ހޯދަން ސުޕްރީމް ކޯޓާ މުއާމަލާތު ކުރަން ޖެހޭ ގޮތަށް ނެރުނު ސާކިއުލާ ބާތިލުކޮށްފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އެކިއެކި މުއައްސަސާތަކުން، ވަކިވަކި ކޯޓުތަކުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދަން ސުޕްރީމް ކޯޓުގައި އެދެން ޖެހޭ ގޮތަށް އެ ކޯޓުން ކުރިން ނެރެފަައިވާ ސާކިއުލާތަކެއް މިއަދު ބާތިލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރު ދެވަނަ ސާކިއުލާގައި ވަނީ ޝަރުއީ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އޮފީސްތަކުން ވަކިވަކި ކޯޓުތަކާ މުއާމަލާތް ނުކުރުމަށް އަންގައިފަ އެވެ. އަދި އެފަދަ ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭނީ ސުޕްރީމް ކޯޓާ ކަމަށް އަންގާފައިވެ އެވެ.

އެ ސާކިއުލާއާ ހަވާލާދީ، ކޯޓުގެ 2015 ވަނަ އަހަރުގެ އަށް ވަނަ ސާކިއުލާގައި ބުނެފައި ވަނީ، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ކޮމިޓީތަކަށް އައްޔަން ކުރެވޭ ހާލަތުގައިވެސް، އައްޔަން ކުރަންވާނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

އެ ގޮތަށް ދެ ސާކިއުލާވެސް ނެރުނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ)ގެ ދަށުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވެފައި، އެ ބާރުގެ ސިޔާސަތުތައް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ބުނެ އެވެ.

އެ ދެ ސާކިއުލާވެސް މިހާރު ބާތިލުކޮށްފައިވާ ކަމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ދެ ސާކިއުލާގެ އިތުރުން، ކޯޓުތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ކްލަބު ޖަމިއްޔާ ހިންގަން ވާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އެ ކޯޓުގެ ހުއްދަ ލިބިގެން، ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށް އަންގައި 2015 ވަނަ އަހަރު ނެރުނު ސާކިއުލާއެއްވެސް މިއަދު ވަނީ ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް