11 އަހަރަށް ޖަލަށްލި ޒިޔަތު ގޭގައި ހުންނަތާ މަސް ދުވަސް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ----

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރަށް ޖަލަށްލި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ދައުލަތުން އުފުލި އެވެ.

އެ ދައުވާތަކަށް އޭނާ އިއުތިރާފުވާން ޝަރުތުކޮށް، ދައުލަތުން ވަނީ އޭނާގެ އަދަބަށް ލުއި ގޮތެއް ހަމަޖައްސަައިދީފަ އެވެ. އެ ލުއިތަކާ ހެދި 7 ޑިސެމްބަރު 2020ގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ދުވަހު ކަރެކްޝަންސްއިން ބުނެފައި އެ ހުކުމާއެކު އޭނާ ބަދަލު ކުރީ މާފުށީ ޖަލަށް ކަމަށެވެ. ނަމަވެސް، މިހާރު އަނެއްކާވެސް އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، ޒިޔަތު ގޭބަންދަށް ބަދަލު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ގެއަށް ބަދަލު ކުރީ އޭނާގެ ސިއްހީ ހާލަތަށް ރިއާއަތްކޮށް ކަމަށް ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޒިޔަތު އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 23 އޮކްޓޯބަރު 2015ގަ އެވެ. އޭނާއަށް ކުރި ދައުވާތަކުގެ ތެރެއިން ޅ. މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވެ، 23 ޖޫން 2016ގައި އޭނާއަށް އަށް އަހަރުގެ ހުކުމެއް އިއްވި އެވެ. އެ ހުކުމް ޖަލުގައި ތަންފީޒު ކުރަމުން ދިޔަ ނަމަވެސް، 9 ފެބްރުއަރީ 2019ގައި އޭނާ ގޭބަންދަށް ބަދަލު ކުރި އެވެ. އެ ފަހުން އޭނާ ޖަލަށް ބަދަލު ކުރީ 11 އަހަރުގެ ހުކުމް އިއްވުމުންނެވެ.

ޒިޔަތުގެ އިތުރުން، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގައި އެންމެ އިސް ރޯލެއް އަދާ ކުރި އެކަކު ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ހުންނެވީ ގޭބަންދުގަ އެވެ. ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ލިބުނު ލުއިތަކާއެކު 5 އޮކްޓޯބަރު 2020ގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާވެސް ހުކުމް ތަންފީޒު ކުރައްވަނީ ގޭބަންދުގަ އެވެ. ދިރިއުޅުއްވަނީ ހުޅުމާލޭ އަމިން އެވެނިއު ފްލެޓެއްގަ އެވެ. އޭނާވެސް ގޭބަންދަށް ބަދަލު ކުރީ ސިއްހީ ހާލަތަށް ރިއާއަތްކޮށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ކަމަށް ބުނާ ފައިސާގެ އަދަދު އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު އުޅެނީ ތިން ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އެެހެންކަމުން، އަދީބާއި ޒިޔަތަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ޒިޔަތާއި އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ މީހުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކުރާ އެހެން މީހުންނާ ދެކޮޅަށް ހެކިބަސް ދެ އެވެ. މީގެ ކުރިން އެ ދެ މީހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައެއްގައިވެސް ހެކިބަސް ދީފަ އެވެ. އަދި އެހެން މައްސަލަތަކެއްގައިވެސް ދައުލަތުން ވަނީ އެ ދެ މީހުން ހެކިވެރިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

comment ކޮމެންޓް