ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން ކެންސަލްކޮށްފި

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން މިއަދު ހަމަޖެއްސި ނަމަވެސް، އެމަނިކުފާނު ގެނައުން ކެންސަލްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00އަށް ކަމަށެވެ. ނަމަވެސް، ފުލުހަށް ހާޒިރު ކުރުން ކެންސަލްވެފައިވާ ކަމަށާއި އެމަނިކުފާނު މާލެ ނުގެންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރީ ކީއްވެގެން ކަމެއް ކަރެކްޝަނަކުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ރައީސް ޔާމީން ގެކޮޅަށް ވެސް ގެންދަން އޮތީ ހަމަޖެހިފަ އެވެ. އެއީ ތަހުގީގާ ގުޅޭ ބައެއް ޑޮކިއުމަންޓުތައް ހޯދާށެވެ.

ރައީސް ޔާމީން އެންމެ ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މި މަހުގެ ދެވަނަ ދުވަހު މެންދުރެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ އަދި ދައުވާކޮށްފައި ނުވާ މައްސަލައެކެވެ.

އެ ދުވަހު އެ މައްސަލާގައި ރައީސް ޔާމީނާ ސުވާލު ކުރި ނަމަވެސް، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރައްވާފައި ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަގައި ދޫކުރި ދެ ރަށެއްގެ މުއާމަލާތްތަކާ ގުޅިގެން މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކުރި މުއާމަލާތާއި ރ. ފުއްގިރި ދޫކުރި މުއާމަލާތެވެ.

ފުއްގިރީގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދެ އެވެ. އެ ދައުވާތަކަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވައިފަ އެވެ.

ވޮޑަމުލާ ދޫކޮށްގެންގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، އެމަނިކުފާނު މިހާރު ހުންނެވީ ފަސް އަހަރަށް ޖަަލަށް ލައިފަ އެވެ. އަދި އެ މައްސަލައިގެ ހުކުމުގައި އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެ އެވެ. އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަނީ މާފުށީ ޖަލުގަ އެވެ.

comment ކޮމެންޓް