މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާ ދެނީ

މިއަދު ލޮލަށް ބުޅި ހެރިގެން ފަރުވާ ދިން މީހާ ކުޅުދުއްފުށީގައި --

ކުޅުދުއްފުށީ ބޮއި ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާ ދޭން ފަށައިފި އެވެ.

"ނިއުމަތް" ނަމަކަށް ކިޔާ ދޯންޏެއްގެ އުމުރުން 35 އަހަރުގެ ދިވެހި މަސްވެރިއަކަށް މިއަދު އަނިޔާވީ މަސް ބާނަން އުޅުމުގެ ތެރޭގައި އޭނާގެ ލޮލަށް ބުޅިއެއް ހެރިގެންނެވެ.

އޭނާއަށް އަނިޔާވިކަމުގެ ރިޕޯޓު ލިބުމުން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މަސްވެރިކަމަށް ނުކުމެ އުޅޭ އިރު ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި އެބަ ހުއްޓެވެ. ދޮށީގައި ބުޅިއާ އެކު ބޭނުންކުރާ ބަރުން ޖެހިގެން ވެސް ލޮލަށް އަނިޔާވެފައި އެބަ ހުއްޓެވެ.

އެގޮތަށް ހިނގި ހާދިސާތަކުގައި ބައެއް މީހުންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ހާލަތްތައް ވެސް ދިމާވެ އެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޮގުލްސް އަޅައިގެން ބައެއް މީހުން ހަރަކާތްތެރިވެ އެވެ.

comment ކޮމެންޓް