ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމް އިބްރާހިމަށް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކަމަށް ޕާޓީގެ ކައުންސިލުން ނިންމައި އެ ކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން 2008 އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ހަތަރު ވަނައަށް ދިޔަ ގާސިމް އިބްރާހިމް ސަން އޮންލައިނަށް ދެއްވި އިންޓަވިއުއުއެއްގައި މިރޭ ވިދާޅުވީ ޕާޓީގެ ކައުންސިލުން ނިންމެވި ނިންމެވުމާ އެއް ގޮތަށް އެ މަނިކުފާނު އެކަން ބަލައިގެންފައިވާ ކަމަށާއި ޕާޓީގެ ކައުންސިލުގެ މަޝްވަރާއާއެކު ވަރަށް އަވަހަށް އެމަނިކުފާނުގެ ރަނިންމޭޓް އިއުލާން ކުރައްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފައްޓާވާނެ ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑަށް ވެވުނު އެންމެ ރަނގަކަށް ތައްޔާރުވާނަން. އަދި ރަނގަޅު ރަނިމޭޓަކު އަޅުގަނޑު އިއުލާންކުރާނަން އެކަން ކުރާނެ ގޮތުގެ ތަފުސީލުތައް މިވަގުތު ޕާޓީގެ އިސްވެރިން އިއުލާން ކުރަމުންދާނެ. އެގޮތުގައި އަޅުގަނޑު ކުރިޔަށްދާނީ،" ގާސިމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީއާއެކު އިންތިހާދުވެގެން 2008 ގައި ރިޔާސީ އިންތިހާބަށް ނުކުތް ގާސިމް އަދި ވިދާޅުވީ ރައްޔިތުން ނާއުންމީދު ނުވުމަށާއި ރައްޔިތުންނަށް އުފާވެރި ހަޔާތެއް ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދިވެހިންނަށް "ބާއްޖަވެރި ރާއްޖެއެއް" ގެނެސް ދެއްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އިދިކޮޅު ފާރާތްތައް ގުޅިގެން އިއްތިހާދެއްގެ ތެރެއިން ޕްރައިމަރީއެއް ބާއްވައި ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިދިކޮޅު ފާރާތްތަކާ މަޝްވަރާ ކުރައްވަމުންދާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މޫސާ ރަމީޒް ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމް އިބްރާހިމަށް ދެއްވުމަށް ކައުންސިލުން ނިންމި ނަމަވެސް އެކަމަށް ޕާޓީގެ ކޮންގްރެސްއެއް ބާއްވައި އެކަމަށް ކޮންގްރެސްގެ ރުހުން ހޯދަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ މަސައްކަތް ޕާޓީން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ދާދިފަހުން ގުޅިވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވީ 2013 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި 2008ގެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ ވަގުތު ނެތުމުން ކަމަށާއި ނަމަވެސް މިފަހަ ވަގުތު އޮވެގެން ކެންޕެއިންތަކެއް ކޮށްގެން 2013ގެ ރިޔާސީ އިންތިހާބު "2000 ޕަސެންޓް" ވޯޓުން ކާމިޔާބު ކުރައްވާނެ ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމްގެ ރަނިންމޭޓެއް ކަނޑައެޅުމަށް ކައުންސިލުން ކުރަމުންދާ މަޝްވަރާތަކުގެ ތެރޭގައި އިނދިކޮޅު ޕާޓީއެއްގެ ލީޑަރުންނާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އިދިކޮޅު ޕާޓީއެއްގެ ލީޑަރަކު ގާސިމްގެ ރަނިން މޭޓަކަށް ކަނޑައެޅުމުގެ ފިކުރު ޕާޓީގެ ކައުންސިލުން ގެންގުޅޭ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ތެރޭ ބާއްވާ ރިޔާސީ ޕްރައިމައިރީއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވައިފިނަމަ ގާސިމްގެ ރަނިންމޭޓަކަށްވެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ކުރިން ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އޭނާ އިއުލާނުކޮށްފައިވާ ކުރުމަކީ އޭނާގެ އަމިއްލަ ފުޅު ޝައުގުވެރި ކަމެއް ކަމަށާއި ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރައްވައި އެހެން ބޭފުޅަކު ކާމިޔާބު ކުރެއްވުމުން އެބޭފުޅެއްގެ ފަހަތް ޕުޅަށް ވަޑައިގަތުމަށް އަދި ޕީއޭގެ ރިޔާސީ ޕްރައިމަރީއެއްގައި އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބިޖެ ނަމަ އެބޭފުޅެއްގެ ފަހަތަށް ވަޑައިގަތުމަށް، އޭނާގެ ޝައުގުވެރިކަން ހުރަސް ނާޅާ ކަމަށެވެ.

އިދިކޮޅު ފަރާތްތައް ގުޅި، އެފަރާތްތަކުގެ މެދުގައި ބާއްވާ ރިޔާސީ ޕްރައިމަރީއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވައި ޔާމީން ރަނިން މޭޓަކަށް ނަގައިފިނަމަ ގަބޫލު ކުރައްވާނެތޯ ސުވާލު ކުރުމުން ޔާމީން އޭރު ވިދާޅުވީ "އެކަމާ އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.

"ހަމައެއްވެސް ޝައްކެއް ނެތެއް ނޫންތޯ؟ ގާސިމްގެ ރަނިމޭޓުގަނޑު ގަބޫލު ކުރާނަން. އަޅުގަނޑު ހުންނާނީ ގާސިމްގެ ފަހަތުގައި،" ޔާމީން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި ރަނިންމޭޓެއް ނެގުމަށް ވެސް އޭނާ އެންމެ ރުހެނީ ޕްރައިމަރީއަކުން ކަމަށެވެ.

ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއްގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގެންނެވީ 27128 ވޯޓެވެ. އަދި އެއީ ވޯޓްލީ މީހުންގެ 15.3 ޕަސެންޓެވެ. ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ގާސިމް އިބްރާހިމް އެމްޑީޕީ އިއްތިހާދުވެގެން "ވަތަންއެދޭ ގޮތަށް" ނުކުތް ޕާޓީތަކަށް 54 ޕަސެންޓް ލިބިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު