މާލޭ ރަށްވެހިންގެ ފްލެޓުތަކާ ގުޅޭގޮތުން ތަރުޖަމާނަށް ހެއްދެވުނީ އިތުރުފުޅެއް

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

އެންމެ ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވަނީ ހިޔާ މަޝްރޫއުގެ H8 ނުވަތަ މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އިން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއަށް މިއަދު އިތުރުފުޅެއް ހެއްދެވިއްޖެ އެވެ.

ފްލެޓް ކޮމިޓީން ބެލުމަށްފަހު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ރޭ ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓު އާންމުކުރި އިރު، ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އަދި ޓީޗަރުންގެ ކެޓަގަރީއިން ދިނުމަށް ކަނޑައެޅި އަދަދަށް، މީހުން ޝަރުތު ފުރިހަމަ ނުވާތީ އެ ކެޓަގަރީތަކުން ބާކީވި 65 ފްލެޓް ވަނީ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކޮށްފަ އެވެ.

ހިޔާގެ 7000 ފްލެޓުގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުން އެންމެ ފުރަތަމަ މާލޭ ރަށްވެހީންނަށް ކަނޑައެޅީ 1000 ފްލެޓެވެ. ނަމަވެސް ޑޮކްޓަރުންނާ ނަރުހުންގެ ކެޓަގަރީން ބާކީވި 50 ފްލެޓް މާލޭ ރަށްވެހިންނަށް ދީ، އެ ކެޓަގަރީން ޖުމްލަ 1050 މީހަކަށް ފްލެޓު ދިނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ކޮމާޝަލް ސްޕޭސްތަކެއްގެ ގޮތުގައި ކަނޑައަޅައި، މީހުން ދިރިއުޅުމަށް ދޫކުރާ ފްލެޓުތަކުގެ އަދަދު 6720 އަށް މަދުކޮށްފަ އެވެ. އަދި އެކި ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ފްލެޓުގެ އަދަދުތަކަށް ވެސް ބަދަލު ގެނައެވެ.

އެގޮތުން މާލޭ ރަށްވެހިންގެ ކެޓަގަރީއަށް 722 ފްލެޓު އިތުރުކުރި އެވެ. އަދި ރޭ އާންމުކުރި ލިސްޓުގައި ވެސް އެ ކެޓަގަރީއަށް 65 ފްލެޓު ވަނީ އިތުރުވެފަ އެވެ.

މިގޮތަށް އެއް ކެޓަގަރީއަކަށް ފްލެޓު އިތުރުކުރަމަކީ އެންމެ އިންސާފުވެރިގޮތްތޯ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލުކުރުމުން ފްލެޓް ކޮމިޓީގެ ރައީސް ތޯހާ މުހައްމަދު ވަކި ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ފްލެޓުތައް އެލޮކޭޓް ކުރުމަކީ ކޮމިޓީގެ މެންޑޭޓު ނޫން ކަމަށާއި އެލޮކޭޝަނަށް ބަދަލުގެނައުމަކީ ކެބިނެޓުގެ ނިންމުމެއް ކަމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ މާލޭ ރަށްވެހިންނަށް އިސްކަން ދޭން ކެބިނެޓުން ނިންމީ، އެންމެ ގިނަ ބަޔަކު ފޯމު ހުށަހެޅި ކެޓަގަރީ އަކީ އެއީ ކަމަށް ވާތީ އެވެ.

"މާނައަކީ އެންމެ ބޮޑު ނީޑެއް އޮތް ކަމަށް ފެންނަނީ. ފަސް ހާހަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކެޓަގަރީއެއް މާލޭ ކެޓަގަރީ އަކީ. އެހެންވީމަ އިތުރުވާ ސްލޮޓްތައް ދާއިމީ ލިސްޓުގައި މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ގެނައުމުގެ ވިސްނުން މައިގަނޑު ގޮތެއްގައި އައިސް އޮންނަނީ މި ސަބަބާ ހެދި،" މަބްރޫކް ވިދާޅުވި އެވެ.

ނަމަވެސް މާލޭ ރަށްވެހީންގެ ކެޓަގަރީ އަކީ ދެވަނައަށް އެންމެ ގިނަ މީހުން ފޯމު ހުށަހެޅި ކެޓަގަރީ އެވެ. އެންމެ ގިނަ މީހުން ފޯމު ހުށަހެޅީ އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީ އިންނެވެ.

އެ ކެޓަގަރީން 8889 މީހަކު ފޯމު ހުށަހެޅި އިރު، ފްލެޓު ދީފައި ވަނީ 805 މީހުންނަށެވެ. މިއީ މި ސަރުކާރުން ފްލެޓުގެ އަދަދު މަދުކޮށްފައިވާ ކެޓަގަރީއެކެވެ.

މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައި އޮތީ 4180 މީހެކެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 1837 މީހުންނަށެވެ.

ފްލެޓު ކޮމެޓީ އިން ރޭ ބުނީ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން "ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ" ގޮތުން ނެރެފައިވާ އިއުލާނުގައި ކަނޑައަޅާފައިވާ އެލޮކޭޝަނާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓު ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ކޮމިޓީއިން ކަނޑައަޅާފައިވާތީ، ދާއިމީ ލިސްޓް ފައިނަލް ކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވެފައިވާ ކަމަށް ބުންޏެވެ.

ކޮމެޓީ އިން ބުނީ ހިޔާ މަޝްރޫއުގެ ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލުގެންނެވުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެކި ކެޓަގަރީތަކުން މިގޮތަށް ބާކީވާ ފްލެޓް H8 (މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ) އަށް އިތުރުކޮށްފައިވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް 23،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.

ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމު ކުރި ކުރީ ސަރުކާރުން ފްލެޓު ލިބުނުކަމުގެ ލިޔުން ދޫކުރި ބައެއް މީހުންގެ ފްލެޓް ވަނީ ގެއްލިފަ އެވެ. އަދި ފްލެޓުތަކަށް ކޮމިޓީން ޕޮއިންޓް ދީފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް