ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ރެހެންދި އެވޯޑު ދިނުމަށް ބޭއްވި ހަފްލާ -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރ ފާހަގަކޮށް ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖެންޑަ މިނިސްޓްރީ އިން ދޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އަމިއްލައަށް ނަން ހުށަހަޅައިގެން އަދި އެހެން ފަރާތަކުން ނަން ނޮމިނޭޓު ކޮށްގެން އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމްއިއްޔާ، ޖަމާއަތްތަކުން ވެސް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ރެހެންދި އެވޯޑު ދިނުމުގެ މަގުސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުން ކަމަށެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާ ދިމާކޮށް އެ މިނިސްޓްރީން ދެމުންދާ އެވޯޑެކެވެ. އެވޯޑު ދެނީ 14 ދާއިރާއަކުންނެވެ.

comment ކޮމެންޓް