ނާގޯށި އަގުމަގު ކުރުމުގެ މަސައްކަތް ކުރަނީ

ހދ. ނާގޯށި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ (އެމްޓީޑީސީ) ހަވާލުގައި އޮތް ހދ. ނާގޯށީގެ ވެލުއޭޝަން މަސައްކަތް ނުވަތަ އަގު މަގުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކުރުން ލަސްވާ ސަބަބު ބަޔާންކޮށް ނެރުނު ބަޔާނުގައި އެ ކުންފުނިން ބުނީ ނާގޯށީގެ ވެލުއޭޝަން ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑު ކޭސްތަކެއް ފެނުމުން މަސައްކަތް މިވަގުތު އޮތީ ހުއްޓިފައި ކަމަށެވެ.

ނާގޯށިި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލު ކުރިނަމަވެސް އެ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެ ރަށް ހަދަން ދިން މުއްދަތުގައި ރަށް ހަދައި އޮޕަރޭޝަނަށް ގެނެސްފައި ނުވާތީ އެމްޓީޑީސީ އިން ރަށް ނެެގުމަށްފަހު އިންވެސްޓަރަކަށް ދޭންވެސް މީގެ ކުރިން ސަރުކާރުން ނިންމި އެވެ.

ނަމަވެސް ފަހުން އަނެއްކާވެސް އެރަށް 50 އަހަރަށް އެމްޓީޑީސީއަށް ދިނެ އެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި އެވެ. އަދި އަލުން އެ ރަށް ސަރުކާރުން އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހު އެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އެމްޓީޑީސީ އިން ވަނީ ރަނގަޅު އަގެއް ހުށަހަޅާ އިންވެސްޓަރަކަށް ރަށް ވިއްކާލަން ވެސް ނިންމައިފަ އެވެ.

އެޓާނީ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް ކުރީގެ އެގްރިމެންޓު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އެމްޓީޑީސީއާއެކު މިދިޔަ އަހަރު ސޮއިކޮށްފައިވަނީ އަނެއްކާވެސް 50 އަހަރަށެވެ. އެއްބަސްވުމުގައި ބުނާގޮތުން 36 މަސްތެރޭ ރަށް ހަދައި އޮޕަރޭޓުކުރަން ފަށަން ޖެހެއެވެ.

އެމްޓީޑީސީއަށް މާބޮޑު ގެއްލުމާ ކުރިމަތިވާން ފެށުމުން އެ ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައި ހުރި ރަށްތައް ކުރީގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ. އެ ކުންފުންޏަށް ހަމައެކަނި އާމްދަނީ ލިބެނީ އެ ކުންފުންޏަށް ލިބިފައިވާ ރަށްތަކެއް ސަބްލީޒްކޮށްގެން އެ ރަށްތަކުގެ ކުލީގެ ގޮތުގަ އެވެ. އޭގެ ތެރެއިން ދެ ރަށެއް އެ ކުންފުނިން ވަނީ އެއްކޮށް ވިއްކައިވެސް ލައިފަ އެވެ.

ޓޫރިޒަމް ވިޔަފާރީގެ ނަފާ އާންމު ދިވެހިންނަށް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާއާއެކު އުފެއްދި ކުންފުންނިން މިދިޔަ 12 އަހަރުގެ ތެރޭހައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާފައިވަނީ 2019 ވަނަ އަހަރު އެކަންޏެވެ. އެ އަހަރުގެ ތެރޭ ލިބުނު ފައިދާ އިން ހިއްސާ އަކަަށް 0.50 ރުފިޔާ ބަހާފައި ވެއެވެ.

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް ވިލާޒް) އަދި ތުރުކީގެ އަހްމެޓް އައިދެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

އެމްޓީޑީސީ އިން ބުނީ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް މި މަހުގެ 25 ގެނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހިސާބުތައް އާންމުކުރުން ލަސްވަނީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހިސާބުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަގުމަގު ކުރަން ކަމަށެވެ.

comment ކޮމެންޓް