ހުޅުމީދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 18 އަށް

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީ ހުޅުމީދޫ އިން އިތުރު ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ އަވަށުން ފެނިފައިވާ ކޭސްތަކުގެ އަދަދު 18 އަށް އަރައިފި އެވެ.

ހުޅުމީދޫއިން އެންމެ ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އެއީ މަސައްކަތަކަށް ގޮސް ކަރަންޓީނުވެގެން ތިބި ދެ މީހެކެވެ. އެ ދެމީހުންނާ ކޮންޓެކްޓުވި ހަތަރު މީހަކު އިއްޔެ ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެ އަވަށް މޮނިޓަރިންއަށް ލައިފަ އެވެ.

މިދިޔަ ހަފްތާގައި ޕޮޒިޓިވްވި މީހުން ކަރަންޓީނުވެ ތިބީ އެ މީހުން މަސައްކަތް ކުރާ ސައިޓުގަ އެވެ.

އެ ސައިޓްގައި ޖުމްލަ 60 މީހުން އެބަ ތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ވަނީ ބުނެފަ އެވެ.

އެޗްއީއޯސީއިން ބުނީ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓެއް ނެތް ކަމަށް އޭރު މައުލޫމާތު ދީފައި ވުމުން އެހެން ބަޔަކު ކަރަންޓީނު ނުކުރާ ކަމަށެވެ. ނަމަވެސް، އިއްޔެ ހަތަރު މީހުން ޕޮޒިޓިވްވީ ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުން ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

އެއާއެކު އެ ސައިޓުން އިތުރު ސާމްޕަލްތަކެއް ވަނީ ނަގައިފަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ނެގި ސާމްޕަލް ތަކުގެ ތެރެއިން މިއަދު އިތުރު 10 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވެފައި ވަނީ މުޅިން ވެސް ބިދޭސީންނެވެ. ނަމަވެސް ބައެއް ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ހުޅުމީދޫއަށް އެއްވެސް އުޅަނދެއް ވަނުމާއި ފުރުންވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ހުޅުދޫ އަދި މީދޫގައި ގާއިމުވެ ހުރި އެއްވެސް މީހަކު އެޗްޕީއޭގެ އަމުރު ދެމިއޮތްހާ ހިނދަކު އެ ދެއަވަށުން ފުރައިގެން ނުދިއުމަށާއި އަމުރުގެ ހާލަތުގައި ހުޅުދޫ އަދި މީދުއަށް ނުފުރަން ވަނީ އަންގައިފަ އެވެ.

މޮނިޓަރިންގ ހާލަތުގައި އޮންނަ މުއްދަތުގައި ހުޅުދޫ އަދި މީދޫގެ މަސްވެރިން މަހަށް ނުފުރުމަށާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ކިރުން މެދުކަނޑާލަން ވެސް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް