މަކުނުދޫގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

ހދ. މަކުނުދޫ --- ފޮޓޯ/ މުހައްމަދު ވާސިފް

ހދ. މަކުނުދޫގައި، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، މަކުނުދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު 14:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވީ ލައިސެންސް ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މަކުނުދޫ ކައުންސިލުގެ މެމްބަރު ހުސެއިން ސާމީ "ސަން"އަށް ވިދާޅުވީ، އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ އަށާއި ސައިކަލުން ޖެހުނު މީހާއަށްވެސް އަނިޔާވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބޮޑަށް އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ސާމީ ވިދާޅުވި އެވެ.

ދެ މީހުންނަށްވެސް ބޭރުފުށުން ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށާއި އެ ދެ މީހުން އިތުރު ފަރުވާއަށް މިހާރު ހދ. ކުޅުދުއްފުއްޓަށް ފުރުވާލާފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.

comment ކޮމެންޓް