ސައުދީން ޔަމަނަށް ދޭ ހަމަލާތަކަށް އެހީވުން އެމެރިކާއިން ހުއްޓާލަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 5): ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތަކަށް އެމެރިކާއިން ފޯރުކޮށްދޭ އެހީ ހުއްޓާލަން ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ޒިޔާރަތް ކުރެއްވުމަށް ފަހު ވިދާޅުވި ގޮތުގައި ޔަމަން ހަނގުރާމައިގެ ސަބަބުން "އިންސާނީ އަދި ސްޓްރެޓީޖިކް ކާރިސާއެއް" ވަނީ ކުރިމަތިވެފަ އެވެ. އަދި އެ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހެ އެވެ.

"މި ހަނގުރާމަ ނިމެން ޖެހޭ، އަދި އެކަމަށް އަޅުގަނޑުމެން އަޅާ ފިޔަވަޅެއްގެ ގޮތުން، ޔަމަނުގެ ހަނގުރާމައިގެ ތެރޭގައި ދޭ ހަމަލާތަަކަށް އެމެރިކާއިން ދޭ އެހީ ހުއްޓާލާނެ، އޭގެ ތެރޭގައި އެ ހަމަލާތަކާ ގުޅުން ހުރި ހަތިޔާރު ވިއްކުން ހުއްޓާލުންވެސް ހިމެނޭ،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާއިން އެފަދަ އެހީ ހުއްޓާލި ނަމަވެސް ސައުދީ އަރަބިއާގެ އިސްތިގުލާލާއި ބިމާއި ރައްޔިތުން ދިފާއު ކުރުމަށް އެގައުމުން އެހީ ފޯރުކޮށްދެމުންދާނެ އެވެ. އަދި އެއީ އީރާނުން އެހީވާ ފައުޖުތަކުން ސައުދީއަށް ހަމަލާތައް ދެމުންދާތީ އެވެ.

މީގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށްވެސް އެ ނިންމުމުގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށް އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ބައިޑެންގެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ. އަދި ޔަމަނުގެ މައްސަލަ ހައްލު ކުރުމަށް ސައުދީން ތާއިދު ކުރާ ކަމަށް ބުނެފަ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރި ފަހުންނެވެ. އޭރު އެގައުމުގައި އޮތް ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށް ކަމަށް ބުނެ ސައުދީ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާތައް ދޭން ފެށީ ޖެހިގެން އައި އަހަރުގަ އެވެ.

އެ ހަނގުރާމައިގައި މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން މީހުންނަށް ކާނާ ނުލިބި، ބަލިމަޑުކަމާ ކުރިމަތިލާނެ ވަސީލަތްތައް ވަނީ ނެތިފަ އެވެ.

comment ކޮމެންޓް