އިންޑިއާ ކްރެޑިޓް ލައިނުން ހިންގާ ފަސް މަޝްރޫއެއް ހަވާލުކުރަން ތައްޔާރުވަނީ

ތިލަފުއްޓާއި ގުޅީފަޅު ހިމެނޭ ސަރަހައްދު: ގުޅީފަޅުގެ ޕޯޓު ތަރައްގީކުރަން ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާ ލައިން އޮފް ކްރެޑިޓުން-- ފޮޓޯ: ގޫގޫލް އިމޭޖަސް

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފަސް މަޝްރޫއު ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ލަފާކޮށްފި އެވެ.

އިންޑިއާ ކްރެޑިޓް ލައިނުން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރަން އިއްޔެ ވާޗުއަލް ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހާއި މިނިސްޓްރީތަކުގެ އިސްވެރިންނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުންނާއި އަލަށް އުފެއްދިފައިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި އިންޑިއަން ހައި ކޮމިޝަނާއި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ތިން އެލްއޯސީއެއްގެ ދަށުން ޖުމުލަ 1.24 ބިލިއަން ޑޮލަރުގެ އަގުހުރި ނުވަ މަޝްރޫއު ދެގައުމު ގުޅިގެން ހިންގަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކަނެކްޓިވިޓީ އަދި އިންފްރާސްޓްރަކްޗާ ޑޮމެއިންގެ މަޝްރޫއުތަކެވެ.

އޭގެ ތެރެއިން ފަސް މަޝްރޫއެއްގެ ޓެންޑަރިން މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށުން ކުރަމުންދާއިރު، ކުރިއަށް އޮތް 2-3 މަހުގެ ތެރޭގައި އެ މަޝްރޫއުތައް ހަވާލުކުރެވޭނެ ކަމަށް އެ ބައްދަލުވުމުގައި ލަފާކޮށްފައިވެ އެވެ.

އެ ފަސް މަޝްރޫއަކީ؛

  • ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު
  • އައްޑޫ ސިޓީ ޑިވެލޮޕްމެންޓް މަޝްރޫއު
  • ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމް މަޝްރޫއު
  • ގުޅީފަޅު ޕޯޓް މަޝްރޫއު
  • ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު

މީގެ އިތުރުން އިންޑިއާ ކްރެޑިޓް ލައިނުން ހިންގަން އެންމެ ފަހުން އިންޑިއާ ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު، ކްރެޑިޓް ލައިންގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެއާއެކު ކެންސަރު ހޮސްޕިޓަލުގެ ޕްރޮޖެކްޓް ރިޕޯޓު އެކުލަވާލަން ބާއްވަން ޖެހޭ ބައްދަލުވުންތަކަށް ޓާޓާ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމެއް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ލާމު އަތޮޅަށް ޒިޔާރަތް ކުރާނެ އެވެ. މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރާ މަޝްރޫއުގެ ޕްރޮޖެކްޓް ރިޕޯޓު ވެސް އެކުލަވާލަމުންދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ ޕްރޮޖެކްޓް ރިޕޯޓު ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ އެލްއޯސީ ދީފައިވަނީ 1.75 ޕަސެންޓުގެ އިންޓްރެސްޓް ރޭޓަކާއި ފަސް އަހަރުގެ މޮރެޓޯރިއަމްއަކާ އެކުގަ އެވެ. ފައިސާ އަނބުރާ ދައްކަން ދީފައިވަނީ 20 އަހަރުގެ މުއްދަތެކެވެ.

comment ކޮމެންޓް