ކޮވިޑް އާ ގުޅިގެން ލަވަކިޔުންތެރިޔާ ލުއީގެ ވޯލްޑް ޓުއާ ފަސްކޮށްފި

ލަވަކިޔުންތެރިޔާ ލުއީ ޓޮމްލިންސަން---

ވަން ޑިރެކްޝަންގެ ބޭންޑް މެންބަރު ލުއީ ޓޮމްލިންސަން، 29،ގެ ޓުއާ ފަސްކޮށްފި އެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ލުއީގެ ޓުއާ ފަސްކުރިކަން ހާމަކުރަމުން އޭނާގެ މެނޭޖްމަންޓް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ނޯތު އެމެރިކާ އަދި ސައުތު އެމެރިކާގެ ޓުއާތައް މިވަގުތު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދޭނީ އާންމުންގެ ސިއްހަތަށް ކަމަށާއި ޓުއާ ބާއްވާ ތާރީޚު ފަހުން އިއުލާންކުރެވޭނެ ކަމަށް ވެސް މެނޭޖްމަންޓް ޓީމުން ބުންޏެވެ. އަދ މިހާރު ގަނެފަ ހުރި ޓިކެޓްތައް ދެން އަންނަ ޓުއާގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފަ އެވެ.

ލުއީގެ އެންމެ ފަހުން ނެރުނު އަލްބަމް "ވޯލްސް" އަށް ދާދިފަހުން ވަނީ އަހަރު ވެސް ވެފަ އެވެ. ނަމަވެސް އެ އަލްބަމް ނެރުނު ފަހުން އޭނާ އަށް އަދި ވޯލްޑް ޓުއާއަކަށް ދެވިފައެއްނުވެ އެވެ. އެ އަލްބަމްގައި ހިމެނޭ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ވޯލްސް"، "އޯލްވޭސް ޔޫ" އަދި "ޓޫ އޮފް އަސް" ހިމެނެ އެވެ.

ވަން ޑިރެކްޝަން ބޭންޑުގެ މެންބަރުން މިވަގުތު އަންނަނީީ ސޯލޯ ކޮށް މަސައްކަތް ކުރަމުންނެވެ. ދެހާސް ސޯޅަ އިން ފެށިގެން ސޯލޯކޮށް މަސައްކަތް ކުރުމަށް ފަހު އެ ބޭންޑުގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ރީޔޫނިއަން އެއް ބާއްވާ ވާހަކަ ދެކެވުނެވެ. ނަމަވެސް މިދިޔަ އަހަރު ލޮކްޑައުންވުމާއެކު އެކަން ވެސް ކާމިޔާބުނުވީ އެވެ. އެ ބޭންޑުގެ މެންބަރުންނަކީ ލިއަމް ޕޭން، ލުއީ ޓޮމްލިންސަން، ހެރީ ސްޓައިލްސް، ނައިލް ހޯރަން އަދި ޒޭން މާލިކްއެވެ. ނަމަވެސް ޒޭން ވަނީ އެ ބޭންޑުން 2014 ވަނަ އަހަރު ވަކިވެފަ އެވެ.

comment ކޮމެންޓް