އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މީގެ ކުރިން ކޮށްފައިވާ އަމުރު މުރާޖައާކޮށް، އޭނާ ގޭބަންދަށް ބަދަލު ކުރަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރު ކުރީ ޑިސެމްބަރު 15، 2019ގަ އެވެ. އޭނާ އަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އަމީންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަމީނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަން ފާހަގަކޮށް އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.
އަމީންގެ ފަރާތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވީ މީގެ ކުރިންވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ބަލި ހާލަތާ ހެދި ދޫކޮށްފައިވާ ކަމެވެ. އަދި އަމީންގެ ބަލިހާލަތު ގޯސްވަމުންދާއިރު އޭނާއަށް އެކަށީގެންވާ ވަރަށް ކަރެކްޝަންސްއިން ބޭސްފަރުވާ ނުކުރާ ކަމަށް ބުނެ އޭނާ ދޫކޮށްލަން އޭނާގެ ފަރާތުން ވަކީލު އެދުނެވެ. ގޭބަންދުގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ގޮތަށް އެއް މަސް ދުވަހަށް އޭނާ ދޫކޮށްލެވޭނެ ނަމަ އެ ގޮތަށް ދޫކޮށްލަންވެސް އެދުނެވެ. އަމީން އަކީ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ މީހެއް ކަމަށްވެސް އޭނާ މިއަދުގެ އަޑުއެހުމުގައި ބުނެފައިވެ އެވެ.
ނަމަވެސް، ކަރެކްޝަންސްގެ އޮފިޝަލުން ބުނެފައި ވަނީ އޭނާއަށް ބޭސްފަރުވާ ދެމުން ގޮސްފައިވާ ކަމަށެވެ. އޭނާ ޑޮކްޓަރަށް ގެންދިޔަ ތާރީހުތައްވެސް އަޑުއެހުމުގައި ކިޔައިދިނެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް، ބޭނުންވާ ފަރުވާ ނުލިބޭ ކަމަށް އަމީން ބުނެފައިވެ އެވެ.
ދައުލަތުންވެސް ބުނީ އަމީނަށް ޖަލުގައި އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދު ދެމެހެއްޓުމަށް އެދުނެވެ.
ބަންދާ މެދު ގޮތެއް ނިންމަމުން، އިސް ގާޒީ އަހުމަދު ޝަކީލު ފާހަގަ ކުރެއްވީ، އަމީނަށް ބޭސްފަރުވާ ނުލިބޭ ވާހަކަ އޭނާ ބަންދު ކުރިތާ މިވީ 14 މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަމުން ގޮސްފައިވާ ކަމެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އޭނާއަށް އެންމެ އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން އަމީނަށް ގޮޅިން ނުކުމެ ހިނގާ ކަސްރަތުކޮށް އުޅުމުގެ ހައްގުވެސް އެންމެ އެކަށީގެންވާ ވަރަށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެ ދެ އަސާސީ ހައްގު އެންމެ ފުރިހަމައަށް އޭނާއަށް ލިބިފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ޝަރުތުތަކާއެކު އޭނާ ގޭބަންދަށް ބަދަލު ކުރަން ނިންމީ ކަމަށް ޝަކީލު ވިދާޅުވި އެވެ.
އެ ޝަރުތުތަކަކީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމެވެ.
ހެއްކެގެ ގޮތުގައި ފުލުހުންގެ ނޫސްބަޔާނަކާއި މިއަދު ހައިކޯޓުން ނިންމި ނިންމުމެއް ހުށަހަޅަން ދިފާއުން މިއަދުއެދުނެވެ. އެކަންކަމާ މެދު ގޮތެއް ނިންމާނީ މި މަހުގެ 25 ވަނަ ދުވަހު އޮންނަ އަޑުއެހުމުގަ އެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސް ލީޑަރެވެ. އެކަމަށް ބާރުދޭ ހެކިވެސް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށް މިއަދު ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަމީންގެ ފަރާތުން ބުނެފައި މިއަދާ ހަމައަށްވެސް އެއީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއް ކަމަށާއި އެކަން އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ.
އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.
އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެ އެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.