ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ އަށް ގަސްތު މަރުގެ އަދަބު ދެވިދާނެތޯ މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
ނަޖީބު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތުވެ ހަނާ މެރުމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ 2012 ޖުލައި 19 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލައިގައި، ހަނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހްމަދު މުއްރަތުގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
އެ މައްސަލައިގައި ފުލުހުންނަށް ހަނާ ދީފައިވާ ބަޔާނުގައި، ނަޖީބު އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަން އެނގިގެން ނަޖީބު ދިރިއުޅޭ ގެއަށް ގޮސް އޭނާއަށް ބިރުދައްކައި ފައިސާހޯދުމަށް ނަޖީބު މަރާލުމުގެ މަހެއްހާ ދުވަސްކުރިން މަސައްކަތްކުރި ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ނިންމައި ހަނާ އާއި މުއްރަތު ދިރިއުޅޭ މަސްރޫރާ ގެއަށް މައްސަލައަކާ ގުޅިގެން ގާނޫނީވަކީލެއްގެ އެހީތެރިކަން ބޭނުންވެގެން ގެނައުމަށް ރޭވި ކަމަށް ވެސް ފުލުހުންނަށް ހަނާ ދީފައިވާ ބަޔާނުގައިވެ އެވެ.
ޖުލައި 2012 މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، ހަނާ އާއި މުއްރަތު ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއަޅާފައިވެ އެވެ. ނަޖީބުގެ ކަރުގައި މުއްރަތު ވަޅި ޖެއްސުމުން، ޓޭޕު އަޅާފައި ވަނީ ހަނާ އެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.
ހަނާގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަކީ ނިހާއީހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އުނދަގޫ ސުވާލުތަކަށް ދައުލަތުގެ ވަކީލުންނަށް ކުރިމަތިކުރުވައިފަ އެވެ.
އެގޮތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ނަޖީބު މެރުމުގެ ގަސްތު ހަނާގެ ކިބައިގައި އޮތްކަން އެނގެނީ މައްސަލައިގެ ކިހާ ހިސާބަކުންތޯ ސުވާލުކުރައްވައިފަ އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދަށު ކޯޓު މަރުހަލާގައި ވެސް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކަށް ހަނާ އިންކާރުކޮށްފައި ނުވާ ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ..
އެގޮތުން ހަނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި، މުއްރަތާއި ހަނާ، ނަޖީބު މަރާލަން ރާވާފައިވާކަމާއި އެނޫން އެއްވެސް ގޮތެއް އެ ދެމީހުންނަށް ނެތްކަމަށް ބުނެފައިވާ ކަމަށެވެ.
އެ ދެމީހުން ދިރިއުޅޭ ގެއަށް ނަޖީބު ގެންގޮސް، މެރުމަށް ބޭނުންވާ ގޮތަށް ހަނާ ވެސް ކަންތައްތަކެއް ކުރި ކަމަށް ހަނާވެސް އެއްބަސްވެފައިވާ ކަމަށް ދައުކަތުގެ ވަކީލު ވިދާޅުވި އެވެ.
"މަރާލަން ބޭނުންކުރާ އެއްޗެއް ވަޅިއަކީ. ވަޅި ކަރުގައި ޖައްސާފައި އޮތް ހާލުގައި ވެސް ހަނާ އައިސް ޓޭޕު އަޅާ ކަންތައްތައް ކުރުމުން މިއީ ތަމާލުޤްގެ [ދެ މީހަކު ބައިވެރިވެގެން ގަތުލެއް ހިންގުމުގެ] ހާލަތަށް މި ފެތިގެން މިދަނީ. ތަމާލުޤްގެ ހާލަތުގައި މިބުނާ ކަންތައްތައް މީގެ ތެރެއަށް ފެތިގެން ދާތީ، ހަނާއަކީ މި އަމަލުގައި ބައިވެރިވި މީހަކަށް ވާތީ ގަސްތު އޮތް ކަމަށް ކަނޑައެޅިގެން މިދަނީ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ވަކީލުގެ ޖަވާބާ ގުޅިގެން ފަނޑިޔާރު މަހާޒު ވަނީ އިތުރު ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ. އެގޮތުން ނަޖީބުގެ އަނގަމަތީގައާއި މޫނުމަތީގައި ޓޭޕް އެޅުމާ މަރާލުމުގެ އަމަލު ހިންގުމާ ދޭތެރޭ ހޭދަވީ ކިހާ ވަގުތެއްތޯ އެއްސެވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހަނާ އާއި މުއްރަތު ދީފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި ނަޖީބުގެ މޫނާއި އަނގަމަތީގައި ޓޭޕު އެޅީ ރޭގަނޑު 10:00 ހާއިރު ކަމަށާއި، އަދި މަރާލާފައި ވަނީ ފަތިހު 3:00-4:00 އާ ދޭތެރޭގައި ކަމަށެވެ.
އެއަށް ފަހު ފަނޑިޔާރު އެއްސެވީ ނަޖީބު މަރާލި އަމަލު ނުވަތަ މަރުވުމަށް މެދުވެރިވި އަމަލުގައި ހަނާ ބައިވެރިވި ކަމަށް ދައުލަތުން ބުނާ ސަބަބު ވެސް އޮޅުންފިލުއްވައިފަ އެވެ.
މަރާލުމުގެ އަމަލުގައި ހަނާ ބައިވެރިވިކަމަށް ދައުލަތުން ބުނެފައިވަނީ ނަޖީބު މަސްރޫރާ ގެއަށް ގެންދިޔައީ ހަމައެކަނި ފޭރުމުގެ ނިޔަތުގައި ނޫން ކަމަށާއި، ފޭރުމަށްފަހު، ނަޖީބު މަރާލުމުގެ ނިޔަތް ވެސް އޮތް ކަމަށް ދަލީލުކުރާތީ ކަމަށް ވަކީލު ވިދާޅުވި އެވެ.
ގޮނޑީގައި ނަޖީބު ބައިންދާ، ނަޖީބުގެ އަތާއި ފައި ބަނދެ، އަނގައިން އަޑެއް ބޭރު ނުކުރެވޭ ގޮތަށް އަނގަޔާއި މޫނުގައި ޓޭޕު އަޅާފައި ވަނީ ހަނާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ހަނާގެ އަމަލުގެ ސަބަބުން އަމިއްލަ ނަފްސުގެ ދިފާއުގައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނަޖީބަށް ބަންދުވި ކަމަށް ވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.
"ހަނާ ނިދުމުގެ ކުރިން މިދެންނެވި ފަދައިން ނަޖީބު ވަނީ ބަނދެވިފައި. އަމިއްލަ ނަފްސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ މިންވަރަށް ނަޖީބު ގެންގޮސްފައި ވަނީ. އެހެންވީމަ ދައުލަތުން މި ދެކެނީ ނަޖީބު މަރާލުމަށް މުއްރަތަށް އެންމެ ބޮޑަށް ފަހިވެގެން ދިޔަ އެންމެ ބޮޑު އަސާސަކީ، އެންމެ ފަސޭހަވެގެން ދިޔަ ސަބަބަކީ ނަފްސުގެ ދިފާއުގައި ނަޖީބަށް އެއްވެސް ކަމެއް ނުކުރެވުން. އެހެންކަމަށް ވުމާއެކު މުއްރަތު ވަޅިން ނަޖީބު މަރާލުމުގެ އެންމެ ބޮޑު އެހީތެރިކަމަށް ވެގެން ދިޔައީ ހަނާ އެކަމަށް މަގުފަހިކޮށްދިން ކަންތައްތަކުގެ ސަބަބުން ކަމަށް. އެހެންކަމުން ދައުލަތުން ދެކެނީ ހަނާ އެކަމުގައި ފުރިހަމައަށް ބައިވެރިވެފައިވާ ކަމުގައި،" ވަކީލް ވިދާޅުވި އެވެ.
އެއަށްފަހު ދެން ވަކީލް އެއްސެވީ ނަޖީބު މަރުވީ އަނގައިގައި ޓޭޕް އެޅުމުގެ ސަބަބުންތޯ ނުވަތަ ވަޅިން ހަމަލާދިނުމުގެ ސަބަބުންތޯ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ނަޖީބުގެ ކަރަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށާއި، އެއީ މީހަކު މަރާލުމަށް އެންމެ ފަސޭހަގޮތް ކަމަށެވެ. އަދި ޓޭޕު އެޅުމުގެ ސަބަބުން ނަޖީބު މަރުވާނެތޯ ނުވަތަ ނޫންތޯ ބުނަން ދައުލަތަށް ދަތި ކަމަށާއި ސީދާ ގޮތަށް ފެންނަން އޮތް ހަގީގަތަކީ ނަޖީބުގެ ކަރަށް ހަމަލާދީފައިވާކަން ކަމަށެވެ.
"މަރުގެ އަސްލަކަށް ވެގެން ގޮސްދާނެ މޫނުމަތީގަ ޓޭޕު އަޅާ ނޭވާނުލެވޭ ގޮތަށް އެކަން ކޮށްފައިވުން ވެސް އަދި ވަޅީގެ ސަބަބުން ކަމަށް ވެސް ވެދާނެ. ސީދާ ފެންނަން އޮތް ހަގީގަތަކީ ވަޅިން ހަމަލާދިނުމުގެ ސަބަބުން ނަޖީބު މަރުވެފައިވާކަން،" ވަކީލް ވިދާޅުވި އެވެ.
ވަކީލުގެ ޖަވާބާ ގުޅިގެން ފަނޑިޔާރު މަހާޒް ވަނީ ފިޤްހީ ރައުޔުތަކަށް ބަލާއިރު، ސީދާ މެރުމަށް މެދުވެރިވި އަމަލުގައި ހަނާ ބައިވެރިނުވާނަމަ، ތަމާލުގް އުސޫލުން، ޝަރުއީ ހަމަތަކުގެ މަތިން ހަނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުކުރެވިދާނެތޯ ސުވާލު އުފައްދަވައިފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ގިނަ ބަޔަކު ވެގެން އެކަކު މަރާލާ ހާލަތުގައި، ވަކިވަކި ކޮންމެ ފަރުދަކު ހިންގާ އަމަލަކީ އޭގެ ޒާތުގައި މީހަކު މަރުވި އަމަލަށް ވުން ލާޒިމު ނުވާކަމަށެވެ. އޭގެ ބަދަލުގައި އެކިއެކި އަމަލުތަކުން މީހަކު މަރުވެއްޖެނަމަ، ތަމާލުގް ހާލަތުގައި އެމީހުންގެ މައްޗަށް ޤިޞާޞް ހިފޭނެ ކަމަށެވެ.
މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދެ ފަރާތަށް ވެސް ސުވާލުތައް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން ނަޖީބު އެގެއަށް ގެންދިޔައީ މަރާލުމުގެ ނިޔަތުގައި ކަމާއި، އަދި ޓޭޕް އެޅީ މަރާލުމުގެ ގަސްތުގައިކަން ސާބިތުވަނީ ކޮން ހެކިތަކަކުންތޯ ސާފުކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިވަޑައިގަތެވެ.
ޖަވާބުގައި ދައުލަތުން ދެއްކީ ހަނާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގެ ދައްކާފައިވާ ވާހަކަތަކެވެ.
ފަނޑިޔާރު ދެން އެއްސެވީ ނަޖީބު އެގެއަށް ގެންދިޔަ މައިގަނޑު މަގްސަދަކީ ފޭރުންތޯ ނުވަތަ މަރާލުންތޯ ސާފުކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު މައިގަނޑު މަގުސަދަކީ ފޭރުން ކަމަށާއި، ނަމަވެސް ފޭރުމަށްފަހު އެކަން ފަޅާއަރައިފި ނަމަ ދެމީހުންނަށް ކުރިމަތިވެދާނެ ގެއްލުމަކަށް ބަލައި، ފޭރުމަށްފަހު އެކަމުން ސަލާމަތްވުމަށް ނަޖީބު މަރާލުމަށް ވެސް ކުރިއާލާ މަޝްވަރާކޮށް ރާވައި، ތައްޔާރުވެފައިވާ ކަމަށެވެ.
ހަނާގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވެއްޖެނަމަ، ޝިބުހު އަމްދުގެ މަރު ނުވަތަ ގަސްތު ނޫން މަރު ސާބިތުވާ ވަރަށް އަމަލާއި، ހެއްކާއި ނިޔަތް ހުރިތޯ ވެސް ފަނޑިޔާރު ސުވާލުކުރެއްވި އެވެ. ދައުލަތުން ވިދާޅުވީ ނިޔަތް ސާބިތު ނުވި ނަމަވެސް، ހަމަލާ ދިންކަން ސާބިތުވާތީ، އަދި އެކަމުގައި ހަނާވެސް ބައިވެރިވިކަން ސާބިތުވާތީ ޝިބުހު އަމްދުގެ ރުކުންތައް ފުރިހަމަވާކަމަށް ގަބޫލުކުރާ ކަމަށެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ހަނާގެ ދިފާއީ ވަކީލު ވިދާޅުވީ، ޝަރުއީ ހުރިހާ މަރުހަލާއެއްގައި ވެސް ހަނާގެ ފަރާތުން ފާހަގަކުރަމުން އަންނަނީ ހަނާގެ މައްޗަށް ގަސްތު މަރެއްގެ ހުކުމް އަންނަން ނުޖެހޭ ކަމަށެވެ.
"ހަނާގެ ފަރާތުން ދައްކަ ވާހަކަތަކުގަ ވެސް، ނަޖީބު މެރުމުގެ އަމަލު ފިޔަވައި، ނަޖީބާމެދު އަމަލުތަކެއް ހިންގިކަން ސާފުވާން އެބަ އޮތް. ހަނާ ވެސް އިއުތިރާފުވޭ. އެ ކުށަށް އަދަބު ލިބުން ހަނާ އިއުތިރާޒެއް ނުކުރޭ. އެކަމަކު ގަސްތުގައި މީހަކު މެރުން، މި އަދަދު ހަނާއަށް އަންނާނެ ކަމަށް ހަނާ ދެކޮޅު ހަދަނީ،" ދިފާއީ ވަކީލް ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކައަށްފަހު، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މައްސަލައިގެ އަމަލުން ސާބިތުވާ އެހެން ކުށެއް އޮތް ކަމަށް ފަނޑިޔާރުންނަށް ފެނިއްޖަނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން މައްސަލައިގެ ދައުވާ ބަދަލުކުރުމުގެ ފުރުސަތު މި މަރުހަލާގައި ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ގަބޫލުކުރަންތޯ ސުވާލުކުރައްވައިފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެޕީލް މަރުހަލާގައި ކުރާ ދައުވާ ބަދަލުކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ އެކަން ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ހަނާއަށް ވެސް ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ. ޖޫން 30، 2012 ވަނަ ދުވަހު މަސްރޫރާ ގެއަށް ނަޖީބު ވަޑައިގެން ހިސާބުން ހާދިސާ ހިނގި ގޮތް، ސާފުކޮށް ތެދުބަހުން ކިޔައިދިނުމަށާއި މުއްރަތު ނަޖީބުގެ ކަރުގައި ޖެއްސީ ކޮން ކަހަލަ ވަޅިއެއްތޯ އުއްތަމަ ފަނޑިޔާރު ސުވާލުކުރެއްވުމުން ހަނާ ބުނީ އެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވަނީ ވަކީލާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.
މީހެއްގެ އަނގައާއި ނޭފަތް ނިވާވާގޮތަށް، މޫނުމަތީގައި ޓޭޕް އެޅުމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިކަން ހަނާއަށް އެނގޭތޯ ވެސް އުއްތަމަ ފަނޑިޔާރު ސުވާލުކުރެއްވި އެވެ. ހަނާ ބުނީ އޭރު "އެގޮތަށް" ވިސްނާފައި ނުވާނެ ކަމަށެވެ.
ނަޖީބުގެ ދެ އަތް ގޮނޑިއާ އެއްކޮށް ޓޭޕު އަޅާ ބަނދެފައިވަނީ ހަނާ އެވެ. މުއްރަތު ނަޖީބުގެ ކަރަށް ވަޅިން ހަމަލާދީ މަރާލި އިރު ހަނާ އޮތީ ނިދާފައި ކަމަށާއި، ހަމަލާދިން ތަން ނުދެކޭ ކަމަށް ހަނާ ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ސުވާލުކުރެއްވީ، ނަޖީބު މަރާލާފައި ވަނިކޮށް ހަނާއަށް ފުރަތަމަ ފެނުނު އިރު، އޭނާ އޮތީ އެއްސިގޮތަށް ގޮނޑީގައިތޯ ސުވާލުކުރައްވައިފަ އެވެ. ޖަވާބުދެމުން ހަނާ ބުނީ "ހަނދާންވާ ގޮތުން އޮތީ ގޮނޑީގައި" ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ވަކީލާ މަޝްވަރާކުރުމަށްފަހު އެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންނަމަ، ޖަވާބު ދިނުމަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވެސް ދައްކަން ހުރި ވާހަކަ ދައްކާ ނިންމަން ފުރުސަތު ދެއްވާނެ ކަމަށެވެ.