20:40
ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ތިން ދުވަހު ގޭ ބަންދުގައި ބަހައްޓައިގެން ތަހްޤީޤް ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ޖިނާއީ ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ފުލުހުންގެ ފައުޖެއް މިއަދު މެންދުރު ވަނީ ނާޒިމް ދިރިއުޅުއްވާ ގ. އާބިން އަށް ގޮސް ނާޒިމް ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފަ އެވެ. އަދި އެއަށްފަހު މިއަދު މެންދުރުފަހު ތިނެއް ޖެހިއިރު ފުލުހުން ވަނީ ނާޒިމް ޖިނާއީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ހަވީރު ތިނެއް ޖެހީއްސުރެ ޖިނާއީ ކޯޓުގައި ކުރިއަށްދިޔަ މި މައްސަލާގެ ޝަރީއަތުގައި ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ މައްސަލާގައި ބޭނުންވާ ހެކި ހޯދުމަށް އޭނާ 15 ދުވަހު ޖަލުގައި ހައްޔަރުކުރުމުގެ ފުރުސަތަށް އެދިފަ އެވެ. އަދި ނާޒިމް ޖަލުގައި ބަންދުނުކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ފޮރުވަން މަސައްކަތް ކުރުމުގެ އިތުރުން ފިލަން މަސައްކަތްކޮށްފާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ނާޒިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތް ދެއްވިކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ މައްސަލައިގެ އިތުރުން ބަޔަކަށް ފައިސާ ދީގެން މި ސަރުކާރުގެ ބަޔަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތެވެ. މި މައްސަލައިގައި ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ލީކުކޮށްލައިގެން އުޅޭ ފޯނު ކޯލްތަކުގެ އޯޑިއޯ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ގާނޫނާ ހިލާފަށް ހޯދައިފައިވާ ހެކިތަކަށް މައްސަލަ ނިންމެވުމުގައި ބައްލަވައިފައިނުވާ ކަމަށެވެ.