ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް ދެ ރަށެއްގެ ބިން ހިއްކަން އެމްޓީސީސީއަށް

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދެ ރަށެއްގެ ބިން ހިއްކުން އެމްޓީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދެ ރަށެއްގެ ބިން ހިއްކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި، އއ. ބޮޑުފޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަދި ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަގަކީ 19.8 މިލިއަން ރުފިޔާ އެވެ. އަދި އެ މަޝްރޫއަކީ 250 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ގާއިމުކޮށް ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ އެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަގަކީ 78.5 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއުގައި، އަށް ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1052 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހައި، 180 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލާނެ އެވެ.

އަދި 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި، 1150 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓް ޖަހައި 75 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ގާއިމުކުރާނެ އެވެ.

comment ކޮމެންޓް