އިތުރު މައްސަލައެއްގައި ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގައިފި

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު މައްސަލައެއްގައި ފުލުހަށް ހާޒިރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް އަންގައިފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވެ، އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު "ސަން" އަށް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު ކަމަށެވެ.

އަދި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ، އެއްވެސް އަސާސެއް ނެތް ތަފާތު މައްސަލައެއްް އުފައްދައިގެން ކަމަށެވެ. އަދި ފުލުހުން ވެސް މިއަދު ހަރަކާތްތެރިވަމުން އަންނަނީ ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ޑރ. ޖަމީލް ތުހުމަތުކުރެއްވި އެވެ.

"ހަގީގަތުގައި މިހާރު އެމްއެމްޕީއާރްސީގެ މައްސަލައަކީ އެ މައްސަލައިގެ ތަހުގީގު ކުރެވި މައްސަލައިގައި ހިމެނޭ ފަރާތްތައް، އޭޭސީސީގެ ތަހުގީގުން އެނގިފަ އޮތް މައްސަލައެއް. ވަރަށް ގިނަ ފަރާތްތަކެއް ހިމެނޭ. އޭގެން އެއްވެސް ފަރާތެއް ހާޒިރުނުކުރައްވައި ހަމައެކަނި ރައީސް ޔާމީން [ހާޒިރުކުރަނީ]. އެގޮތުގެ މަތިން ހާޒިރުކުރާ ހާޒިރުކުރުމެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ކިތަންމެ ތަހުގީގުކޮށް، ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީން ހުންނެވީ ސާބިތުކަންމަތީގައި ކަމަށެވެ. އަދި އެ ސާބިތުކަން އެހެން މީހަކަށް ނުދެއްކާނެ ކަމަށާއި، ސާބިތުކަން ދައްކަވަނީ ވެސް އެންމެ ސަބަބަކަށްޓަކައި ކަމަށެވެ.

"ހަމަ އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން އަކީ މައުސޫމް ބޭފުޅެއް ކަން. ކުށެއް ނުކުރައްވާ. މިއަދު ހަގީގަތުގައި މި ހުރިހާ ތަންތަނަށް ދަމައި، ހުރިހާ ތަހުގީގުތަކެއް މި ކުރަނީ އެންމެނަށް ވެސް ކަނޑައެޅިގެން އެނގޭ ހަމަ އެމްއެމްޕީއާރްސީ ހިޔާނަތާގެ ބައިވެރިން ތިބީ ދޫވެފަ ކަން، މަޖިލިސް ތެރޭގަ އާ އެމްޑީޕީ ތެރޭގަ އާ. އެއިން އެއްވެސް ފަރާތަކަށް ދައުވާ ނުއުފުލޭކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ހިޔާނާތް ހިންގި ދެމީހުން އެނގޭ އިރު އެމީހުނަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ނުވާތީ ވެސް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

"އެމަނިކުފާނުގެ ސާބިތުކަން ހުރީ އެ ސަބަބަށްޓަކައި. އެމަނިކުފާނަށް އެނގޭ މިއީ ހަމަ ކަނޑައެޅިގެން ވަކި ބަޔަކު ހަމަ އަޑީގަ ތިއްބަވައިގެން ވަކި ގޮތަކަށް ޒާތީ ގޮތުން ތަފާތުކުރުމެއްގެ ތެރެއިން، ސިޔާސީ ވިސްނުމެއްގެ ތެރެއިން ކުރާ ދައުވާތަކެއް. އެހެންވިީމަ އެމަނިކުފާނު އެހާ ސާބިތުކަންމަތީ ހުންނަވަނީ. އެމަނިކުފާނު ނެތް ކުށެއް ކުރައްވާފައެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމް ހައިކޯޓުން ވަނީ ދަހަމައްޓައިފަ އެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް